މެމްބަރުންނާ މެދު ތަފާތުކުރުން ހައްދުން ނައްޓައިފި: މެމްބަރު ޝަރީފް

ރިޔާސަތުން ރުއްސަވާ މެމްބަރުންނާއި، ނުރުއްސަވާ މެމްބަރުންނާ ދެމެދު ތަފާތުކުރުން ހައްދުން ނައްޓައިފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
މެމްބަރު މިފައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ހިންގަމުންދާ ގޮތާއިމެދު ފާޑުވިދާޅުވެ ކުރެއްވި ޓްވީޓެއްގައެވެ.
މެންމްބަރުގެ ޓްވީޓްގައި ވަނީ، މިދިޔަ ތިން އަހަރަކީ، މީގެކުރިން ދުވަހަކުވެސް ނުހިނގާ މިންވަރަށް، މަޖިލީހުގެ ގަވާއިދަށް އެއްވެސް ބެލުމެއް ނެތި، މަޖިލީހުގެ ކަންކަން ހިނގި ތިން އަހަރު ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ރިޔާސަތު ރުއްސަވާ މެމްބަރުންނާއި، ނުރުއްސަވާ މެމްބަރުންނާ ދެމެދު ތަފާތުކުރުން ހައްދުން ނައްޓާފައިވާ ކަމަށާއި މަޖިލީހުގައި އެންމެ އިސްކަމެއް ދެނީ ސަރުކާރަށް ޖެއްސުން ކުރުމަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ޝަރީފް ވިދާޅުވީ މަޖިލީހަކީ ރައްޔިތުންގެ ގެކަމަށާއި، އެ މަޖިލީހުގެ ތަޅުން ބޭނުންކުރެވެން ވާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށެވެ. އެގޮތުން، ގައުމުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަކީ މަޖިލީހުގެ ހަގީގީ ޒިންމާކަމަށް ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ މުޅި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަކީވެސް މަޖިލީހުގެ ޒިންމާކަމަށެވެ.
ޝަރީފް ވިދާޅުވީ، ރިޔާސަތުން މަޖިލީސް އަކީ ސިޔާސީ ހަސަދަ ފިލުވާ ތަނަކަށް ހައްދަވައިފިކަމަށެވެ.
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީސް ހިންގަވަމުން އަންނަނީ ވަރަށް ހުތުމުހުތާރުކޮށްކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިޔުން ރައީސް ނަޝީދަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ރިޔާސަތުގައި އިންނަވައި މެންބަރުންގެ ވާހަކަ މެދުކަނޑާލުމަށްފަހު އަމިއްލަފުޅު ވާހަކަދެއްކެވުމަކީވެސް ރައީސްއަށް ލިބިގެންވާ ހައްގެއް ނޫންކަމަށް މަޖިލީހުގައި ތިއްބެވި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އަރިސް މެންބަރުން އަންނަނީ ފާހަގަކުރަމުންނެވެ.
މީގެއިތުރުން، ބަހުސްގެ ވަގުތުރޭގައި މަޖިލީހުގެ މި ދައުރުގެ ދެވަނަ ޖަލްސާގައި ނަފްސާނީ ދުޅަ ހެޔޮކަމާއި ގުޅޭ ގޮތުން ބަހުސްކުރެވެމުންދިޔަ ވަގުތުގައިވެސް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާއި، އާސަންދައަށް ކޮށްފައިވާ ހަރަދުތަކާއިވެސް ގުޅުވާ ވާހަކަދައްކަވާފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު މިއަހަރުގެ ޖެނުއަރީ މަހު އާސަންދައިން ކުރި ހަރަދު ބޮޑެވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ރައީސް ޞާލިހަށް މަޖިލީހުގައި ތުހުމަތުވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ