ޢީދުގެ އުފާ ބައްދަލުކުރާ މި ދަނޑިވަޅުގައި، އިސްލާމީ ހުދޫދުގެ ތެރެއިން ޢީދު ފާހަގަކުރުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
ރައީސް ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް ފިޠުރު ޢީދު އަޅުގަނޑުމެންނާ ބައްދަލުކުރަނީ ބަރަކާތްތެރި ރަމަޟާން މަހުގެ މަތިވެރި އަޅުކަމަށްފަހު، އަޅުކަން ފުރިހަމައަށް އަދާކުރެވިއްޖެކަމުގެ އުންމީދާއެކީގައި ކަމަށެވެ. އަދި އެ މާތް މައްސަރުގައި ލައްވާފައިވާ ރުއްސެވުމާއި، ފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުން އަޅުގަނޑުމެންގެ މައްޗަށް ދީލަތިވަންތަ ﷲ ހިންމަވައިދެއްވައިފިކަމުގެ އިތުބާރާއި ހިތްހަމަޖެހުމާއެކީގައި ކަމަށާއި ޢީދު އަޅުގަނޑުމެންނަށް ދަސްކޮށްދެނީ އުފާކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، ޢީދުގެ އުފަލަކީ މާތްﷲ އަށް ޙަމްދު ކުރުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި މުނާސަބަތުގައި ފާޅުކުރަންވީ މާތްﷲ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުކުރެއްވި ރޯދައިގެ އަޅުކަން އަދާކުރެވުމުގެ އުފަލާއި ކީރިތި ޤުރްއާން ކިޔެވުމާއި، ޒިކުރުކުރުމާއި، އިސްތިޣްފާރުކުރުމުގައި ރޯދަމަހުގެ ރޭތަކާއި ދުވަސްތައް ހޭދަކުރެވުނީތީ އެކަމުގެ އުފާ އަދި އަޅުގަނޑުމެންގެ ތެރޭގައި ތިބި އެކިއެކި ނިކަމެތިކަން ތަހައްމަލުކުރާ ފަރާތްތަކަށް ދީލަތިވެވުމުގެ އުފާކަމަށެވެ. ހަމައެއާއެކު، އުފާ ފާޅުކުރުމުގައި އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ޝުކުރުކުރުމާއި މުސްލިމުން އެކަކު އަނެކަކުގެ މައްޗަށް ހިތްހެޔޮކުރުމާއި ފަރުދީގޮތުންނާއި ޖަމާޢަތުގެގޮތުން ހިތްތަކަށް ހަމަޖެހުން ހޯދައި، މުޖުތަމަޢުގައި އީމާންކަމާއި ލޮބުވެތިކަން އާލާކުރުން މުހިންމުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ޚިޠާބުގައި ވަނީ، އިސްލާމްދީނުގައި އެއްވެސް ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ މިންގަނޑުން ބޭރުވުމެއް ނެތްކަމަށާއި ޢީދުގެ އުފާފާޅުކުރުން ވެސް އޮތީ އެގޮތުގައި ކަމަށް ފާހަގަކުރައްވާފައެވެ. އެހެންކަމުން، ޢީދުގެ އުފަލުގައި ކަންކަން އިންތިޒާމުކޮށް ރާވާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމުކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މީގެއިތުރުން، ރޯދަމަސް އަޅުގަނޑުމެންނާ ވަކިވެގެން ދިޔައީ އަޅުގަނޑުމެންގެ ނަފުސުތަކަށާއި ގުނަވަންތަކަށް މުހިންމު ތަމްރީނުތަކެއް ދީފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ރަނގަޅު ބަސްތައް މެނުވީ ދޫތަކުން ނުބުނުމާއި ރަނގަޅު ޢަމަލުތައް މެނުވީ ގުނަންތަކުން ނުކުރުމާއި ވަކިވަކިވެ ރޫޅިފައިވާ ބައެއްގެ ގޮތުގައި ނުވެ، ބިޔަ އެއް ޖަމާޢަތެއްގެ ގޮތުގައި އެއްބައިވަންތަކަމާއެކު މުސްލިމުން ދެމި ތިބުމަށް އެމަނިކުފާނު ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ. އަދި ހުރިހާ މާނައެއްގައިވެސް، ހުރިހާ ވަގުތެއްގައިވެސް ކެތްތެރިވުމަކީ ރޯދައިގެ މަދުރަސާއިން ލިބުނު ފިލާވަޅުތައްކަން ރައީސް ފާހަގަކުރެއްވިއެވެ.
ބަރަކާތްތެރި ފިތުރު ޢީދުގެ އެއް ފަރާތުގައި ވަނީ ރޯދަމަސް ކަމަށާއި އަނެއް ފަރާތުގައި ވަނީ ޝައްވާލު މަހުގެ 6 ރޯދަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެއިންވެސް ދޭހަކޮށްދެނީ ހެޔޮ ޢަމަލުތަކުގެ މަތީގައި ދެމިތިބެން އިސްލާމްދީން ގޮވާލަނީ ވަރަށް ފުރިހަމަ ނިޒާމަކުން ކަމަށާއި ރޯދަމަސް ނިމުމުން އަޅުކަންތަކާ ދުރުހެލި ނުވުމަށާއި އެ ޢަމަލުތައް އިތުރަށް ކުރިއަށްގެންދިއުމަށް ހަ ރޯދައިން ދަޢުވަތު ދޭކަމަށެވެ.
ހަމައެއާއެކު، ފިޠުރު ޢީދު މިއަހަރު މި ބައްދަލުކުރަނީ އިސްލާމީ އުންމަތް ނުތަނަވަސްކަމެއްގެ ތެރޭގައިވާ ދަނޑިވަޅެއްގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، ފަލަސްޠީނާއި މެދުއިރުމަތީގެ އެހެން ބައެއް ބިންތަކުގައި މުސްލިމުން ތަހައްމަލުކުރަމުންދާ ހުރިހާ ވޭނެއްގައި ދިވެހީން ބައިވެރިވާކަން ހާމަކުރައްވާފައެވެ. އަދި އެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އަމާންކަމާއި ރައްކާތެރިކަމަށާއި މުސްލިމުންނަށް ބާރުވެރިކަމާއި ޤަދަރުވެރިކަމާއި ހައިބަތަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
ޢީދު ފާހަގަކުރާއިރު، އިސްލާމީ އިންތަކާއި މިންތަކަށް ފަރުވާތެރިވުން މުހިންމު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ