ފްލައިނަސްގެ ދަތުރުތައް އަންނަ މަހު 3ގައި ރާއްޖެއަށް ފަށަނީ

ސައޫދީ ޢަރަބިއްޔާގެ އެންމެ ބޮޑު ލޯކޮސްޓް އެއާލައިން ފްލައިނަސްގެ ދަތުރުތައް އަންނަ މަހު ފަަށަން ތައްޔާރުވެފައިވާކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއަލައިންތައް ހުއްޓާލާފައިވުމާއި އެކު އިތުރު މާކެޓުތަކުން އެއަރލައިންތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހާލަތާ ގުޅިގެން ކުރިން 18 ނުވަތަ 19 ފްލައިޓެއް ކެންސަލްވި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން އެމިރޭޓްސް، ގަތަރު އެއަރވޭސް އަދި އިއްތިހާދު އެއަރވޭސްގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައިކަމަށެވެ. އަދި ފްލައި ދުބާއީއާއި އެއަރ އަރަބިއާގެ ދަތުރުތައްވެސް ވަނީ ފަށާފައިކަމަށެވެ.
ވަޒީރު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ގެއްލުންވަނީ ހަމަ އެކަނި ރާއްޖެއަށް ނޫންކަމަށެވެ. އިތުރު ޤައުމުތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށާއި އެހެންނަމަވެސް ނިސްބަތުން ބަލާއިރު ރާއްޖޭގެ ފަތުރުވެރިކަމާއި އެއަރލައިންތަކުގެ އަދަދުތައް އިތުރު ކުރެވިގެންދާކަމަށް ފާހަގަ ކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މީގެ އިތުރުން އެއިރޯފްލޮޓް އަދި ޓާކިޝް އެއާލައިންގެ ފްރީކުއެންސީ އިތުރުކޮށްފައިވާއިރު، ބެލާވިއާ އަދި ފްލައިނާސް ފަދަ އެއަރލައިންތަކުންވެސް ދަތުރުތައް ފަށަން ނިންމާފައިވާކަމަށެވެ. އެގޮތުން ފްލައިނާސްގެ ދަތުރުތައް އަންނަ މަހުގެ 3 ގައި ރާއްޖެއަށް ފަށާނެކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަށް އެޑިޝަނަލް ކެރިއަރަސްއެއް ގޮތުގައި ފާހަގަވެފައިއޮތަސް މިހާރު އޮޕަރޭޓްސް ކުރަމުންދާ އެއަރލައިންސްތަކުގެ ތެރެއިން ޓާރކިސް އެއިރޯފްލޮޓް މީގެ ވެސް ފްރިކުއެންސީ އިތުރު ކުރެވިގެން ގޮސްފި. އޭގެ އިތުރަށް ފްލައިނަސް އެއަރލައިންއިން މިހާރު ފަށަން އެ ތައްތާރުވަނީ ރިޔާދުން ފެށިގެން 3 މެއިން ފެށިގެން. ބެލާވިއާގެ އެއަރލައިންގެ ޗާރޓާޑް ޕްރޮގްރާމް އޮގަސްޓުމަހު ފެށިގެންދާނެ" ވަޒީރު އަމީން ވިދާޅުވިއެވެ.
ރާއްޖެއަށް މިވަގުތު ދަތުރުކުރާ އެއަރލައިންތަކުގެ ތެރޭގައި ގިނައީ އޭޝިއާ ސަރަޙައްދުގެ އެއަރލައިންތަކެވެ. އެގޮތުން އޭޝިއާ ސަރަޙައްދުގެ 16 އެއަރލައިނަކުން ދަނީ ދަތުރުކުރަމުންނެވެ. ޔޫރަޕްގެ 13 އެއަރލައިނަކުން އަދި މެދުއިރުމަތީގެ 6 އެއަރލައިނަކުން ދަތުރުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ