'ދަ ވައިޓް ލޮޓަސް 4'ގެ ކާސްޓުގައި ދީޕިކާ؟
ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ހޮލީވުޑްގެ ބްލެކް ކޮމެޑީ ޑްރާމާ އެންތޮލޮޖީ ޓެލެވިޒަން ސީރީސް "ދަ ވައިޓް ލޮޓަސް"ގެ ހަތަރުވަނަ ސީޒަންއިން އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ޑިކޭން ކްރޮނިކަލްގެ ރިޕޯޓަކާ ހަވާލާދީ ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ އެމީ އެވޯޑު ހާސިލުކޮށްފައިވާ މި ޑްރާމާ ސީރީސްގެ ހަތަރުވަނަ ސީޒަންގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އަދި, އާ ސީޒަންގެ ގިނަ މަންޒަރުތަކެއް ނަގަން ހަމަޖެހިފައިވަނީ ފްރާންސްގައި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. "ދަ ވައިޓް ލޮޓަސް"ގެ އާ ސީރީސްއިން ދީޕިކާ ފެންނާނެކަމުގެ އަޑުތަކެއް އަރާފައިވާއިރު, މި ސީރީސްގެ ތިންވަނަ ސީޒަނަށް ބަތަލާ ގެނައުމުގެ މަޝްވަރާތަކެއް 2024 ގައި ވެސް ވަނީ ކުރެވިފައެވެ. "ދަ ވައިޓް ލޮޓަސް" ސީރީސްގެ ކާސްޓުން އެ ސީރީސްގެ ތިން ވަނަ ސީޒަންގެ ޕްރީމިއާގައި--ފޮޓޯ/ހިންދުންސްތާންޓައިމްްސް ރިޕޯޓުތަކުން ބުނިގޮތުގައި އޭރު ދީޕިކާ, އެ ސީޒަންއިން ނުފެނުނީ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެންނެވެ. މިހާތަނަށް މިކަމާ ގުޅޭގޮތުން ދީޕިކާގެ ޓީމުން ރަސްމީކޮށް ވަކި އެއްޗެއް ބުނެފައިނުވާއިރު, "ދަ ވައިޓް ލޮޓަސް"ގެ ޓީމުންވެސް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. "ދަ ވައިޓް ލޮޓަސް"އަކީ 2021 ވަނަ އަހަރުން ފެށިގެން ގެނެސްދެމުން އަންނަ ސީރީސްއެކެވެ. މި ސީރީސްގެ އެންމެ ފަހު ސީޒަން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 16އިން ފެށިގެން އޭޕްރިލް މަހުގެ ހަވަނަ ދުވަހާ ހަމައަށެވެ. މީގެ ކުރިން ވެސް ހޮލީވުޑްގެ ފިލްމަކުން ފެނިފައިވާ އިންޑިއާގެ ބަތަލާ ދީޕިކާއަކީ ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުން ޖާގަ ހޯދާފައިވާ ފިލްމީ ތަރިއެކެވެ. އެ ގޮތުން، ދުނިޔޭގެ މަޝްހޫރު ލަގްޒަރީ ބްރޭންޑް އެމްބެސެޑަރުގެ ގޮތުގައި ދީޕިކާ ހޮވާފައިވާއިރު އޭގެ ތެރޭގައި ޔޫރަޕްގެ ލަގްޒަރީ ބްރޭންޑް ލުއިވިޓޯން ހިމެނެއެވެ. ފިލްމު "ފައިޓާ"، "ކަލްކީ" އަދި "ސިންގްހަމް އަގެއިން"ގެ ރޯލަކުން 2024ގައި ފެނުނު ބަތަލާ އަންނަނީ ޝާހްރުކް ޚާންގެ ބިޔަ ބަޖެޓް ފިލްމު "ކިންގް" އަދި ތަމަޅަ ޑައިރެކްޓަރު އެޓުލީގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ