ރާއްޖޭގައި މިހާރު އިންތިޚާބުތައް ބާއްވަމުން އަންނަ ތަރުތީބުގެ ސަބަބުން ރައްޔިތުންގެ މަޖިލިސް އޮންނަނީ ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށުގައި ކަމަށާއި، އެކަން ބަދަލުކުރުމަށް ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވަން ތާއީދު ކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ބޭފުޅަކު އިންތިޚާބު ކުރާތާ އެންމެ ތިން މަސް ފަހުން މަޖިލިސް އިންތިޚާބު ބޭއްވުމުން، މަޖިލިސް ރައީސްގެ ބާރުގެ ދަށަށް ގެންނަ ކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި ބޭއްވުނު އިންތިޚާބުތަކުން ފެނިފައިވަނީ އެ މަންޒަރުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޢަބްދުالله ޔާމީން އިންތިޚާބުވެވަޑައިގަތުމަށްފަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ބޮޑު މަޖިލިސް ނެގި. ދެން އައީ އަޅުގަނޑު. 2018 ގައި އަޅުގަނޑު އިންތިޚާބު ވުމަށްފަހު 2019 ގައި އަޅުގަނޑު ނެގިން ޔާމީންއަށްވުރެ ގިނައިން މަޖިލީހުގެ މެޖޯރިޓީ. ދެން މި އައީ މިހާރުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު. ރައީސް މުޢިއްޒު ނަގައިފި އެއަށްވުރެ ގިނައިން. މާގިނައިން ނަގައިފި.
އެފަދައިން ކަން ވުމުން ނުކުންނަ ނަތީޖާ ރަނގަޅު ނޫންކަން ފާހަގަ ކުރައްވައި ރައީސް ޞާލިޙް ވަނީ އެއީވެސް ރަނގަޅު ގޮތެއް ނޫންކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރައީސް ޞާލިޙް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރަނީ ފަސް އަހަރަށް ކަމަށް ވާއިރު، އެ ރައީސަކު ކަން ކުރައްވާގޮތް ކޮންމެވެސް ވަރަކަށް ބަލަންޖެހޭ ކަމަށެވެ. އަދި އެއައްފަހު މަޖިލޮސް އިންތިހާބެއް ބޭއްވުމަށް އެމަނިކުފާނު ޚިޔާލުދެއްވިއެވެ.
"ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހާސިލް ކުރެއްވޭ ވަރު ރައްޔިތުންނަށް އެނގެން ޖެހޭނެ. އެއްގޮތަކީ ދެ އަހަރު ބައި ހޭދަކުރެއްވުމަށްފަހު، ރައްޔިތުންނާ ހަމައަށް އައުން. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް. އޭރަށް ރައްޔިތުންނަށް އެނގޭނެ ކޮށްފައި ހުރި ކަންތަކާއި، ނުކޮށް ހުރި ކަންތައް. އެހެން ނޫނިއްޔާ، މިހާރު އެބުނާ ގޮތަށް ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމަށްފަހު، މަޖިލީހުގެ ދައުރު ދެ އަހަރު ބަޔަށް ކުޑަކޮށްލުން،"
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރުގެ ދައުރެއް އަދާކުރައްވާއިރު، ވަކި ހިސާބަކުން ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީ މިހާރު އޮންނަގޮތުން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދާރީ ކުރެވެން ނޯންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، އިންތިޚާބުތައް އެއްކޮށްލުމާ ގުޅޭގޮތުން ސަރުކާރުން ބާއްވަން ނިންމާފައިވާ ފެންނަ ނުފެންނަ ވޯޓާ މެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށް ޞާލިޙް ވިދާޅުވިއެވެ.
މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު 1 ޑިސެމްބަރު 2028އަށް ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ތާރީހެއްގައި ބާއްވަން ޖެހޭ ގޮތަށް މަޖިލީހުން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފަ އެވެ.
އެކަމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ކައުންސިލް އިންތިޚާބު ތެރެއިން ނެގުމަށް ޕީއެންސީ މެންބަރުން ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް ޞާލިޙް ތާއީދު ކުރައްވަނީ ދައުރުގެ މެދުތެރެއިން މަޖިލިސް އިންތިޚާބު ބާއްވަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ