އީރާނާ އެކު ވިޔަފާރި ކުރާ ގައުމުތަކަށް %25ގެ ޑިއުޓީ ނަގަން ޓްރަމްޕް ނިންމަވައިފި

އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އީރާނާ އެކު ވިޔަފާރި ކުރާ ކޮންމެ ގައުމަކުން އެމެރިކާއަށް އިމްޕޯޓް ކުރާ ކޮންމެ މުދަލަކުން %25 ޑިއުޓީ ޓެރިފް ނަގާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
"ވަގުތުން ވަގުތަށް އަމަލު ކުރަން ފަށާނެ. އީރާނާ އެކު ވިޔަފާރި ކުރާ ކޮންމެ ގައުމަކުން ވެސް، އެމެރިކާއާ އެކު ކުރާ ވިޔަފާރީގެ މުމަލާތްތަކުން %25ގެ ޓެރިފް ދައްކަންޖެހޭނެ،" ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވި އެވެ.
އެމެރިކާއަށް އިމްޕޯޓް ކުރާ މުދަލުން އެ ގައުމުތަކުން ޑިއުޓީ ޓެރިފް ދައްން ޖެހޭނެ އެވެ. އީރާނާ ދެކޮޅަށް އެމެރިކާ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. 
"މި އަމުރަކީ އެންމެ ފަހުގެ އަމުރު އަދި އެންމެ ފަހުގެ ނިންމުން،" އިތުރު ތަފުސީލަކާ ނުދެއްވައި ޓްރަމްޕް ވިދާޅުވި އެވެ.
އީރާނުން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިންޑިއާ ހިމެނެ އެވެ.
ވައިޓް ހައުސްގެ ވެބްސައިޓްގައި އެ ސިޔާސަތާ ބެހޭ ރަސްމީ އެއްވެސް ލިޔެކިޔުމެއް އަދި ޓެރިފް ނެގުމަށް ޓްރަމްޕް ބޭނުން ކުރައްވާނެ ގާނޫނީ ބާރާއި އީރާނުގެ ހުރިހާ ވިޔަފާރި ބައިވެރިންނަށް އަމާޒު ކުރާނެ ކަމުގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. އަދި އެކަމާ ގުޅިގެން ވައިޓް ހައުސްގެ ބަހެއް ރޮއިޓާސްއަށް ލިބިފައި ނުވާ ކަމަށް އެ އެެޖެންސީން ބުންޏެވެ.
މިދުވަސްވަރު އީރާނުގައި އިދިކޮޅުން ބާއްވަމުން އަންނަ މުޒާހަރާތަކަކީ މި ފަހުން ބާއްވާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.  އެ މުޒާހަރާތައް ފަށާފައި މިވަނީ، މިދިޔަ އަހަރުގެ ޖޫން މަހު އެމެރިކާގެ އެކުވެރި އިޒްރޭލާ އެކު 12 ދުވަހަށް ދިގުދެމިގެން ދިޔަ ހަނގުރާމައަށް ފަހު އަދި އެމެރިކާގެ އަސްކަރިއްޔާއިން އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ބޮން އަޅައި އެ ތަންތައް ސުންނާފަތިކޮށްލައި ގައުމު ވަރަށް ދަށު ދަރަޖައަކަަށް ވެއްޓިފައިވަނިކޮށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުގެ އޮފިޝަލުންނާ ބައްދަލު ކުރައްވާނެ ކަމަށާއި އީރާންގެ އިދިކޮޅު ފަރާތްތަކާ ގާތުން ގުޅުން ބާއްވަމުން އަންނަ ކަމަށެވެ. އޭނާ ގެންދަވަނީ އީރާންގެ ލީޑަރުންނަށް ޕްރެޝަރު ކުރައްވައި، އަސްކަރީ ފިޔަވަޅު އެޅުމުގެ އިންޒާރުތައް ވެސް ދެއްވަމުންނެވެ. 
އީރާނުން ބުނީ އެމެރިކާއާ އެކު މުވާސަލާތީ ދޮރު ބަންދު ނުކުރާ ކަމަށާއި މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. އެ މަޝްވަރާތައް ކުރިއަށް ދަނީ އީރާނުގެ ހާލަތާ މެދު އަމަލު ކުރާނެ ގޮތަކާ މެދު ޓްރަމްޕް ވިސްނަވަމުންދާ ދަނޑިވަޅެއްގަ އެވެ. އަދި އެއީ 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު އެ ގައުމުގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމެވެ.
އީރާންގައި މުޒާހަރާތައް ކުރިއަށްދަނީ އިގުތިސާދީ ގޮތުން ދަތިތައް ކުރިމަތިވެ، ތަކެތީގެ އަގުތައް މައްޗަށްދާތީ އެވެ. އެމެރިކާއަށް ނިސްބަތްވާ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތް، އެޗްއާރްއޭއެންއޭ އިން ބުނީ މިދިޔަ މަހު 28ގައި ފެށި މުޒާހަރާތަކުގައި 599 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި އާންމުންގެ 510 މީހުންނާއި ސަލާމަތީ ބާރުތަކުން 89 މީހުން ހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ