ޖުންޖުލާ 20
"ކޮންމެފަދަ ކަމެއްވެސް ދިމާވަނީ ﷲގެ ގަދަރުފުޅުން ކަމަށް ސިކުނޑިއަށް ވައްދާދިނުމުން ދިރިއުޅުމުގެ ބުރަތައް އުފުލަން ފަސޭހަވާނެއެވެ. ﷲއަށް ތަވައްކަލްކުރާށެވެ. ކޮންމެ ފަދަ އިމްތިހާނެއް ދިމާވިޔަސް ޝުކުރުކުރާށެވެ. ސަބަބަކީ މި ހަޔާތަކީ ދާދި ކުޑަދުވަސްކޮޅެއް ކަމުގައިވާތީއެވެ." *** "ތިމީހުން ނުފެންނަ ހިސާބަކަށް..ގަބުރުސްތާނަށް.."ޖެނީފާ ހަޅޭއްލަވައިގަތެވެ."އަހަރެން އެންމެނަށް ނުފެންނަ ހިސާބަކަށް ދާނީ..އެނގިއްޖެތަ؟" "އަދި ފަރުވާ ނިމެން ދުވަސްކޮޅެއް އެބައޮތެއްނު.."އާރިކް ވާހަކަދެއްކީ މަޑުމައިތިރިކޮށެވެ. "އަހަރެން ބަދަލުވެދާނެކަމުގެ އުއްމީދުގައި މިތަނުގައި ހައްޔަރުކޮށްގެން ތިގެންގުޅެނީ؟ އެކަމަކު ކަލޭމެން ދުނިޔެއަށް ނޭވާލުމުގެ ކުރިން ހަލާކުވެ ނިމިފައި މިހިރީ..ރަގަޅެއްނުވާނެ ދެނެއް....." "އެހެންވިޔަސް ފުރުސަތު ދެވިދާނެއްނު. އެވީ ދުވަސްތަކުގެ ބަދަލުގައި...ދުވަސްކޮޅަކަށް ނަމަވެސް މާމަގާތަށް ދާންވީނު..މާޒީގައި ހެދުނު ގޯސްތަކަށް ކައްފާރާއަކަށްވެސް ހަމަ ވެދާނެ....." އެއީ ޖެނީފާގެ ސަމާލުކަން އަތުލައިގަތް ލަފުޒަކަށްވިއެވެ. ދަބަސް ބަހައްޓާފައިގޮސް އެނދުގައި އިށީނީ ހަގުރާމައަކުން ބަލިވެފައިވާ މީހެއްފަދައިންނެވެ. އެ މޫނުމަތީގައިވި އިހުސާސްތައް ދެނެގަންނަން ދެބެންނަށްވެސް ނުކުޅެދުނެވެ. އާރިކް އެނދުކައިރީގައި ހުރި ސޯފާގައި ޖައްސައިލިއިރު ބާބިލް އިށީނީ ޖެނީފާއާއި ގާތުގައެވެ. އެދޭތެރޭގައި އެހެން މީހަކު އިށީންނާނެހާ ހުސްތަން ބަހައްޓާފައެވެ. ދެމައިންކަމުގައިވިޔަސް އެ ގުޅުމުގައި އަދިވެސް ވަނީ ބީރައްޓެހިކަމެވެ. އެހުސްކަން ފުރައިލަން ބާބިލް މަސައްކަތްކުރިޔަސް މަންމަގެ ފަރާތުން އެއްބާރުލުން ނުލިބެނީއެވެ. "ތިއީ އަހަރެންގެ ދެދަރިން ކަމުގައި ދެކެން އަދިވެސް އަމިއްލަ ނަފުސް ދެކޮޅު ހަދާ.ސަބަބަކީ އަހަރެންގެ މިޒާޖާއި ވިސްނުން ހުރި އެކަކުވެސް ކަލޭމެންގެ ތެރޭގައި ނެތީމަ..އެކަކީ މުޅި ގައުމުގައި ނަން ހިގާ މިނިސްޓަރެއްގެ ދަރިއެއް..ޑޮކްޓަރެއް، ދެން މިއިނީ ނިގާބީއެއް. އުސްތާޒާއެއް..އަޅުވެރިކަމަށް ހެދިގެން އުޅޭއިރު ހިތުގައިވާ އެއްޗެއް ދެކެދެނެވޮޑިގެންވަނީ ހެއްދެވި ފަރާތް..އަހަރެން ގަބޫލުކުރާގޮތުން ގިނަ މީހުން ތި އަޅަނީ ކޮންމެވެސް އައިބެއް ފޮރުވަން ނޫނީ އުޅެން ފަސޭހައަކަށް. އެހެންވީމަ އަހަރެންގެ މިތިބީ މުޅިން އެހެން ޖީންއެއް ލިބިފައިތިބި އެހެން ވިސްނުމެއްގެ ދަރިންތަކެއް. ވީއިރު އެއްކޮށް އުޅޭނެ ގޮތެއް ވިސްނުމަކަށް ނާދޭ........." "ބްރެއިންއަކީ ވަރަށް ތަފާތު އެއްޗެއް ފީޑްކުރި އެއްޗެއް އެވެސް ދަސްކުރާނީ......މާމަ ވަރަށް އުފާވާނެ އެގެއަށް ބަދަލުވީމަ." "މާމަ އަހަންނަށް އެންގީ ދުރުން އުޅެން. މާމަދަރިއާއި ޝައިތާނެއް އަވަލިޔަސް ރަގަޅުވާނެ މަށަށްތުރެ...ކަލޭމެންނަށް އަދިވެސް މާމަ ދަހެއްނުވޭތަ؟ ވަރަށް ހަރުކަށި އެހެން ސޮފްޓް ލަވިން މޫނެއް ހުއްޓަސް..މަގޭ ގައިގާ ތަޅައިގަންނަންވެސް ފަސްނުޖެހޭ.." "ހަރުކަށިވުމަކީވެސް ލޯބީގެ ވައްތަރެއް.."އާރިކް މާމަ ދިފާއުކުރިއެވެ. "އާނ...މާމަ ދަރި ވަރަށް ރަގަޅަށް ތަރުބިއްޔަތުކޮށްފައި އެބަހުރި...ޖެންޓްލް ޕޭރެންޓިން އިން ކުދިން ސްޕޮއިލްވަނީ..މާމަވެސް އެކަން ދަނޭ..."ޖެނީފާ ބާބިލްގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ." ކަނބުލޮ ބޭރަށް ދޭބަލަ އިރުކޮޅަކަށް..ޑޮކްޓަރާއި ޕޭޝަންޓްގެ ޕްރައިވެޓް ކޮންސަލްޓޭޝަންއަކަށް...." "އޯ....ސިކްރެޓްސް ދޯ...ބާބިލްއާއިވެސް ޝެއާކުރާނެނަމަ..."ބާބިލްއަށް ހިނިތުންވެވުނެވެ. މަންމަގެ ދުލުން "ކަނބުލޮ" އިވުމުން ތަފާތު އިހުސާސެއް ކުރެވުނެވެ. އެއީ ޖެއްސުމަށް ބުނިއެއްޗެއް ނަމަވެސް ޒަހްރާގެ މަތިން ހަނދާންއާވިއެވެ. ލޮލުން ކަރުނަ ހިލުނެވެ. އުފަލާ ހިތާމަ އެކުލެވުނު ކަރުނައެވެ. "ޕާސަނަލް ކަންތައްތައް ޝެއާކުރާކަށް ނޫން...މީ ހަމަ އާރިކްއާއި ގުޅުމެއްވާކަމެއްވީމަ އެހެން މީހަކަށް އަދި އަޑު އިއްވަން އާރިކް ބޭނުންނުވެދާނެ.."ޖެނީފާ ލޯ އަޅައިލިއެވެ."ކޮފީއެއް ހިފައިގެން އާދޭ..އަދި އިހުސާންތެރި ކަމެއްކޮށްދެންޏާ އިހަށް ނިކްސަންވެސް ގޮވައިގެން ދޭ..އެ ސޮރުވެސް މަށާއި ޖައްސާލާފައި އޮންނަ ސަބަބެއްވެސް ނޭގޭ. އާރިކްއާއިހެދި؟" ބާބިލް ނުކުތުމާއެކު އޭނަގެ މަންމަ އިއްވައިލި ޚަބަރުން ޝޮކެއް ލިބުނެވެ. މަންމަ ބުނީ އަދީނާއާއި އަހެދްގެ ސިއްރު ވާހަކަތަކެއް އިވުނީކަމުގައެވެ. އަހެދްގެ ހިތުގައިވެސް ވަނީ އާރިކްއެވެ. އާރިކް ނުލިބިއްޖެއްޔާ އޭނަ ދަންޖެހިގެން މަރުވެދާނެއެވެ. އެދެމީހުން ރާވާފައިވަނީ އާރިކް އަހެދްއާއި ގުޅުވުމެވެ. އަލާނާއަށްވުރެ އަހެދް ހުރިހާގޮތަކުންވެސް ރަގަޅުކަމަށާއި ޖެނީފާގެ ހޮވުމަކީވެސް އެއީކަމުގައި ބުނެލިއެވެ. އަހެދްއަށް ތައުރީފުކޮށް ނިމެންދެން އާރިކް އިތުރު ވާހަކައެއް ނުދައްކައެވެ. އޭނަގެ ޚިޔާލަށް އައީ އަލާނާއެވެ. އަލާނާގެ ހުށަހެޅުމެވެ. ބައްޕަގެ އިންޒާރެވެ. އެންގުމެވެ. ހަގީގަތަކީވެސް ފުރުގާންގެ ބާރު ގިނަ މުއައްސަސާތަކުގައި އޮތުމެވެ. އެކަމަކު އެންމެ ބޮޑު ޝޮކަކީ އަހެދް އޭނައާއި ދޭތެރޭ އެފަދަ ނަޒަރަކުން ދުށުމެވެ. އަދީނާ ބަލިމީހެއްގެ ގޮތުން އޭނައާއިމެދު ރަގަޅުގޮތް ދެކުން މައްސަލައެއްނޫނެވެ. ޑޮކްޓަރަކާއިދޭތެރޭ އޮންނަ އޯގާތެރިކަމާއި ރީތި ގުޅުމަކީ ނަމޫނާއަކަށް ވާންޖެހެއެވެ. އެމަންޒަރަށް އަހެދް އަންނާންވީ ކީއްވެހެއްޔެވެ؟ "އާރިކް..ބާބިލްއާއި އަހެދް ކިތަންމެ އެކުވެރިޔަސް އިތުރަށް މިވާހަކަ ދައްކަން ހަދާނެކަމެއްނެތް..ބާބިލްއަށް ސަޕްތައިޒެއް ދޭންވާނީ...އާރިކްގެ ފަރާތުން އަހަރެންގޮސް ކައިވެންޏަށް އަހާފާނަން...މިހާ ރަގަޅު ފުރުސަތެއް ނުލިބޭނެ.." "އިހަށް މަޑުކޮށްލަދީފާނަންތަ؟އަދިވެސް ލިބުނު ޝޮކް ފިލައިގެން ނުދޭވިއްޔަ.."އާރިކްއަށް ހީލެވުނެވެ. އޭނަގެ މަންމަ މިހާ އަވަސްއަރުވާލައިގެން އުޅެނީ އަލާނާ އޭނަގެ ދިރިއުޅުމަށް އައިސްފާނެތީކަމަށް ވެދާނެއެވެ. މައިންބަފައިންގެ ދޭތެެރޭ އޮންނަ ނުތަނަވަސްކަމާއި މައްސަލަތަކުގައި ތާށިވެ ދަރިންނަށް "ސްޓްރެސް"ވާވަރު ގިނަފަހަރު ނޭގެނީއެވެ. އޭނަގެ ސިކުނޑީއަށް ވެރިވި ވާންކަމާއި ބުރަކަންވެސް އިތުރުވިއެވެ. "އެކަމަކު..އަހެދް ދުވަހަކު އެކަހަލަ އެއްޗެއް ނުބުނޭ..ރަގަޅަށް މޫނަށް ބަލައިލިކަމެއްވެސް ނޭގޭ.." އާރިކްއަށް ބުނެވުނެވެ. "މޫނުފޮރުވައިގެން ތިބޭކުދިން މަކަރުވެރިވާނެ...ގިނަފަހަރު އެކަހަލަ ކުދިން ވަކި އަހަރެމެންނަށްވުރެ އަޅުވެރިވެގެން ފޮރުވެނީއެއްނޫން.."ޖެނީފާ އަނގަޔަށް ގޮތެއް ހެދިއެވެ."އެކުދިން ބަލާނީ ސިއްރުން..އެކުދިންގެ ހިތަށްވެސް ސިއްރުން...ނުބަލާކަމަށް ހެދިގެން ބުރުގާގެ ދަށުން ހުރިހާކަމެއް ކުރާނެ. ޖުއްބާއެއްގެ ދަށުން އަންހެނަކު ފެނުނު ވާހަކަވެސް މީހަކު މަގޭ ގާތު ކިއޭ..... އަހަދް އެކަންޏެއް ނޫން. ހުރިހާ އަންހެންކުދިން އާރިކްއާއިހެދި މޮޔަވެފައި އެތިބެނީ..އެހެންއެވަނީ ސިންގަލްކޮށް ހުރީމަ. ތި ލޭބަލް އަވަހަށް ނައްޓާލަންވީ.އެންމެ ރަގަޅު ހައްލު ދެންމެ މިބުނީ..އެކަމަކު އަހެދްއަކީ މިބުނާހެން ނިގާބުގެ ނިވަލުގައި ނުބައި ކަންކުރާނެ ކުއްޖެއްނޫން...ދެން އަންހެންކުދިން މިވަރުން އުޅޭއިރުވެސް އާރިކް އަދިވެސް ތިހެން...." "ނުދެނެހުރިން...އެހާވަރުން އެކަކުވެސް އުޅޭކަމެއް..ކިިރިޔާވެސް އަލާނާ.."ފަހު ލަފުޒުތައް އިވުނީ ހަމައެކަނި އާރިކްގެ ކަންފަތަށެވެ. "ޒަރާއާއި މަލްހާވެސް އެވާހަކަދެއްކި ކަމަށްވަނީ. އެހެންކުދިންވެސް ޗުކުޗުކުލައްވާ. އެހެޔޮ މީހުންނާއި އިނދެ މާމަ ދަރިން ތިއްބަސް...ދެން އެހެރީ އަބަދު ހިޔަނިގެން އުޅޭ ހުލިހުލިސީނާ....... އަލާނާ އެހެން އަންހެނުންނާއި ތަފާތު...އެއީ ހަމަ ސިންސިއާ ކުއްޖެއް..އޭނަ ބުރުގާ އެޅިއްޔާ އަޅާނީ ދީނަށް އުޅެން..އެކުއްޖެއްގެ ހުރި ރަަގަޅުސިފައެއް ބުނެވިދާނެ...ސީދަލަށް ބުނާނެ.." އާރިކްގެ ތުންފަތުގައިވި ހިނިތުންވުން ފޭދުނެވެ. އަލާނާ ވަޒީފާއަށް ނާންނަތާ ތިންދުވަސްވީއިރު މުޅިތަން ފަޅުވެ ތަނުގެ ރޫހު ގެއްލިއްޖެއެވެ. އޭނަގެ މަންމަގެ އަޑުވެސް މަޑުވެއްޖެއެވެ. ދިހަ މިނިޓް ނުވަނީސް ބާބިލް ދެކޮފީ ހިފައިގެން އައެވެ. "މިކުއްޖާ ފަހަތުން ނުފިލާނެ ދޯ...."ޖެނީފާ ކޮފީ އަތުލިއެވެ. "ސިއްރު ނިމުނީތަ؟ ކޮންމެވެސް ކުއްޖަކު މިއިނީ ކަންބޮޑުވެފައި.."ބާބިލް އާރިކްއަށް ކޮފީތަށި ދިއްކޮށްލިއެވެ. އެދެކެވުނު ވާހަކައެއް އަހާހިތުން ހިތް ބޭގަރާރުވިއެވެ. ވަރަށް ގިނަ ދުވަހު ވަކިން އުޅުމަށްފަހު އެކީގައި އުޅެން ފުރުސަތު ލިބުމުން ސިއްރުތައްވެސް ހިއްސާކުރެވެންވާނެއެވެ.އެއާއެކު އޭނައަށް ވިސްނުނީ އޭނަވެސް މާޒީ ފޮރުވާފައިވާކަމެވެ. ލޯކަންްއާއި އާރިކްގެ އެކުވެރިކަން އޮތްކަން އެނގޭއިރުވެސް އެއީ ކާކުކަން ބުނެދޭން ފަސްޖެހިފައިވާކަމެވެ. މާޒީގެ ހިރަފުސްފޮޅާ ސާފުކޮށްފައިވާއިރު އަލުން މާޒީ ގެނައުމަކީ މޮޔަކަމެކެވެ. "ތެންކްސް.."އާރިކް ކޮފީގައި ހިފިއެވެަ. މުރުތަސިމްގެ މެސެޖެއް އައުމުން އޭނަ ދާންވެގެން ތެދުވުނެވެ."މާދަން ޖަވާބެއްދޭނަން އިންޝާﷲ..އެކަމަކު ޕްރޮމިސްކުރަންވާނެ. މިތަނުން ނިމިގެން މާމަގާތަށްގޮސް ވާހަކަދައްކައިލަން...ކުރެވޭ ކުށްތަކާއެކު އާއިލީގުޅުން ކަނޑައިލުމަކީ ހައްލެއްނޫން...މާމަވެސް އުމުރުން ދުވަސްވެއްޖެ. ގްރަޖް ހޯލްޑްކޮށެގެން އަބަދަކު ނުހުންނާނެ....ޕްލީޒް މާމަ އާއި ބައްދަލުކޮށްލައްޗޭ..." ޖެނީފާ ވަކި ޖަވާބެއް ނުދިނަސް ހިމޭންކަމަކީ އެއްބަސްވުންކަމުގައި އާރިކް ދެކުނެވެ. *** ޖެނީފާ ބެކްޕެކް އަޅުވާލައިގެން ނުުކުތްއިރު ކޮންމެވެސް ވަރަކަށް ވާރޭކަނި ޖަހައެވެ. އޭނަ ނުކުތުމާއެކުހެން އާރިކްގެ ސަމާލުކަމަށް އެކަން ގެނުވިއެވެ. އާރިކް ކާރު މަޑުމަޑުން ދުއްވާލާފައި ދިޔައީ އޭނަގެ މަންމަ ހަދާ ނަހަދާގޮތެއް ބެލުމަށެވެ. ޔަގީނުންވެސް ޑްރަގްކަމެއްވެއްޖެއްޔާ އޭނަ ހުއްޓުވާނެއެވެ. ޖެނީފާ ދެތިން ޓެކްސީއަކަށް އަތްނެގިއެވެ. ހަތަރުވަނަ ކާރަށް އަތް ނެގުމާއެކު އާރިކްގެ ނޭވާ ހުއްޓުނެވެ. އެއީ ފުރުގާންގެ ކާރުކަން އެނގިގެން ކަމެއް ނޫންކަމެއް އޭނައަކަށް ނޭގުނެވެ. ކޮންމެގޮތެއްވިޔަސް އެކާރު ހުއްޓުމާއެކު ޖެނީފާ ވާރެއިން ސަލާމަތްވާން އެތެރެއަށް ދެމިގަތެވެ. ފަސްވަރަކަށް މިނިޓްފަހުން ކާރު މަޑުކޮށްލީ އޭނަގެ އެޕާޓްމެންޓަށެވެ. ފުރުގާންގެ ކާރު ދުއްވައިލުމާއެކު އޭނަވެސް ކާރުންފޭބިއެވެ. "އާރިކް ބުނީމެއްނު މާމައަށް ވިޒިޓްކުރަން...ވައުދެއް ވީމަ ފުއްދަން ޖެހޭނެތާ.....މިނިސްޓަރުގެ ކާރުކޮޅުގައި މި ވަޑައިގަތީ...." ޖެނީފާ ބައްތިރީސް ދަތް ފެންނަވަރަށް ހީލިއެވެ. "އޯހް...."އާރިކްއަށްވެސް މަޖާވިއެވެ. އޭނަ މަންމައާއި އެއްވަރަށް ހިނގާފައިގޮސް އިމާރާތުގެ ހިޔަލަށް ވަނެވެ. "ކާރަށް އެރިއިރު ކާކުގެ ކާރެއްކަމެއް ނޭގޭ.." ޖެނީފާ ގަދަޔަށް ދުފަމުން ވާހަކަދެއްކިއެވެ." އިގޯ ބޮޑު ފިރިހެނެއް ހުވާ.......ފުރުގާންއަށް ބުނަން އެނގުނީ ކީއްވެހެއްޔޯ އޭނަގެ ހުރި އެންމެ ފިރިހެންދަރިއާއި ވަކިކުރަން އުޅެނީ....ތިމަންނަގެ ދަރިފުޅަށޭ ހުރިހާ ހިތާމައެއް އަނިޔާއެއް ލިބެނީ...އަހަރެން ބުނިން އޭނަގެ މަންމަމެންނަށް ބްލޭމްކުރާށޭ. އެމީހުންގެ ޕެރްޝަރާއިހެދިއޭ ފުރުގާން މަށަށް ރުޅިބޭލީ..މަވެސް ހޯސް ހަދަން މަޖުބޫރުކުރުވީ އޭނަ...އާނ އަހަރެންވެސް ކުށްނުކުރަމޭ ނުބުނާނަން..." ޖެނީފާގެ ފަހު ޖުމްލައިން އާރިކްގެ ސަމާލުކަން އަތުލިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ