މުސްކުޅި މައިންބަފައިންނަށް ޚިދުމަތްކުރުމުގައި ކުރިހޯދުން
އުމުރުން ދުވަސްވެ ގައިބާރު ދެރަވެފައި ހުރި މަންމައަށް ނުވަތަ ބައްޕައަށް ޚިދުމަތްތެރިވެ އިޙުސާންތެރިވުމުގައި، ގިނަ ދަރިން މިއަދު އިހުމާލުވެފައި ވާކަމީ، ޚުދު އެ ކުދިންގެ އަމިއްލަ ނަފުސުތަކުން ވެސް ޤަބޫލުކުރާ ޙަޤީޤަތެކެވެ. މައިންބަފައިންނަށް އިޙްތިރާމުކުރަމަށް ނަސޭޙަތްތެރިވެވޮޑިގެން ﷲ تعالى ވަނީ އެ ކަން އިންސާނުންނަށް ވަޞިއްޔަތްކުރައްވައިފައެވެ. الله ވަޙީކުރެއްވިއެވެ. ﴿وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ إِحْسَانًا﴾ ﴿الأحقاف: ١٥﴾ މާނައީ: "އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންރަސްކަލާނގެ ވަޞިއްޔަތްކުރެއްވީމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުން އިންސާނުންގެ މައްޗަށް ވަޞިއްޔަތް ކުރެއްވުމުން އެނގެނީ ކަމުގެ ބޮޑުކަމެވެ. ވަޞިއްޔަތް އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ވިސްނޭނީ މަރުގެ ތުންފަތްމަތީ އޮންނަ މީހާ ބުނާބުނުމާ މެދު ވިސްނައިލުމުންނެވެ. އެ ވަގުތު އޭނާ އެ ބުނާ ވާހަކަތަކަކީ، އެ ވާހަކަ އަޑުއަހާ ބަޔަކު އެ ގޮތުގެ މަތިން ޢަމަލުކުރުން ވާޖިބުވާ ކަމެކެވެ. އަދި އެ ވާހަކަ އަޑުއަހައި އެއަށް ޢަމަލުކޮށް އަކުރުންއަކުރަށް އެ ކަން ތަންފީޒު ކުރުން އެއީ އިންސާނާގެ ޠަބީޢަތުގައި ވެސް ހުންނާނެ ކަމެކެވެ. ވަޞިއްޔަތެއްގެ ގޮތުގައި އެނގުނު ވާހަކައެއް ބަދަލުކުރުން އެއީ ހަމަބުއްދި ހުރި ޞާލިޙު އިންސާނަކަށް އެއްގޮތަކަށް ވެސް ކުރަން ކެރޭނެ ކަމެއް ނޫނެވެ. ވަޞިއްޔަތަކާ ޚީލާފުވާ މީހުން ވެސް އެ ކަން އެ ގޮތަށް ކުރަނީ އަމިއްލަ އެދުންވެރިކަމެއްގެ ބޭނުމުގައެވެ. ނޫނީ ވަރަށް ބޮޑަށް ނުލަފާވެ، ގޯސްވެގެންނެވެ. ކަންމިހެން އޮތްއިރު މައިންބަފައިންނާމެދު އިންސާނާގެ ވެރިރައްބު ވަޞިއްޔަތެއް ކުރެއްވީމައި، ހަމަ ޔަޤީނުން ވެސް އެ ވާނީ ވަރަށް އަހަންމިއްޔަތުކަން ބޮޑު މައްސަލައަކަށެވެ. އެ ކަން ނުކުރުން ނުވަތަ ދޫކޮށްލުން އެއްގޮތަކަށް ވެސް ހުއްދަވެގެން ނުވާނެއެވެ. މި ކަމުގެ ބޮޑުކަން ދެނެގަންނަން އެންމެ މުހިންމު އެއް ވާހަކައަކީ އަލްއިސްރާ ސޫރަތުގައި އެ ވަޞިއްޔަތްފުޅު ތަކުރާރުކުރައްވައި ގެންނެވި ބަސްފުޅުތަކެވެ. އެ ބަސްފުޅުތަކަށް ވަކިވަކިން އަޅުގަނޑު ބަލައިލާނަމެވެ. އަލްއިސްރާ ސޫރަތުގެ ތޭވީސްނަވަ އާޔަތް ފައްޓަވަމުން މި އަންގަވަނީ ﴿وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا﴾ (الإسراء: ٢٣) މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ." މިފަދައިންނެވެ. ކުރިން ވެސް ބުނިފަދައިން ވަޞިއްޔަތްފުޅެކެވެ. އެހެނަސް މިފަހަރު މި ވަޞިއްޔަތްފުޅު ގެންނަވައިފައި ވަނީ ﷲ ނޫން އެހެން ފަރާތަކަށް އަޅުކަން ނުކުރުމަށް އަންގަވާ އަމުރުފުޅަކައި ގުޅުވައިގެންނެވެ. މީގެން އެނގެނީ މައިންބަފައިންނަށް އިޙުސާންތެރިވުމަށް އެންގެވި އަމުރުފުޅުގެ ބޮޑުކަމެވެ. ﷲއަށް އަޅުކަންކުރުމަށް ފަހު މުސްކުޅި މައިންބަފައިންގެ ޚިދުމަތުގައި ތިބުން، ދިރިއުޅުމަށް މަސައްކަތްކުރުމަށް ވުރެން ވެސް މުހިންމެވެ. އެ ކަން އެ މަގުން ނުކުރުމުގެ ނުރައްކާ ބޮޑެވެ. އަޅުގަނޑު މި ދަންނަވަނީ މަސައްކަތް ނުކުރާކަށް ނޫނެވެ. އެހެނަސް މައިންބަފައިންގެ ކަންކަން ފުރިހަމައަށް އެދެވޭ ގޮތެއްގައި އިންތިޒާމުނުކޮށް މަސައްކަތުގައި އަވަދިނެތިވުން ރަނގަޅުނުވާނެ ވާހަކައެވެ. މަންމައާއި ބައްޕަގެ ހުރިހާ ދަރިންގެ މެދުގައި ޢަދުލުވެރި އިންސާފުވެރި ގޮތުގައި މަޝްވަރާކޮށްގެން މައިންބަފައިންނަށް އޯގާތެރިކަމާ އެކު ޚިދުމަތްތެރިވާން ވާނެއެވެ. ބަލަމުން މިދާ އަލްއިސްރާ ސޫރަތުގެ އާޔަތްތަކުން ލިބެން އޮތް ނަސޭހަތަކީ މަންމަ ނުވަތަ ބައްޕަ މުސްކުޅި އުމުރުގައި ދަރިންނާ ބައްދަލު ވެއްޖެއްޔާ، އެއިން މީހަކާ ދިމާލަށް ހަރުއަޑުން ވާހަކަ ނުދެއްކުމަށް އެންގެވި ބަސްފުޅެވެ. ﴿إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا﴾ (الإسراء: ٢٣) މާނައީ: "އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެ މީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެ ނަމަ، އެ ދެ މީހުންނަށް "أُفْ" (އުފް) ވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއް ވިޔަސް ނުބުނާށެވެ!) އަދި އެ ދެ މީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެ މީހުންނަށް ބަސްބުނާށެވެ!" މި އެންގެވުމުގައި އޮޅުންއަރާ އެއްވެސް ވާހަކައެއް ނެތެވެ. މާނަ ފޮރުވޭ ލަފުޒެއް ވެސް ނެތެވެ. ބުނަނީ ކީކޭކަން ނޭނގިގެން މީހެއްގެ ގާތުން އިތުރު ނަސޭހަތަކަށް އެދި ދާނެ ޖާގައެއް ވެސް ހަމަ ފެންނަން ނެތީއެވެ. މިހާ ޞަރީޚަ ޢިބާރަތުން ވަޞިއްޔަތްފުޅެއް ކުރެއްވީމައި އަޅުގަނޑުމެން އިންސާނުންނަށް އޮތީ ކޮން އިޚްތިޔާރެއްތޯއެވެ؟ މިއަދު ގޭގޭގެ ޙާލަތަކީ ހާދަހައިވާ ދެރަ ނިކަމެތި ޙާލަތެކެވެ. ދަރިންގެ މެދުގައި މައިންބަފައިން ބާކީކުރެވެމުން، އެއްގެއިން އަނެއްގައަށް ބައްޕަގެ ވަރުނެތް ހަށިގަނޑު ލައްގަމުން އޮޔާދަނީ ކިތައްކިތައް ޢާލިލާގެ ތެރޭގައި ހެއްޔެވެ؟ މަންމަގެ ޚިދުމަތުގައި ހުންނާނޭ ދަރިޔަކު ނެތިގެން މުސްކުޅިން ބަލަހައްޓާ މަރުކަޒަކަށް އަމިއްލަ މަންމަ ފޮނުވައިލަން ހަރުއަޑުން އެދި ގޮވަނީ ކިތައްކިތައް ދަރިންހެއްޔެވެ؟ މަންމަ ފޮނުވައިލަން އަންހެން ދަރިޔަކު އެހެން ބުނާއިރު އަންހެނަކަށް ވީތީ އޮންނަ އިޙުސާސެއް ނުވަތަ އަސަރެއް ވެސް ހަމަ ނުކުރަނީތޯ ސުވާލު އުފެދެއެވެ. މި ވާހަކަތަކަށް އެއްބަސްވާނެ މީހުން މަދަސް ދެބަސްވާނެ މީހުން ގިނައެއް ނުވާނެއެވެ. އެއްވެސް މީހަކު އޭނާގެ މައިންބަފައިންނާ މެދު ނުބައިކޮށް ކަމެއް ކުރަން ބޭނުން ނުވާނެއެވެ. ދެން މި ވަނީ ކިހިނެތް ކަމެއް ނޭނގެއެވެ. މައިންބަފައިންނަށް ދޭނެ ވަގުތެއް ނޯންނަނީ ކަންވެސް ނޭނގެއެވެ. އަވަދިނެތިވާން ޖެހިފައި އޮތްލެއް ބޮޑީއެވެ. އަމިއްލަ ދިރިއުޅުމަށް ދޭންޖެހޭ ވަގުތު ގިނައީއެވެ. މައިންބަފައިންގެ ކަމެއް ކޮށްލެވެނީ ވެސް އަވަސް އަރުވައިލައިގެން ކަމަކަށް ކަމެއް ކޮށްލާ ގޮތަށެވެ. އަމިއްލަ ކަންކަމުން ވީއްލިގެން ހުރެ ހާޒިރު ސިކުނޑިއަކާ އެކު އޯގާތެރިކަމާއި ރަޙުމަތާ އެކު އެ މީހުންނަށް ޚިދުމަތެއް ކޮށްލާނެ ދަރިއެއް ނޫޅެއެވެ. އެ ކަމަށް ވަގުތެއް ވެސް ނޯވެއެވެ. އެހެނަސް އެ މައިންބަފައިން ވަނީ އަޅުގަނޑުމެން ކުޑަ ދުވަހު އޯގާތެރިކަމާ އެކު އެ މައިންބަފައިންގެ ހުރިހާ ވަގުތެއް އަޅުގަނޑުމެންނަށް ދެއްވައިފައެވެ. އެކަން އަޅުގަނޑުމެންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން، މާތް ﷲ ވަނީ، މައިންބަފައިންނަށް ކުރަންވީ ދުޢާ ޤުރުއާނުގައި ހިމެނުއްވިއިރު، އެ މައިންބަފައިން ދަރިން ކުޑައިރު ދެއްވި ފުރިހަމަ އޯގާތެރި ޚިދުމަތް ހަނދާންވާނޭ ގޮތަށް އާޔަތް ބާވައިލައްވައިފައެވެ. އެއިލާހު ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި އޯގާވެރިވުމުގެގޮތުން ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށް ޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރި ރައްބެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާ ވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙުމަތް ލައްވާނދޭވެ!" (އަލްއިސްރާ: 24) މި ކަން ހަނދާންކޮށް، މައިންބަފައިންނަށް ޚިދުމަތްކުރަން ފުރުސަތެއް ތިމާގެ އަތްމައްޗަށް ފަހިވެއްޖެއްޔާ އެކަމުގައި އިސްނަގާށެވެ! ފަހަތު ފަޔަށް ބުރަވެ ފަސްނުޖެހޭށެވެ! މުސްކުޅި މައިންބަފައިންނަށް ޚިދުމަތްކުރުމުގައި ކުރި ހޯދާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ