އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވުމަށް ގާނޫނީ ގޮތުން އެޅޭނެ ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށް ދަ ޓެލެގްރާފްއިން ރިޕޯޓުކޮށްފި އެވެ.
ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ޓެލެގްރާފްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ އެއްބަސްވުމަށް އަމަލުުކުރުން ހުއްޓުވައިދިނުމަށް ގާނޫނީ ގޮތުން ކުރެވޭނެ ކަންކަން ދިވެހި ސަރުކާރުން އަންނަނީ ދިރާސާ ކުރަމުންނެވެ. އަދި އިނގިރޭސިން އެ އެއްބަސްވުން ގާއިމުކުރީ ބައިނަލްއަގުވާމީ ހަމަތަކާއި އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ދިވެހި ސަރުކާރުގެ އޮފިޝަލު ޓެލެގްރާފަށް ބުނެފައިވެ އެވެ.
ދިވެހި ސަރުކާރުން މިކަމުގައި އަމަލުކުރާނީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކަމަށާއި އަދި ދިވެހިރާއްޖޭގެ ސިޔާދަތު ހިމާޔަތް ކުރާނެ ކަމަށް ސަރުކާރުގެ އޮފިޝަލު ޓެލެގްރާފަށް ބުނެފައިވެ އެވެ.
މި މައްސަލާގައި މިހާތަނަށް އައިސީޖޭއަށް ދިވެހި ސަރުކާރުން ރަސްމީކޮށް މައްސަލަ ހުށަހަޅާފައި ނުވެ އެވެ. އެއްބަސްވުމަށް އަމަލުކުރުން ހުއްޓުވުމަށް ހުށަހެޅޭނެ ބައިނަލްއަގުވާމީ ކޯޓަކީ އައިސީޖޭ އެވެ.
ރާއްްޖޭގެ މަސްލަހަތު ހިމާޔަތް ކުރެވެން ގާނޫނީ ގޮތުން ކުރެވޭނެ ހުރިހާ ކަމެއް ކުރާނެ ކަމަށް ޓެލެގްރާފަށް މައުލޫމާތު ދިން ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.
އިނގިރޭސިވިލާތުން ޗާގޯސް ގައުމަކާ ހަވާލުކުރާނަމަ ހަވާލުކުރަން ޖެހޭނީ ރާއްޖެއާ ކަމަށް ދާދިފަހުން މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ. ފޯޅަވައްސަށް އެތައް ގަރުނެއް ކުރިން ދިވެހިން ނަން ދީފައި ވަނިކޮށް ބޭރުގެ އެހެން ގައުމުތަކުން އެކި ނަންނަން ކިޔަމުންދާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.
އެ ދައުވާގެ އެންމެ މުހިންމު އެއް ލިޔުމަކީ ނުވަވަނަ ހަސަން ރަސްގެފާނު ނުވަތަ ކާފަރުވި ހަސަން ޕޯޗުގީޒުންނަށް ލިޔުއްވި ލިޔުމެއްގައި ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށް ބުނެފައި އޮތުމެވެ. ކާފަރުވި ހަސަނަކީ ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު އެއް ގައްދާރެވެ.
އިނގިރޭސިވިލާތުން ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޭން އެއްބަސްވީ އދ. އިން އެދެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވެސް ވަނީ ނިންމާފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.
އެ ނިންމުމަށް ރިއާޔަތްކޮށް ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި ރާއްޖެއާ ޗާގޯސް ޖަޒީރާއާ އާ ދެމެދުން ފުށޫއަރާ ކަނޑުގެ ސަރަހައްދު އެ ކޯޓުން ބައި ކުރީ އިކިއިޑިސްޓެންސްގެ ހަމައިންނެވެ.
ޗާގޯސްގެ ހުރިހާ ރަށްތަކެއްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ އެއްބަސްވުމުގައި ސޮއިކުރީ މެއި 2025، ގަ އެވެ. އެ ނިންމުމަށް އެމެރިކާގެ ތާއީދު އޮތްގޮތް މިހާރު ވަނީ ހަތަރު ފަހަރު ބަދަލުވެފަ އެވެ. މިހާރު އަނެއްކާ ވެސް އެމެރިކާއިން ބުނަނީ އެ އެއްބަސްވުމާއެކު ކުރިއަށް ގޮސްގެން ނުވާނެ ކަމަށެވެ. އެމެރިކާގެ ރުހުމާ ނުލައި އެ އެއްބަސްވުން ކުރިއަށްގެންދިޔުމަށް ދަތިވާނެ އެވެ.
ޗާގޯސް މޮރިޝަސްއަށް ދިނުން ހުއްޓުވުމަށް އިނގިރޭސިންނާ ދެކޮޅަށް ރާއްޖޭން ގާނޫނީ ފިޔަވަޅު އަޅަނީ! ޗާގޯސް މޮރިޝަސްއަށް ދިނުން ހުއްޓުވުމަށް އިނގިރޭސިންނާ ދެކޮޅަށް ރާއްޖޭން ގާނޫނީ ފިޔަވަޅު އަޅަނީ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ