ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ތަނެއް: ޕްރޮޖެކްޓު އައިލާގެ ސީއީއޯ

ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް ގައުމެއް ކަމަށާއި އިންވެސްޓަރުންނަށް ވެސް ފަހި މާހައުލެއް ރާއްޖޭގައި އެބައޮތް ކަމަށް، ރާއްޖޭގެ ފުރަތަމަ ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓު، 'ޕްރޮޖެކްޓު އައިލާ'ގެ ސީއީއޯ ޕެޓާ ކާސްޓިކް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ނ. ދިގުފަރު ފަޅާއި ދެކުނުފަރު އަދި ކުރަމާދޫ ހިއްކައިގެން ތަރައްގީކުރާ ޓައުންޝިޕް ޕްރޮޖެކްޓުގެ ބިންގާއަޅާ، އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.
ތަފްސީލް - އެ މަޝްރޫއު ފެށުމަށް މިއަދު އެ ތަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކާސްޓިކް ވިދާޅުވީ މި މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް އެންމެ ބޮޑު ޕްރައިވެޓް އިންވެސްޓުމެންޓު ޕްރޮޖެކްޓު ކަމަށެވެ.
ޖުމްލަ 790 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ)ގެ މި ޕްރޮޖެކްޓު ކުރިއަށް ގެންދަނީ ކްރިސްޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.
"އަޅުގަނޑަށް ޔަގީންކަމާ އެކު ދަންނަވަން ކެރޭ، ރާއްޖެއަކީ ވިޔަފާރިތަކަށް ފަހި މާހައުލެއް އޮތް، ވިޔަފާރިތަކާ ރައްޓެހި ގައުމެއް،" އޭނާ ވިދާޅުވި އެވެ.
"އިންވެސްޓަރުންނަށް ވެސް ރާއްޖޭގައި އޮތީ ފަހި މާހައުލެއް."
ކާސްޓިކް ވިދާޅުވީ ރާއްޖޭގެ އިދާރާތަކާ އެކު ކުރެއްވި މަަސައްކަތުން ޕްރޮފެޝަނަލިޒަމް ކަމަށާއި ހިޔާލާއި މަޝްވަރާއަށް އަބަދު ވެސް ޖާގަ އޮތްކަން ފާހަގަ ކުރެވުނު ކަމަށެވެ.
"ރާއްޖެއަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ގެނައުމަށް ސަރުކާރުގެ އަމާޒެއް އެބައޮތްކަން ފާހަގަވި. އަޅުގަނޑުމެން ގަބޫލު ކުރަނީ މި ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓާއެކު ރާއްޖެއަށް އިތުރު އިންވެސްޓުމެންޓުތައް އަންނާނެ ކަމަށް،" ޕްރޮޖެކްޓުގެ ސީއީއޯ ވިދާޅުވި އެވެ.
ޕްރޮޖެކްޓު އައިލާގެ ދަށުން ތަރައްގީ ކުރާ ޓައުންޝިޕްގައި މަތީ ފަންތީގެ ހޮސްޕިޓަލިޓީ އަދި ރެޒިޑެންޝަލް ބައިތައް ހިމެނޭނެ އެވެ.
މީގެ އިތުރުން:
އިގްތިސޯދީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުންހުރި ވަސީލަތްތައް
އެންމެ ފަހުގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލެއް؛ މިއީ ރާއްޖޭގައި މެޑިކަލް ޓޫރިޒަމް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ދަށުން ތަރައްގީ ކުރާނެ ހޮސްޕިޓަލެއް
ފަތުރުވެރިކަމުގެ ހިދުމަތްތައް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކިޔަވައިދޭން ސްކޫލެއް
އެކުއަކަލްޗާ އަދި ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ހާއްސަ ރަށެއް
މި ޓައުންޝިޕް ތަރައްގީކުރާނީ %60 އިއާދަކުރަނިވި ހަކަތައިން ހިންގާ ގޮތަށެވެ.
އެސްއީޒެޑް ގާނޫނުގެ ދަށުން ހުއްދަ ދީގެން ތަރައްގީކުރާ ޓައުންޝިޕްގެ މަސައްކަތް 2028 ވަނަ އަހަރުގެ ތެރޭ ނިމޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ