ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިތުރު ކެމްޕަހެއް މާލެ ސަރަހައްދުގައި އިމާރާތް ކުރުމަށް ނިންމައިިފިއެވެ. މި ކެމްޕަސް އިމާރާތް ކުރުމަށް ނިންމާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެ ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީކުރުމަށްޓަކައި 35000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާކަމަށެވެ. އެ ބިމުގައި ޔުނިވަރސިޓީގެ ކެމްޕަސް ތަރައްޤީކުރުމަށްޓަކައި ޑިޒައިންގެ މަސައްކަތާއި އެކަން ކުރުމަށް ޓެކްނިކަލް ޓީމެއް ނެގުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
އަމީން ވިދާޅުވީ އެ މަސައްކަތް ނިމުމާއެކު ބޭރުގެ އެކި ޔުނިވަރސިޓީތައް ހުންނަ ގޮތަށް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. އޭނާ ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކެމްޕަސް ތަރައްޤީކޮށް ނިމުމާއެކު މާލޭގައި ހުރި އެ ޔުނިވަރސިޓީގެ ބައެއް ފެކަލްޓީތައް އައު އިމާރާތަށް ބަދަލުކުރުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.
"އެއް އިމާރާތެއްގައި ހުރިހާ ފެކަލްޓީތަކެއް ހުރުމުގެ ބަދަލުގައި ސްޕެޝަލައިޒްޑް ފެކަލްޓީތަކަށް ވަކި އިމާރާތްތައް ހުންނާނެ ގޮތަކަށް، ދަނާލާއި ރެކްރިއޭޝަން ކަންކަމަށް ވަކި ސަރަޙައްދެއް މި އޮންނަނީ. ބޭރުގެ ޔުނިވަރސިޓީތަކާ އަޅާބަލާއިރު ނިސްބަތުން ކުޑަ ނަމަވެސް ވަކި ވަކި އިމާރާތްތައް ތަރައްޤީކުރެވޭނެކަމަށް މި ބަލަނީ." އިސްލާމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްއުސްތާޛު އަޙުމަދު އަމީން ވިދާޅުވިއެވެ.
އައިޔޫއެމްގެ ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ނިންމާފައިވާއިރު ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެ ޔުނިވަރސިޓީގެ އިމާރާތެއްވެސް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އައިޔޫއެމްގެ ސަަނާބީލް އިމާރާތަކީ 8 ފަންގިފިލާއަށް ތަރައްޤީކުރާ "މިކްޒްޑް ޔޫސް" އިމާރާތެކެވެ. މި އިމާރާތް ނިންމާ މިއަހަރުގެ ސެޕްޓެންބަރު މަހު ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އައިޔޫއެމްއިން އަންނަނީ އެ ޔުނިވަރސިޓީގެ ކެމްޕަސްތައް މާލޭގެ އިތުރުން އަތޮޅުތެރޭގައިވެސް ތަރައްޤީކޮށް މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާރު އެ ޔުނިވަރސިޓީގެ ވަގުތީ 6 ކެމްޕަސް އަތޮޅުތެރޭގައި ހިންގަމުން އައިނަމަވެސް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްރަށް ހިމެނޭހެން 11 ރަށެއްގައި ކެމްޕަސްތައް ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އައިޔޫއެމްގެ ކެމްޕަހެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ