މި މަހު 19 ވަނަ ދުވަހު ވ. ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ކަނޑުވެގެން ހޯދަމުން އެކަކަކީ ރޭސް ކާރު ޑްރައިވަރެއްކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ބަންޑުން ޖަހާލި ލޯންޗުން ކަނޑުވެގެން ހޯދަމުންދާ އެކަކަކީ އިންޑިއާގެ މަޝްހޫރު މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވަރު ހަރީ ސިންގްއެވެ. މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވަރުންނަކީ އާންމު މަގުތައްފަދައިން، ވެއްޔާއި ގަލާއެކު އަޑިގުޑަންކޮށް ނުރައްކާތެރި މަގުތަކުގައި ކާރު ރޭސް ޖަހާ މީހުންނެވެ.
އެގޮތުން 59 އަހަރުގެ ހަރީ ސިންގް އަކީ 5 ފަހަރު އިންޑިއަން ނެޝަނަލް ރެލީ ޗެމްޕިއަންޝިޕް ހޯދާފައިވާ ފަރާތެކެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ހަރީ ސިންގް ކަނޑަށް ވެއްޓި ގެއްލުނު އިރު ލޯންޗު ދުއްވަން އިނީ އިންޑިއާގެ ރޭމަންޑް ގްރޫޕުގެ ވެރިޔާ ގޯތަމް ސިންހާނިޔާ ކަމަށް މައުލޫމާތު ލިބެއެވެ. ބަންޑުން ޖަހާލި ލޯންޗުގެ ހާދިސާ އާ ގުޅިގެން ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯތަކުން ފެންނަގޮތުން ލޯންޗުގައި 5 މީހުންނަށް ތިބެވޭވަރަށް ސީޓު ހުރިނަމަވެސް، މި ލޯންޗު ބަންޑުން ޖަހާލި އިރު 7 މީހުން ތިބިކަމަށް ދިވެހި ފުލުހުން ހާމަކޮށްފައިވެއެވެ. ލޯންޗުގައި ތިބި މީހުން ދިން މައުލޫމާތުތަކުން އެނގޭ ގޮތުގައި އެ ލޯންޗު ދުއްވަން އިން ސިންހާނިޔާ ހިމެނޭހެން އެ ލޯންޗުގައި ތިބި އެންމެންވެސް ތިބީ މަސްތުގެ ހާލަތުގައެވެ.
މިހާދިސާގައި އަނިޔާވި އެއްބަޔަކަަށް އިންޑިއާގައި ފަރުވާ ދެމުންދާއިރު، ސިންހާނިޔާއަށްވެސް އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގައި ފަރުވާދިންކަމަށް ރިޕޯޓުތައް ބުނެއެވެ. ސިންހާނިޔާގެ ތަރުޖަމާނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ސިންހާނިިޔާ މިހާރުވަނީ ސިއްހީ ފަރުވާއަށްފަހު ގެއަށް ދޫކޮށްލާފައެވެ.
މި ހާދިސާގައި ކަނޑަށް ގެއްލުނު އިންޑިއާގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ދިވެހި ކޯސްޓްގާޑުން އަދިވެސް ދަނީ ކުރަމުންނެވެ. އަދި މިހާދިސާގައި ހޯދަމުންދާ މީހުންގެ ތެރެއިން އެކަކީ އިންޑިއާގެ މަޝްހޫރު މޮޓޯ ސްޕޯޓްސް ރެލީ ޑްރައިވާ ހަރީ ސިންގް ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކުރިނަމަވެސް، ދެން ހޯދާ އިންޑިއާ މީހާގެ ވަނަވަރެއް ރިޕޯޓުކޮށްފައެއް ނުވެއެވެ.
ލޯންޗު ބަންޑުން ޖަހާލި ހާދިސާ: ގެއްލިގެން ހޯދަމުންދާ އެކަކަކީ ރޭސް ކާރު ޑްރައިވަރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ