އީރާނު ހަނގުރާމައަށް އެމެރިކާއިން ފުރަތަމަ 6 ދުވަހު 11.3 ބިލިއަން ޑޮލަރު ހޭދަކުރި

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި އެމެރިކާއިން މަދުވެގެން 11.3 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުން މި ހަފުތާގައި ކޮންގްރެސްގައި ބޭއްވި ސިއްރު ބައްދަލުވުމެއްގައި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ވިދާޅުވި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މިދިޔަ އަންގާރަ ދުވަހު ސެނެޓަރުންނަށް ހުށަހެޅި މި އަދަދަކީ ހަނގުރާމައިގެ ހަރަދުގެ އެއް ބަ އެވެ. އަދި މިއީ މި ހަނގުރާމައިގެ ސަބަބުން މާލީ ގޮތުން ކުރާނެ މުޅި އަސަރު ރަމްޒުކޮށްދޭ އަދަދެއް ނޫނެވެ.
ކޮންގްރެސްގެ އޮފިޝަލުން ބުނާ ގޮތުގައި، ވައިޓް ހައުސްއިން ވަރަށް އަވަހަށް ކޮންގްރެސްގެ ކިބައިން އިތުރު ފައިސާއަށް އެދޭނެ ކަމަށް ބެލެވެ އެވެ. މިގޮތުން 50 ބިލިއަން ޑޮލަރާ ހަމައަށް ފައިސާ ބޭނުންވާނެ ކަމަށް އަންދާޒާ ކުރެވޭއިރު، ބައެއް އޮފިޝަލުން ގަބޫލުކުރާ ގޮތުގައި އެންމެ ފަހުން އެދޭ އަދަދު މިއަށް ވުރެ ވެސް މަތިވުން އެކަށީގެންވެ އެވެ.
މި އަސްކަރީ ކެމްޕޭން ފެށީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދޭން ފެށި ވައިގެ ހަމަލާތަކުންނެވެ. ސަރުކާރުގެ އޮފިޝަލުން މެންބަރުންނަށް ވިދާޅުވި ގޮތުގައި، ހަމަލާތަކުގެ ފުރަތަމަ ދެ ދުވަހު އެކަނި ވެސް 5.6 ބިލިއަން ޑޮލަރުގެ ހަތިޔާރު ވަނީ ބޭނުންކޮށްފަ އެވެ.
ކެންޓަކީއަށް ކުރެއްވި ދަތުރެގައި ރައީސް ޓްރަމްޕް ވިދާޅުވީ ހަނގުރާމައިން "އަހަރެމެން މޮޅުވެއްޖެ" ކަމަށެވެ. ނަމަވެސް "މަސައްކަތް ނިންމާލުމަށްޓަކައި" އެމެރިކާ އެކަމުގައި ދެމިއޮންނާނެ ކަމަށް އޭނާ އިޝާރާތް ކުރެއްވި އެވެ.
މި ކުރިމަތިލުންތަކުގައި މިހާތަނަށް ގާތްގަނޑަކަށް 2،000 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އީރާނާއި ލުބުނާނުގެ މީހުންނެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރުތަކަށާއި ދަތުރުފަތުރުގެ މަގުތަކަށް ވަނީ ބުރޫއަރާފަ އެވެ.
ކޮންގްރެސްގެ މެންބަރުން ވަނީ މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ހަތިޔާރުގެ ސްޓޮކް ހުސްވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ހާއްސަކޮށް، ހަތިޔާރު އުފައްދާ ކުންފުނިތަކަށް ބޭނުންވާ މިންވަރަށް ތަކެތި ފޯރުކޮށްދިނުމަށް ދަތިތަކާ ކުރިމަތިވަމުންދާ ދަނޑިވަޅެއްގަ އެވެ.
މީގެ އިތުރުން، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ވަނީ ހަނގުރާމަ ދެމިގެންދާނެ ކަމަށް ބެލެވޭ މުއްދަތާއި އީރާނާ މެދު ވޮޝިންޓަނުން ގެންގުޅޭ ދިގު މުއްދަތުގެ ރޭވުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ އޮފިޝަލުން އާންމުކޮށް ބަޔާން ދިނުމަށް ގޮވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ