މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން ސަރުކާރު ޒިންމާދާރު ކުރުވުމަކީ ގޯހެއް ކަމަށް މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން ސަރުކާރު ޒިންމާދާރު ކުރުވުމަކީ ގޯހެއް ކަމަށް

ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޒިންމާދާރު ކުރުވަން އޮތް މުއައްސަސާއެއް ނޫން ކަމަށާއި އެގޮތަށް މަސައްކަތް ކުރާ ނަމަ އެއީ ގޯހެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަން ހިންގާ ޕީއެންސީގެ އާ އޮފީސް އިމާރާތް ހުޅުވަން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން، ލޯކަލް ކައުންސިލްތައް މުއިއްޒު ސިފަ ކުރެއްވީ "ސަރުކާރުގެ ފަށަލައެއް" ގެ ގޮތުގަ އެވެ.
"ތިން ބާރު ވަކިވެފައި އޮތް ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް [ކައުންސިލްތަކަކީ]،" މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ވާހަކަ އެއްވެސް ބަޔަކު ކެމްޕެއިނުގައި ދައްކާ ނަމަ އެއީ ގޯސް ސިގުނަލެއް ކަމަށެވެ.
"ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވާން އޮންނަ މުއައްސަސާއެއް ނޫން ގާނޫނީ ގޮތަކުން ވެސް. ސަރުކާރު ޖަވާބުދާރީ ކުރަން ކައުންސިލަށް މީހުން ހޮވަން ކެމްޕެއިން ކުރާ ކަމަށްވަންޏާ އެއީ ފުރަތަމަ ވެސް ނުބައި ސިގްނަލެއް،" ރައީސް ވިދާޅުވި އެވެ.
ކައުންސިލްތަކުން ސަރުކާރު ޒިންމާދާރު ކުރުވުމަކީ މައްސަލައެއް ކަމަށް މުއިއްޒު ވިދާޅުވިއިރު، ސަރުކާރުގެ ބައެއް މައްސަލަތަކާ ހުރެ ވަރަށް ގިނަ ރަށްރަށުގެ ޕްރޮޖެކްޓުތައް ވަނީ ހުއްޓިފަ އެވެ. ލާމަރުކަޒީ ނިޒާމުގެ ބޭނުމަކީ ވެރިކަން ހިންގުމުގެ ބާރުގެ ފަށަލައެއްގެ ގޮތުގައި ކައުންސިލްތައް ހަރަކާތްތެރިވުމުގެ ބަދަލުގައި ރައްޔިތުން ބާރުވެރިކުރުވުމެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ ލޯކަލް ކައުންސިލް އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިވަޑައިގެންފަ އެވެ.
"އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ފުއްދުމުގައި، އެކަމުގައި ލޯކަލް ލެވެލްގައި، ރަށު ފެންވަރުގައި، ސިޓީ ފެންވަރުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮވައިދެއްވާށޭ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން ރައްޔިތުންގެ ބާރު ހަނިވާނެ ގޮތަށް ލާމަރުކަޒީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އޭގެ ތެރޭގައި ކައުންސިލްތަކަށް ވިޔަފާރި ކުރެވެން އޮތް މަގު ހަނި ކުރުން ހިމެނެ އެވެ. އަދި މުވައްޒަފުން ނެގުމާއި ޕްރޮޖެކްޓުތައް ހިންގަން ލިބިފައިވާ ބާރު ވެސް ސަރުކާރުން ހަނި ކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ