ޑިމާންޑް ބޮޑުވެ، 100 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފި

ދިވެހި ފައިސާގެ ތެރެއިން 100 ރުފިޔާގެ އާ ސްޓޮކެއް މިއަދު ގެނެސްފައިވާ ކަމަށް, މަރުކަޒީ ބޭންކް, އެމްއެމްއޭއިން މިއަދު ބުނެފިއެވެ. އެ ބޭންކުން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަން ދިހަ ފަހެއް ނޫޓް ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވެފައިވާ ކަމަށެވެ. އެހެންވެ އެކަންތައް ހައްލު ކުރުމަށްޓަކައި މިއަދު 100 ރުފިޔާގެ އާ ސްޓޮކެއް ގެނެސްފައިވާ ކަމަށް އެ ބޭންކުން ބުނެއެވެ. "ސަން" އަށް އެނގިފައިވާގޮތުގައި ބޭންކް އޮފް މޯލްޑިވްސްއިން މި ފަހުން ގިނަ އަދަދަކަށް އޭޓީއެމް ބެހެއްޓުމުގެ ސަބަބުން 100 ރުފިޔާގެ ނޫޓަށް އޮންނަ ޑިމާންޑް ވަނީ ވަރަށް ބޮޑުވެފައެވެ. މިއީ އާއްމު އުސޫލުން މަރުކަޒީ ބޭންކުތަކުން ކުރާ ކަމެކެވެ. ބޭނުން ކުރާ ފައިސާގެ ނޫޓުތަކުގެ ސްޓޮކް މަދުވާ ހާލަތްތަކުގައި އާ ސްޓޮކް ޕްރިންޓް ކޮށްގެން ގެނެއެވެ. ނަމަވެސް އެއީ މާކެޓަށް އިތުރަށް ޕްރިންޓްކޮށްގެން ފައިސާ ނެރުމެއް ނޫނެވެ. ރާއްޖޭގައި މިހާރު ބޭނުން ކުރާ ފައިސާގެ ނޫޓުތަކަކީ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން 2016 ވަނަ އަހަރު ނެރުނު ނޫޓުތަކެކެވެ. މިއީ ވަރަށް ރަނގަޅު ސެކިއުރިޓީ ފީޗާސްތަކެއް ހިމެނޭ އަދި ވަރަށް ރީތި ނޫޓުތަކެކެވެ. އޭގެ ތެރެއިން ވެސް ފެހުރިއްސެއް ފެންނަ 1000 ގެ ނޫޓަށް ދުނިޔޭގެ ސަމާލުކަން ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ