ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމުގެ ދަށުން ނުކުޅެދުންެތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން ދޫކުރާ ގޯއްޗާއި ފްލެޓަށް، އެމީހުން ބަލަހައްޓާ ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތް ހަދައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ 18 ޖެނުއަރީގަ އެވެ. އޭގެ ފަހުން އެކި ފަހަރުމަތިން އުސޫލުތަކަށް ބަދަލުތައް ގެނެސް، ފްލެޓަށް ލާން ދިން މުއްދަތު އިތުރުކޮށް، މިހާރު ދީފައި އޮތް ސުންގަޑިއަކީ މި މަހުގެ 30 އެވެ.
މީގެ ކުރިން އިސްލާހު ގެނެއި ބައެއް އުސޫލުތަކުގެ ތެރޭގައި 'ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ'ގެ ޝަރުތުތައް ވެސް ހިމެނެ އެވެ. އެގޮތުން، އެ ކެޓަގަރީއަށް ވަކިން ފޯމު ހުށަހަޅާ ގޮތަށް މިފަހުން ވަނީ ބަދަލުކޮށްފަ އެވެ.
އެކަމަކު، އެ ކެޓަގަރީގައި 18 އަހަރު ނުފުރޭ ކުޑަކުދިން ވެސް ހިމެނޭއިރު، ޝަރުތުގައި 18 އަހަރު ފުރުން ލާޒިމުކޮށްފައިވާތީ 18 އަހަރު ނުފުރޭ އެފަދަ ކުދިންގެ މައިންބަފައިންނަށް ފްލެޓަށް ކުރިމަތިލުމަށް ހުރަސް އެޅޭ ކަމުގެ ކަންބޮޑުވުންތައް ވަނީ ފާޅުކޮށްފަ އެވެ.
އެ ކަންބޮޑުވުންތަކާ އެކު، އެގޮތަށް ބަދަލުކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް މިދިޔަ މަހު ހައުސިން މިނިސްޓްރީން ބުނެފައިވެ އެވެ.
ތަފްސީލް - ބިންވެރިޔާގެ ހާއްސަ ސްކީމާ ގުޅޭ އުސޫލު އިސްލާހުކޮށް، އިއްޔެ ވަނީ އާންމުކޮށްފަ އެވެ. މި އުސޫލަށް ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ކެޓަގަރީން އެ މީހުންގެ ބެލެނިވެރިންނަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭ ގޮތް ހެދުމަށް މާއްދާއެއް ވަނީ އިތުރުކޮށްފަ އެވެ.
އެގޮތުން، އެޕްލިކޭޝަން ހުށަހެޅުން ބަޔާންކުރާ މި އުސޫލުގެ 7 ވަނަ މާއްދާގެ ފަހަތަށް ނަންބަރެއް އިތުރުކޮށް ގެނެސްފައިވާ އިސްލާހުގައި ވަނީ:
(8) ކެޓަގަރީ 2ގެ ދަށުން އެޕްލައިކުރާ ފަރާތެއް ނަމަ، ފްލެޓަށް އެދި ހުށަހަޅާ ފަރާތުގެ ބެލުމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުރި ފަރާތެއްވާނަމަ އެ ފަރާތަކީ ނުކުޅެދުންތެރިކަން ހުރި ފަރާތެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާކަމުގެ ލިޔުން ހުށަހަޅަންޖެހޭނެ
މިއީ ކުރިން މި އުސޫލުގައި އޮތް މާއްދާއެއް ނޫން
އޭގެ އިތުރުން، މި އުސޫލުގެ 11 ވަނަ މާއްދާގައިވާ މާނަކުރުމުގެ ބަޔަށް އަކުރެއް އިތުރުކޮށް، 'ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކު'ގެ ގޮތުގައި 18 އަހަރު އަހަރުން ދަށުގެ ދަރިން ހިމަނާފައިވެ އެވެ. އެގޮތުން، އެފަދަ ފަރާތްތަކުގެ ގޮތުގައި ދެން ހިމަނާފައިވަނީ:
ކައިވެނިކޮށްގެން ނޫޅޭ 18 އަހަރާއި 25 އަހަރާ ދެމެދުގެ ދަރިން
ގާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލުވެގެން ބަލަހައްޓާ 18 އަހަރުން ދަށުގެ ދަރިން
ނުކުޅެދުންތެރިކަން ހުންނަ ދަރިއެއް ނުވަތަ ނުކުޅެދުންެތެރިކަން ހުންނަ އެއްބަނޑުއެއްބަފާ މީހުން ނުވަތަ އެއްބަފާ މީހުން ނުވަތަ އެއްބަނޑު މީހުން
މި ކެޓަގަރީއަށް ހާއްސަކޮށްފައިވަނީ 100 ފްލެޓެވެ.
މި ކެޓަގަރީއަށް ކުރިމަތިލެވޭނީ ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެ ފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ގްރޭޓާ މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާ އެކު، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމު ގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހުމާ އެކު މާލެ ސަރަހައްދުން ފާއިތުވި އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހުންނަށެވެ.
ނޫން ނަމަ އެއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތަކަށް ވެފައި މި ސަރަހައްދުން އެންމެ މަދުވެގެން މިދިޔަ އެއް އަހަރު ތެރޭ ފަރުވާ ހޯދާފައިވާ މީހަކަށް ވާން ޖެހެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - އިއްޔެ އާންމުކުރި އިސްލާހުގައި ދެމަފިރިން ވަކިން ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯތި ލިބުމުގެ ޝަތުރުތައް ހަމަވެ، ޖޮއިންޓް އެޕްލިކޭޝަނުގައި ގޯތި ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުންނާއި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެ މީހަކަށް ލިބިފައިވާ ފުލެޓު ދޫކޮށްލާނެ ކަމަށް އެއްބަސްވާ މީހުންނަށް ގޯތި ދޫކުރުމާ ބެހޭ އުސޫލުތަކަށް ވެސް ބައެއް ބަދަލުތައް ގެނެސްފައިވެ އެވެ.
މި ބަދަލުތަކާ އެކު މި ކެޓަގަރީން، ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާ މުއްދަތު އިއްޔެ ވަނީ އަންނަ މަހުގެ 10އަށް ބަދަލުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން އެކަމާ ގުޅޭ ގޮތުން ރޭ ކުރި އިއުލާންގައިވާ ގޮތުން، މި ކެޓަގަރީއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ 31 މޭގެ ނިޔަލަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިންނަށް ގޯއްޗާއި ފްލެޓަށް ކުރިމަތިލެވޭ ގޮތް ހަދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ