ރ. މީދޫގައި މިހާރު ކުރިއަށްދާ "އިތާ، އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތް 2025" ގައި ރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކޯރާ ކޯރާ މޯލްޑިވްސް ބަލިކޮށް އެންމެ ފަހުގެ ޗެންޕިއަން ޖޯލި ބީއިންގ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ޖޯލި ބީއިންގ މުބާރާތުގެ ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ކޯރާ ކޯރާ މޯލްޑިވްސް ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކޯރާ ކޯރާ މޯލްޑިވްސް އިންނެވެ. ނަމަވެސް ޖެހިގެންއައި ދެވަނަ ސެޓް 23-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޖޯލި ބީންގ ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް ޖެހިގެންއައި ތިންވަނަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 18-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ކޯރާ ކޯރާ އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑުހޯދާފައެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓް 17-25 ގެ ނަތީޖާއަކުން ޖޯލި ބީއިންގ ކާމިޔާބުކުރިއިރު، މެޗުގެ ނަތީޖާ ނެރުމަށް ކުޅެވުނު ފަސްވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ 10-15 ގެ ނަތީޖާއަކުންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޖޯލި ބީއިންގެ ޝެހާން އެވެ.
މިއާއެކު މިމަހުގެ 29 ވަނަ ދުވަހުގެ ރޭ 20:30 ގައި ކުޅޭ މުބާރާތުގެ ފައިނަލުގައި ޖޯލި ބީއިންގ ނުކުންނާނީ ކުޑަފުއްޓާއި ދެކޮޅަށެވެ. އަދި މިއީ މިމުބާރާތުގެ ފައިނަލުގައި ޖޯލި ބީންގ ޖެހިޖެހިގެން ވާދަކުރާ ތިންވަނަ ފަހަރެވެ.
15 އޮގަސްޓް 2025 އިން 29 އޮގަސްޓް 2025 ގެ ނިޔަލަށް، ރ.މީދޫގައި ކުރިއަށްދާ މިއަހަރުގެ މުބާރާތުގައި ޖުމްލަ 10 ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 10 ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް ވަނީ ސެމީ ފައިނަލުން ފުރުސަތު ލިބިފައެވެ.
ވާދަވެރި ކުޅުމަކަށްފަހު ކޯރާ ކޯރާ ބަލިކޮށް ޖޯލި ބީއިންގ ފައިނަލުން ޖާގަ ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ