ކުޅުދުއްފުށި ޗެމްޕިއަންޝިޕްގައި މިއަދު ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބާއި ދިއްދޫގެ ހީވެސް ނުވޭ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ
ކުޅުދުއްފުށި ޒޯން ސްޓޭޑިއަމްގައި ކުޅެވުނު މިމެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު މެޗު ނިމުނީ 1 - 1 ން ދެޓީމު އެއްވަރުވެގެންނެވެ
މެޗު ފެށިގެން މޮޅަށް ކުޅެފައިވަނީ ނޮޅިވަރަންފަރުންނެވެ. އެޓީމުން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގައިފަ އެވެ. 9 ވަނަ މިނެޓުގައި އެޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) ވަނީ ލަނޑެއް ޖަހާ ލީޑު ނަގައިދީފަ އެވެ
މެޗުގެ ފުރަަތަމަ ހާފު ނިމިގެންދިޔައީ 1 ލަނޑުން ނޮޅިވަރަންފަރު ކުރީގައި އޮވެގެންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނޮޅިވަރަންފަރުން ދެވަނަ ހާފަށް ވެސް ވަރުގަދަކޮށް ނުކުތް އިރު މިހާފުގައި ހީވެސް ނުވޭއިން ވެސް ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށްފަ އެވެ
މެޗުގެ ފަހުވަގުތާ ޖެހެންދެން ވެސް ނޮޅިވަރަންފަރުން އެޓީމުގެ ކީޑު ހިފަހައްޓައިގެން ކުޅުނު ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުކޮޅުގައި ހީވެސް ނުވޭއިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށް ޕޮއިންޓެއް ހޯދާފަ އެވެ. މެޗުގެ އިތުރުގެ ވަގުތުގެ 5 ވަނަ މިނެޓުގައި އެޓީމުން ނަތީޖާ ހަމަހަމަ ކުރި ލަނޑަކީ ނޮޅިވަރަންފަރުގެ ހޮކޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ
މިމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުގެ ޖާޒީ ނަންބަރު 8 އަހްމަދު ރަޝީދު އެވެ
މިއާއެކު ގްރޫޕް އޭ މިވަނީ އިތުރަށް ފޯރިގަދަވެފަ އެވެ. ކޮރަލްސްއާ ނޮޅިވަރަންފަރު ކުޅުނު ދެމެޗުން އެއްވަރުވީއިރު ޒިގްޒެގް ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފަ އެވެ. އަދި ހީވެސް ނުވޭ ވަނީ އެއް މެޗުން ބަލިވެ އެއް މެޗުން އެއްވަރުވެފަ އެވެ. މިގްރޫޕުގައި ހުރިހާ ޓީމަކަށް ވެސް ދެވަނަ ބުރަށް ދަތުރުކުރުމުގެ ފުރުސަތު އެބައޮތެވެ.
މާދަމާ ވެސް މިމުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިމެޗުގައި ބައްދަލުކުރާނީ ކަނޑިތީމު ފުޓްބޯޅަ ޓީމާ ހަނިމާދޫގެ ކެތިއަރާ އެވެ
'ހީވެސްނުވޭ' އާއި ނޮޅިވަރަންފަރު އެއްވަރުވެ ގްރޫޕްގެ އޭ ފޯރިގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ