މުލާ، ކްލަބް ވޯލްޑް ކަޕަށް އައީ ޝަކުވާކުރާކަށެއް ނޫން މުލާ، ކްލަބް ވޯލްޑް ކަޕަށް އައީ ޝަކުވާކުރާކަށެއް ނޫން

ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 26) - ފީފާ ކްލަބް ވޯލްޑް ކަަޕަށް އައީ ޓާގެޓެއް އޮވެގެން ކަމަށާއި ދިމާވާ ހާލަތެއްގެ ޝަކުވާކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބަޔާން މިއުނިކްގެ ތަޖުރިބާކާރު ފޯވާޑް، ތޯމަސް މުލާ ބުނެފި އެވެ.
އެމެރިކާގައި މިހާރު ކުރިއަށްދާ ފީފާ ކްލަބް ވޯލްޑް ކަޕްގައި މެޗުތައް ކުޅޭ ވަގުތު ހޫނު ގަދަވުމުގެ ސަބަބުން، ވޯޓާބްރޭކް ވެސް އަންނަނީ ނަގަމުންނެވެ. ޔޫރަޕްގެ ގިނަ ޓީމުތަކުގެ ކޯޗުންނާއި ކުޅުންތެރިން އަންނަނީ ހޫނު ގަދަވުމުގެ ސަބަބުން އަސްލު ކުޅުން ދެއްކުމުގައި ދަތިތަކެއް ހުންނަ ކަމަށް ފާހަގަކޮށް، އޭގެ ފައިދާ ލިބެނީ، މި މޫސުމަށް ހޭނިފައި ހުރި ދެކުނު އެމެރިކާގެ ޓީމުތަކަށް ކަމަށް ބުނެފަ އެވެ.
އުމުރުން 36 އަހަރުގެ މުލާ ބުނީ، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކު މޫސުމުގެ ޝަކުވާ ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުފެންނަ ކަމަށެވެ.
"އަހަރެމެންނަކީ ޕްރޮފެޝަނަލުން އެހެންވީމަ ކޮންމެ ހާލަތަކަށް ވެސް ހޭނިގެން މަސައްކަތް ކުރަން ޖެހޭކަން ދަނެގެން ހުންނަން ޖެހޭނީ، އަހަރެން ކަހަލަ 36 އަހަރުގެ މީހަކު، ޝަކުވާއެއް ކުރުމެއް ނެތި، 90 މިނިޓް މި ކުޅެނީ. އެހެންވީމަ، ދެން ތިބި މީހުންނަށް (ކުޅުންތެރިންނަށް) ކީއްވެ ނުވާންވީ،" މުލާ ބުންޏެވެ.
ބަޔާނުގައި ޔޫތު ކެރިއަރުން ފެށިގެން ސީނިއާ ލެވަލްގައި ޖުމްލަ އެކު، 25 އަހަރު ހޭދަކޮށްފައިވާ މުލާ، މި ފަހަރުގެ ކްލަބް ވޯލްޑް ކަޕަށް ފަހު އެ ޓީމު ދޫކޮށްލަން ވަނީ ނިންމައިފަ އެވެ. އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ޓީމަކަށް މުލާ ބަދަލުވުމުގެ ވާހަކަތައް ވެސް އަންނަނީ ދެކެވެމުންނެވެ.
"ތެދެއް، މަޝްވަރާ އެބަކުރަން (އެމްއެލްއެސް ޓީމުތަކާ). އެކަމަކު، އަވަސް އަރުވާލަންނެތިން، ރަނގަޅަށް ވިސްނާފައި ދެން ދާނެ ޓީމެއް ނިންމާނީ، މި ވަގުތު ހުރިހާ ފޯކަހެއް ހުރީ މި މުބާރާތަށް،" މުލާ ބުންޏެވެ.
މުލާ، ބަޔާނާ އެކު، 13 ލީގު ތަށްޓާއި ދެ ޗެމްޕިއަންސް ލީގު ކާމިޔާބުކުރިއިރު، އޭނާ އަކީ އެ ކްލަބަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެެވެ.
ބަޔާނުން ކްލަބް ވޯލްޑް ކަޕްގެ ގަދަ 16 ގައި ކުޅޭނީ، ބްރެޒިލްގެ ގަދަބާރު، ފްލަމެންގޯއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ