ދަރަނިތައް ދެއްކުމުގައި ދަތިނުވާ ގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ހުރިހާ މަޝްރުއެއްގެ މަސައްކަތް 2028 ވަނަ އަހަރަށް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ނ. އަތޮޅަށް ކުރައްވާ ދަތުރުގައި އެ އަތޮޅު ކެނދިކުޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ވައުދުވި ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދާނީ އިގްތިސާދީ ގޮތުން ދިމާވި ހުރަސްތަކުން އަރައިގަނެ، ދަރި ދެއްކުމުގައި ވެސް ދަތިނުވާ ގޮތަށް ރޭވުންތެރިކަމާއެކުގައި ކަމަށެވެ.
"އެހެންވީމަ ވަރަށް ޕްލޭން ކުރެވިގެން. އިގްތިސާދީ ގޮތުން އަޅުގަނޑުމެންނަށް ދިމާވެފައި ހުރި ދަތިތަކުން އަރައިގަތުމަށް އެއްވެސް ކަހަލަ ދަރަންޏެއް ދެއްކުމުގައި ދަތިތަކެއް ދިމާނުވާ ގޮތަށް ޕްލޭން ކުރުމާ އެކީގައި ރައްޔިތުންނަށް ހުރި މިކަހަލަ އަޅުގަނޑު ވެފައި ހުރި ވައުދުތައް ފުއްދުމުގެ ކަންކަން މި ތަރުތީބު ކުރަނީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ މި އަހަރު ބާކީ އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތް ފެށި، އަންނަ އަހަރު ވައުދުވި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ.
"ޖުމްލަކޮށް ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެއީ އަޅުގަނޑުގެ ޕްލޭނަކީ. މި އަހަރުގެ ތެރޭގައި ވަރަށް ގިނަ ރަށުގައި އަމަލީ މަސައްކަތް ފެށިގެން މިދަނީ. އަދި ކުރިއަށް އޮތް ފަސް މަސް ދުވަހުގެ ތެރޭގައި، ހަ މަސް ތެރޭގައި ވަރަށް ގިނަ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ދެ އަހަރުގެ ބަޖެޓެއް މި ސަރުކާރުން ތައްޔާރުކުރީ މި އަހަރާއި އަންނަ އަހަރު ހުރިހާ މަޝްރޫއެއް ފަށަން ކަމަށާއި އެއަށްފަހު މަސައްކަތް ކުރާނީ 2027 އާއި 2028 ގައި ފެށި ހުރިހާ މަޝްރޫއެއްގެ މަސައްކަތް ނިންމުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އިންޑިއާގެ މަރުކަޒީ ބޭންކު، ރިޒާވް ބޭންކު އޮފް އިންޑިއާ (އާރުބީއައި) އިން ނެގި ކަރަންސީ ސްވޮޕް ފެސިލިޓީއާ އެކީ މި އަހަރުގެ ތެރޭގައި ރާއްޖެއިން ދައްކަން ޖެހޭ ދަރަނި ބިލިއަން ޑޮލަރު (15.4 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އަދި އަންނަ އަހަރު ވެސް ރާއްޖެއިން ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ދަރަނީގެ ގޮތުގައި އަދާކުރަން ޖެހެ އެވެ.
މި ސަރުކާރު ވެރިކަމަށް އައިތާ ދޮޅު އަހަރު ވެފައިވާއިރު، ހިނގަ ހިނގާ އޮތް ގިނަ މަޝްރޫއުތައް ވެސް ވަނީ ހުައްޓާލައިފަ އެވެ. މީގެއިތުރުން މި ސަރުކާރުގެ އަމިއްލަ ތަރައްގީގެ މަޝްރޫއުތައް ހިންގޭ މަންޒަރެއް މިހާތަނަށް ފެނިގެނެއް ނުދެ އެވެ. އޭގެ ތެރޭގައި ސަރުކާރުން އެންމެ ބޮޑު ވައުދެއްވީ ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ދޮޅު އަހަރުވީއިރު ވެސް އެދެވޭ ބާރު މިނެއްގައި ނުހިނގަ އެވެ.
ދަރަނި ދައްކަން ދަތި ނުވެ، ވައުދުވި ހުރިހާ މަޝްރޫއެއް 2028 އަށް ނިންމާނަން: ރައީސް ދަރަނި ދައްކަން ދަތި ނުވެ، ވައުދުވި ހުރިހާ މަޝްރޫއެއް 2028 އަށް ނިންމާނަން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ