ނަޝީދުގެ މައްސަލައިގަ ދެ އަމުރަކަށް އެދި އެމްޑީޕީން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭތީ އެމައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
އެމްޑީޕީން މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގައި އެ ޕާޓީން އެދުނީ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ނިންމި ނިންމުން ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމެއްގައި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މެންބަރު އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއްބާރު ކަމުން އެ ބާރުގެ މަސައްކަތް އެއްވެސް ހާލަތެއް ގައި ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި މަޖިލީހުގެ މަސައްކަތްތައް ހުއްޓޭ ގޮތަށް ގަވާއިދެއް ވެސް ގާނޫނެއް ވެސް މާނަ ކޮށްގެން ނުވާނެ ކަމަށެވެ. އެހެން ކަމުން މިހާރު ދިމާވެފައިވާ ހާލަތާއި ގުޅިގެން މަޖިލީސް ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން އެ މައްސަލަ ސުޕްްރީމް ކޯޓަށް މިހާރު ހުށައަޅާފައެވެ.
މި ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ، މަޖިލީހުގެ އަމީންއާންމު މިއަދު ނިންމެވި ނިންމެވުން ގާނޫނުއަސާސީއާއި މަޖިލީހުގެ ގަވާއިދާ ހިލާފު ކަމަށެވެ.
އެހެންކަމުން ނާއިބު ރައީސް ނެތް ހާލަތެއް ގައި މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން މެންބަރަކު ރިޔާސަތުގައި އިންނަވައިގެން ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓުގައި އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް މިހާރު ހުށައަޅާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމުގެ ކުރީން މަޖިލީހުގެ އިތުރު ޖަލްސާ އެއް ނުބޭއްވޭނެ ކަމަށް އަމުރުކޮށް ދިނުމަށް ވެސް އެމްޑީޕީން ވަނީ އެދިފައެވެ.
މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން ކަނޑައަޅާފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 މާއްދާއާ ހިލާފަށް. މި ހާލަތު އިތުރަށް ދެމިގެން ގޮސްފިނަމަ ދުސްތޫރީ މައްސަލަތަކެއްގެ ތެރެއަށް ގައުމު ވެއްޓޭނެ. މިކަމަށް ސުޕްރީމް ކޯޓުގެ ނިންމުމެއް ކޮންމެހެން މުހިންމު ކަމަށް ވެސް އަޅުގަނޑުމެން ދެކެން،"
އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ ނަޝީދުގެ މައްސަލައިގައި ގޮތެއް ނިންމުމަށް ފަހު ނޫނީ މަޖިލީހުގެ އެހެން އެއްވެސް ޖަލްސާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. އެގޮތަށް އެދުނީ މަޖިލީހުގެ ގަވައިދުގެ 205 މާއްދާގެ (ރ) ގައިވާ ގޮތުގެ މަތިންނެވެ.
އެ މާއްދާގައި ބުނަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއަށް ހުށަހެޅުމަށް ފަހު، އެ ވަގުތު މަޖިލީހަށް ހުށަހެޅިފައިވާ އެހެން އެއްވެސް ކަމަކާ މެދު ބަހުސް ކުރެވޭނީ ނުވަތަ ގޮތެއް ނިންމޭނީ އެ ގަރާރާ މެދު ގޮތެއް ނިންމުމަށް ފަހު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ