އަނބިމީހާ ކަންކަން ކޮށްނުދޭތީ ވަރިކުރަން ކޯޓަށް ދިއަ މީހާ ލިޔަން ކޯޓުން އެންގި 2 ލިސްޓް! ކޮންމެ ދެމަފިރިއަކުވެސް ބަލާނަމަ ވަރި ވަރަށް މަދުވާނެ!

ބައިވެރިޔާ އާއިމެދު މާޔޫސްވެ ފޫހިވެވެނީ އަބަދުވެސް އޭނާގެ ކިބައިގައި ހުންނަ ނުރަނގަޅު ސިފަތަކާއިމެދު ވިސްނޭތީއެވެ. ރަނގަޅު ސިފަތަކާއިމެދު ނުވިސްނޭތީއެވެ. ނުކޮށްދެވި ހުންނަ ކަންކަމަށް ވިސްނާ ފަދައިން ކޮށްދީފައި ހުރި، ކޮށްދެމުން އަންނަ ކަންކަމަށް ވިސްނައި ނުލެވޭތީއެވެ. 
އަބަދުވެސް އަނބިމީހާ ބަދަލުކުރަންޖެހެނީވެސް ހަމަ މި މައްސލައިގައެވެ. އަނހެނުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތަކާއިމެދު ވިސްނަން އޮތް ޙަދީޘްފުޅު ހަނދާން ނުކުރާތީއެވެ. 
އަނބިމީހާގެ ކިބައިން ކުށެއް ފެންނައިރަށް އެކަމުގެ ވާހަކަތައްވެސް އެބަދައްކައެވެ. އެކަމަކު އަނބިމީހާ ކޮށްދޭ ރަނގަޅު ކަންކަން ފާހަގަކޮށް އެކަމުގެ ވާހަކައެއް ނުދައްކައެވެ. އެންމެ ރަނގަޅު ގޮތަކީ ބައިވެރިޔާގެ ވާހަކައެއް ކޮންމެހެން ދައްކަން ޖެހިގެން ނޫނީ އެއްވެސް މީހެއްގެ ގާތުގައި ނުދެއްކުމެވެ. ދައްކާނަމަ ދައްކަންޖެހޭނީ ހަމައެކަނި ނުރަނގަޅު ކަންކަމުގެ ވާހަކައެއް ނޫނެވެ. ރަނގަޅު ކަންކަމުގެ ވާހަކަވެސް ދައްކަންޖެހޭނެއެވެ. އަދި ފިރިންގެ ވާހަކަ ދައްކާނަމަ އަނބިންވެސް ހަމަ މިގޮތަށް ކަންކަން ކުރަންވާނެއެވެ. 
އަނބިމީހާގެ ކަންކަން ގޯސްވެ އެކުގައި ދިރިނުއުޅެވޭވަރުވެއްޖެ ކަމަށް ޤަބޫލުކުރެވިގެން ވަރިކުރަން ކޯޓަށް މައްސަލަ ހުށަހެޅި މީހަކު ހުށަހެޅި ސަބަބުތަކުގެ ވާހަކަ ފަނޑިޔާރު އަޑުއެހުމަށްފަހުގައި ފަނޑިޔާރު ބުނި ވާހަކަ ބުނެލާނަމެވެ. އޭނާ ބުންޏެވެ. "ތިއަ ދައްކަނީވެސް ހަމަ މައްސަލަތަކެއްގެ ވާހަކައެވެ. އެކަމަކު ބުނަންހެއްޔެވެ؟ ތިއަ ބުނި މައްސަލަތަކަށްވުރެ އަހުރެންގެ އަނބިމީހާގެ ކިބައިން އަހުރެންނަށް ކުރިމަތިވާ މައްސަލަތައް މާގިނައެވެ. އެކަމަކުވެސް ވަރިކުރާކަށް ނުވެސް ވިސްނަމެވެ. އެއީ އޭނާގެ ކިބައިގައި ހުންނަ ރަނގަޅު ސިފަތައް މާގިނަވެފައި ނުކޮށްދެވޭ ކަންކަމަށްވުރެ ކޮށްދޭ ކަންކަން މާގިނަވީމައެވެ. 
ވީމާ އަދި އެނބުރިދާށެވެ! ދެން ދުވަހަކު ދެމީހުން އެކުގައި ޙާޒިރުކުރާނަމެވެ. އެދުވަހު އަންނަންވާނީ އަނބިމީހާގެ ހުރި ނުބައި ސިފަތަކާއި ރަނގަޅު ސިފަތަކާއި ކޮށްދޭ ކަންކަމާއި ނުކޮސްދޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ލިޔެގެންނެވެ. އެލިސްޓުގައި ހުންނަ ކަންކަމަށް އަނބިމީހާ ދޭ ޖަވާބުވެސް ބަލަންޖެހޭނެތާއެވެ. 
އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. ތިއަ ބުނަނީ އަނބިމީހާ ކާންހަދައިދިނުން ލަސްވާ ވާހަކައެވެ. ވަރިކޮށް ފޮނުވާލުމަށްފަހު 3 ދަރިންނަށް ޚަރަދު ނުކުރެވުނީމާ އެކުދިންނަށް ކާން ނުވެސް ލިބުމާއި ކަލެއަށް ކާން ހަދައިދިނުން ލަސްވުމާއި ދެކަމުންކުރެ ގެއްލުން ބޮޑުވާނީ ކޮންކަމެއް ކަމާއިމެދުގައިވެސް ވިސްނާލައިގެން އަންނާށެވެ!" 
ޖެހިގެން އައި ހަފްތާ ބަންދަށްފަހު ކޯޓު ހުޅުވި ދުވަހު ކޯޓު ހުޅުވިތަނުން އޭނާ ފަނޑިޔާރާއި ބައްދަލުކޮށް އެދުނީ މައްސަލަ ބާޠިލްކޮށްދިނުމަށެވެ. ސަބަބެއް ކަމަށް ބުނީ ލިސްޓް ލިޔެނިމިގެން ބަލައިލިއިރު އަނބިމީހާއަށް ކޮށްނުދެވޭ ކަންކަމަށްވުރެ ކޮށްދޭ ކަންކަމުގެ ޢަދަދު އެތައް ގުނައަކަށް އިތުރުކަމަށެވެ. 
މިހުންނަނީ ކަންކަން ބަލަންޖެހޭ ގޮތަށް ބެލުމުން ނުކުންނަ ރަނގަޅު ނަތީޖާއެވެ. ނުކޮށްދެވޭ އާއި ކޮށްދެވޭ ހެޔޮ ގޮތުގައި މިންއަޅާލުމުން ހެޔޮ ވިސްނޭ މީހުންގެ ވިސްނުމަށް އަންނަ ހެޔޮ ބަދަލުތަކެވެ. 
- މަޢްލޫމާތު: ބިލާލް އައްސަދުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ