މުއިއްޒަކީ ފްލެޓްތަކުން މީހުން ނެރުނު މީހެއް، މި ސަރުކާރުން ދިން ގޯތިތައް ވެސް އަތުލާނެ: ޝާހިދު

އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ އިންތިހާބު ކާމިޔާބުވެއްޖެ ނަމަ މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޫކުރި ގޯތިތައް އަތުލާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ސޯސަން ޖަގަހަ ކަންމަތީގައި މިރޭ ބޭއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޖަލްސާގައި ޝާހިދު ވިދާޅުވީ، މާލެ ތޮއްޖެހި، “އެކަކު އަނެކަކު” ގައިމަތީގައި ދިރިއުޅެމުންދާތާ އެތައް ޒަމާނެވެގެން ދިޔައިރުވެސް އެކަމަށް ކުރީގެ ސަރުކާރުތަކުން ދައްކަމުން އައީ ބަހަނާ ކަމަށެވެ.
ނަމަވެސް މާލެއިން ގޯތި ނުދޭތާ 40 އަހަރު ފަހުން ހުޅުމާލެއާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަ ފަޅު ހިއްކައި، ގޯތި ކަނޑާފައި ދޭނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެން، އެ ވައުދު ފުއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރުން ގޯތި ކަނޑާ ބިމުގެ ރަޖިސްޓްރީ ދީފައި އޮތް ނަމަވެސް މުއިއްޒުގެ ވެރިކަމުގައި ހިއްކަން ނިންމާފައިވާ ފުށިދިއްގަރު ފަޅަށް އެ ގޯތިތައް ބަދަލުކުރަން އުޅޭ ކަމަށެވެ.
އަދި މުއިއްޒަކީ ގުޅިފަޅުގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފްލެޓް އަޅާފައި ފްލެޓް ދިން މީހުންގެ އަތުން އެތަންތަން އަތުލި ސަރުކާރުގެ ހައުސިން މިނިސްޓަރު ކަމުން، މާލޭގެ ރައްޔިތުންނަށް މިހާރު ދީފައިވާ ގޯތިތައް މުއިއްޒު އަތުނުލައްވާނެ ކަމަށް ނުވިސްނަންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.
“އެހެންވީމާ މިހާރު ހަވާލުކޮށްފައި ހުރި ގޯތިތައް އަތުނުލާނެ ކަމަށް ވިސްނައިވަޑައިނުގަންނަވާތި. އަތުލާނެކަން ޔަގީންކުރައްވާ އެ ބޭފުޅުން ވަޑައިގެންފިއްޔާ ދެން ތި ބޭފުޅުން އުޅުއްވަން ޖެހޭނީ ވާދޫ ކަނޑު ހުރަސްކޮށްފައި އޭގެ އެކޮޅުމަތީގައި (ފުށިދިއްގަރު ފަޅު)،” ޝާހިދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ގޯތިތައް އޮންނާނެކަން ކަށަވަރުކުރެވޭނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓުދެއްވައި އެމަނިކުފާނު އިންތިހާބު ވެގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ