ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަންޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
ކުޑަކުދިންނަށް ހަޤީޤީ ލޯބިދިނުމަކީ، އެކުދިންނަށް ދީނާއި ދުނިޔެ އުނގަންނައިދިނުން ކަމަށާއި ޒިންމާދާރު ބައެއްގެ ގޮތުގައި މާދަމާ އުޅެވޭނެ ޤާބިލްކަން ހޯދައިދޭންޖެހޭކަމަށް އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ކުޑަކުއްޖެއްގެ މަޢުޞޫމް ދިރިއުޅުމަށް ބުރޫއަރާނެ ބަހަކަށް އަދި ޢަމަލަކަށްވެސް ޖާގަ ނުދިނުމަކީ އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ޚިޠާބުގައި، އިންޓަނެޓާއި ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި، ބެލެނިވެރިންނާއި މުދައްރިސުން އައު ވިސްނުންތަކާއެކު މަސައްކަތްކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޚިޠާބުގައި ޒަމާނީ ތަޢުލީމާއި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް ކުޑަކުދިންގެ އަތަށްދޭ ވަސީލަތްތަކުގެ ސަބަބުން ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ބޮޑެތި ނުރައްކާ ކުރިމަތިވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ގުޅިގެން މަސައްކަތްކުރުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމް ކަށަވަރުކޮށްދެއްވުމަށް ކަމުގައި، އެމަނިކުފާނުގެ ޚިތާބުގައި ފާހަގަކުރެއްވިއެވެ. ދިވެހި ކޮންމެ ކުއްޖަކީ ސްކޫލް ސިސްޓަމްގެ ތެރެއިން ފުރުޞަތު ލިބިގެން ހެދިބޮޑުވަމުން އަންނަ ކުއްޖެއްކަން ސަރުކާރުން ދަނީ ކަށަވަރުކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޑަކުދިންގެ ދުވަހާ ގުޅިގެން، އެމަނިކުފާނު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވަނީ، ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް ފޮނުއްވާފައެވެ.
ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދިވެހި ލޮބުވެތި ކުޑަކުދިންނަށާއި ޢާއިލާތަކަށް މި އުފާވެރި ދުވަހުގެ ތަހުނިޔާ ފޮނުއްވައި މެސެޖެއް ހިއްސާކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި ވިދާޅުވީ ހެޔޮލަފާ ދަރީންތަކެއް ހެދި ބޮޑުވަމުންދާ ޤައުމެއްގެ މުސްތަޤްބަލާމެދު މާޔޫސްކަމެއް ނެތް ކަމަށެވެ. އަދި ކުޑަކުދީންނަށް އަޅައިލާ، އޯގާތެރިކަމާއެކު ޙިމާޔަތް ދެމުން ދާހައި ހިނދަކު ކުރިމަގަށް ކުރާ އުންމީދު ހަޤީޤަތަކަށް ވަމުންދާނެކަމަށް އެކަމަނާގެ މެސެޖުގައި ވިދާޅުވިއެވެ.
ހެދިބޮޑުވަމުން އަންނަ ވަރަކަށް، އުމުރާގުޅޭ ތަޢުލީމާއި ތަރުބިއްޔަތު ކުޑަކުދިންނަށް ދިނުމަކީ ސަރުކާރާއި ރައްޔިތުން ގުޅިގެން އަދާކުރަން ޖެހޭ ޤައުމީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ