ޗާގޯސްގެ މައްސަލައިގައި އުމަރު ސްޕްރީމް ކޯޓަށް

ޗާގޯސްގެ މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ސިޓީފުޅެއް ފޮނުއްވާފައިވާނަމަ، އެ ސިޓީފުޅު ބާތިލުކުރުމަށް އެދި، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު، ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އުމަރު މި ސިޓީ ސްޕްރީމް ކޯޓަށް ހުށަހެޅީ ހ. ދޮންޖޭމުގޭ އުމަރު ނަސީރު، ޖަންކަރު، މުހައްމަދު މުސްތާގު، ލ. ކާނަލް (ރޓޑ) ޒުބައިރު އަހްމަދު މަނިކު ހިމެނޭހެން، މި ތިންބޭފުޅުންގެ ނަމުގައެވެ.
އެ މައްސަލައިގާ ބުނެފައިވަނީ ޗާގޮސް މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލަ އިޓްލޮސްއިން ބަލަމުން ގެންދާއިރު، އެ މައްސަލައިގާ ޗާގޮސް މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސް އަށް ކަމަށް ގަބޫލުކުރުންކަމަށްބުނެ، ރައީސް ސޯލިހްގެ ނަންފުޅުގައި ނުވަތަ ރަސްމީ އެއްވެސް ފަރާތަކަށް އެއްވެސް ރަސްމީ ލިޔުމެއް ފޮނުއްވާފައިވާކަމަށްވާނަމަ އެ ލިޔުމަކީ ގާނޫނު އަސާސީއާ ހިލާފަށް ޣައިރުދުސްތޫރީ އަދި ޣައިރުގާނޫނީ ގޮތުގައި ފޮނުވާފައިވާ ލިޔުމެއްކަމުގައި ވާނޭކަން ކަށަވަރުކަމާއެކު އެނގޭ ކަމަށެވެ.
މީގެ އިތުރުން މި މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމެއް ކުރެއްވުމުގެ ކުރީން، ފޯޅަވައްސާއި ގުޅޭގޮތުން އެއްވެސް ޙައިޘިއްޔަތަކުން އެއްވެސް ތަނެއްގައި އަދި އެއްވެސް ގޮތެއްގައި ދިވެހި ދައުލަތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށް ވެސް ވަނީ އެދިފައެވެ. އަދި އިޓްލޮސްގައި މޮރިޝަސްގެ ދަޢުވާއަށް މުޠުލަޤު ގޮތެއްގައި އިޢުތިރާޟުކޮށް، ރާއްޖެއިން ފޯޅަވައްސާ މެދު ކުރާ ދަޢުވާތައް ހުށައަޅައި އެ ދަޢުވާތަކާ މެދު ގޮތެއް ނިންމުމުގެ ކުރީން މޮރިޝަސްގެ ދަޢުވާއާ ބެހޭ އެއްވެސް ނިންމުމެއް ނިންމުމަށް ރާއްޖެ އެއްބަސް ނުވާނޭކަން ބަޔާން ކުރުން ފިޔަވައި އެހެން އެއްވެސް މައުޤިފެއް ނުނެގުމަށް ދައުލަތުގެ މައްޗަށް އަންގަވައި ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް އެދިފައި ވެއެވެ.
ހަމަމިއާއެކު މައުޟޫޢީ ގޮތުން މައްސަލަ ބައްލަވައި ރައީސް ސާލިހް ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސްއަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް، އެމަނިކުފާނު ސޮއި ކުރައްވައިފައި ނުވަތަ އެމަނިކުފާނުގެ ވަޒީރަކު ސޮއި ކުރައްވައިފައި ވިޔަސް ފޮނުއްވެވި ލިޔުން ހާމަ ކުރުމަށް އަމުރު ކޮށްދެއްވުމަށް ވެސް އެ މައްސަލައިގާ އެދިފައި ވެއެވެ.
މިފަދަ މައްސަލައެއް އުމަރު އިސްވެ ސްޕްރީމް ކޯޓަށް ހުށަހެޅުއްވިއިރު،  ސަރުކާރުން ވިދާޅުވެފައި ވަނީ، ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައެއް ނުވާނެކަމަށެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ