ތިމާވެށީގެ ދުވަހުގެ ހަރަކާތްތައް މާދަމާ ފަށަނީ

މި މަހުގެ ފަސް ވަނަ ދުވަހު ފާހަގަ ކުރާ ބައިނަލްއަގުވާމީ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން އެންވަޔަރަންމެންޓް މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން ބުނީ ތިމާވެށީގެ ދުވަހާ މި އަހަރުގެ ރޯދަ މަހާ ވަރަށް ބޮޑަށް ކައިރި ވާތީ، މާދަމާ އެ ދުވަހުގެ ހަރަކާތްތައް ފަށަން ނިންމާފައިވާ ކަމަށެވެ. ތިމާވެށީގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތަކާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެންވަޔަރަންމެންޓު މިނިސްޓްރީގެ ޕާމަނަންޓް ސެކެޓަރީ އަޖުވަދު މުސްތަފާ ވިދާޅުވީ، ތިމާވެށީގެ ދުވަހާ ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ރަސްފަންނުގައި ބާއްވާ ތިމާވެށީގެ ފެސްޓިވަލް އެވެ. މާދަމާ ހަވީރު ހަތަރެއް ޖަހާ އިރު ފަށާ އެ ފެސްޓިވަލުގައި ތިމާވެއްޓާ ގުޅުންހުރި މައުލޫމާތު ދިނުމަށް ސްޓޯލްތަކެއް ބެހެއްޓިފައި ހުންނާނެ ކަމަށް އަޖުވަދު ވިދާޅުވި އެވެ. ހަމަ އެއާއެކު، ސްކޫލްކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފޮޓޯ ނެގުމުގެ މުބާރާތުން ވަނަވަނައަށް ހޮވުނު ކުދިންނަށް އިނާމާއި ހަނދާނީ ލިޔުން ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. ހަމައެއާއެކު، ތިމާވެށީގެ ހާލަތު ދައްކުވައި ދިނުމަށް ސްކޫލްކުދިން ކުރަހާފައިވާ ކުރެހުންތައް ޓައިލްސް އަށް ޕްރިންޓް ކުރުމަށް ފަހު ހިރިޔާ ސްކޫލުގެ ފާރުގައި ހަރުކޮށްފައި ބަހައްޓާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެ އެވެ. އޭގެ އިތުރުން މިނިސްޓްރީ އާއި އދ.ގެ ތިމާވެއްޓާ ބެހޭ ޖަމިއްޔާ، ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް)ގެ އެހީގައި ކުރިއަށް ގެންދާ "ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް"ގެ ފަރާތުން ބާއްވާ ކުރެހުމުގެ މުބާރާތް ވެސް މާދަމާ އިފްތިތާހު ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން މިނިސްޓްރީ އާއި، ސިވިލް ސާވިސް ކޮމިޝަނާއި އެލްޖީއޭ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގަސްއިންދުމުގެ ހަރަކާތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ރާވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ