ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގާޒީ އަޙްމަދު އަކްރަމް 7 ދުވަހަށް ސަސްޕެންޑު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނި ގޮތުގައި، މިއަދުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް އޭނާ ސަސްޕެންޑު ކުރީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށެވެ.
ޖޭއެސްސީން ބުނީ ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއެއްގައި ގާޒީ އަކްރަމް ހުކުމްކޮށް 10 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ޚުލާސާ ރިޕޯޓެއް ދަޢުވާގައި ހިމެނޭ ފަރާތްތަކަށް ދޫކުރުމުން، އެ ޚުލާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް 2020 ފެބްރުއަރީ 19 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ނަމަވެސް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ދިވެހިރާއްޖޭގެ ހައިކޯޓަށް ފޮނުވާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ލިޔެކިޔުމުގައި ހިމެނޭ ޚުލާސާ ރިޕޯޓުގެ ބަދަލުގައި އެ ރިޕޯޓުގައި ނުހިމެނޭ އިތުރު ނުކުތާތަކެއް އިތުރުކޮށްފައިވާ ޚުލާސާ ރިޕޯޓެއްކަމަށް ޖޭއެސްސިން ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރުގެ ދަށުން، މުސާރައާއި ޢިނާޔަތްތައް ނުލިބޭ ގޮތަށް ގާޒީ އަކްރަމް މިއަދުން ފެށިގެން ވަޒީފާގެ މަސައްކަތަށް ނުކުތުން 7 ދުވަހަށް މަނާކުރުމަށް ނިންމާފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.
ގާޒީ އަކްރަމް 7 ދުވަހަށް ސަސްޕެންޑުކުރުމަށް ނިންމާފައިޥާއިރު ޖޭއެސްސީން ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު 14 ދުވަހަށް ސަސްޕެންޑު ކުރުމަށްވެސް ނިންމާފައެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ވެސް ސަސްޕެންޑުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ