ރައީސަކީ ކާކުކަން ކަނޑައަޅައިދިނުމަށް ހުށައެޅި މައްސަލަ ސުޕްރިމް ކޯޓުން ބޭރުކޮށްލައިފި

ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ހުވާ ކޮށްގެން ދެ ރައީސުން ތިއްބެވުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައަށް ހައްލެއް ހޯދަން އިދިކޮޅުު ކޯލިޝަނުން ސުޕްރިމް ކޯޓަށް ހުށައެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ. 
ޕީޕިއެމްގެ ގާނޫނީ ޓީމުން ބޭއްވި ޕްރެސް ކޮންފަރެންސްއެއްގައި އެކަން ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.
އެގޮތުން ޕީޕީއެމްގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު ސިއްދީގު ވިދާޅުވީ ރާއްޖޭގައި ހުވާ ކޮށްގެން ތިއްބެވި ދެ ރައީސުންގެ އެބަ ތިއްބެވި ކަމަށާ އެކަމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލައާއި ގުޅިގެން ސުޕްރިމް ކޯޓުން ގޮތެއް ކަނޑައަޅާދިނުމަށް އެދި ވާދަވެރި ސިޔާސީ ޕާޓީން ހުށައެޅި މައްސަލަ ބަލައިނުގަންނަން ނިންމާ، އެކަން މިއަދު ސުޕްރިމް ކޯޓުން އިދިކޮޅުގެ ވަކީލުންނާއި ހިއްސާކޮށްފައިވާ ކަމަށެވެ. 
Advertisement
ސުޕްރިމް ކޯޓުން ބުނެފައިވަނީ އެ މައްސަލައަކީ އެ ކޯޓުގެ އިހުތިސާސްގެ ތެރެއިން ބެލިދާނެ މައްސަލައެއް ނޫން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައިބާ ބާރުތައް އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމް އާއި ވަގުތީ ގޮތުން ހަވާލު ކުރެއްވުމަށް ނިންމެވީ ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަން ކުރެއްވުމަށް ޖެހިވަޑައިގަތުމުންނެވެ.
އެއީ ފެބްރުއަރީ 25، 2022 ގައެވެ. އެ ދުވަހުގެ ފަތިހު 5:50 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމަށް ހުވާ ނާއިބު ރައީސް ވަނީ ކުރައްވާފަ އެވެ. ނަމަވެސް ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ރައީސް ސޯލިހް އަލުން ހަވާލުވެވަޑައިގެންފައިވާކަން އިއުލާނު ކުރެއްވި އެވެ.
ދެ ރައީސުންގެ މައްސަލަ ސުޕްރިމް ކޯޓުން ބޭރުކޮށްލުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް ކަމަށް އިދިކޮޅުގެ ގާނޫނީ ޓީމުން ފާހަގަކުރެއްވި އެވެ. 
އެއާއެކު ގާނޫނީ ވަކީލު ސިއްދީގު ވިދާޅުވީ، ސުޕްރިމް ކޯޓުން އެ މައްސަލަ ބޭރުކޮށްލި ނަމަވެސް، ދެ ރައީސުންގެ މައްސަލައަށް ހައްލު ހޯދުމަށް އިދިކޮޅުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން މިހާރު އެ މައްސަލަ ފަނޑިޔާރުންގެ މަޖިލީހަށް ހުށައެޅުމަށް ތައްޔާރުވަމުން ގެންދާކަމަށް ސިއްދީގު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ