ފަޅުރަށެއް، ފަޅެއް، ފަރެއް އަދި ފިނޮޅެއްވެސް ނާޖާއިޒުގޮތުގައި ގާސިމް ހޯއްދަވައިފައެއް ނުވޭ: އަލީ ޞާލިހު

ދިވެހިރާއްޖޭގެ އެއްވެސް ފަޅުރަށެއް، ފަޅެއް، ފަރެއް އަދި ފިނޮޅެއްވެސް ނާޖާއިޒުގޮތުގައި ނުހައްގުން ބަޔަކާއި ގުޅިގެންވިޔަސް އަދި އެނޫންގޮތަކުންވިޔަސް މިހާތަނަށް އެއްވެސް ސަރުކާރަކުން ޖުމްހޫރީޕާޓީގެ ލީޑަރ އޮނަރަބްލް ގާސިމް އިބްރާހީމް ހޯއްދަވައިފައެއް ނުވާކަމަށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ޞާލިހް ވިދާޅުވެއްޖެއެވެ.
އަލީ ޞާލިހު މިހެން  ވިދާޅުވެފައި މިވަނީ ގާސިމް ނުހައްގުން ފަޅުރަށްތަކެއް ހޯއްދަވާފައިވާކަމަށް ބުނެ ނޫސްވެރިޔަކު ކުރި ސުވާލުތަކަކާއި މެދު ހިތްހަމަނުޖެހުނު ކަމަށްބުނެ ޝޯޝަލް މީޑިއާގައި ވީޑިއޯއެއް ދައުރުވަމުން އަންނަ ދަނޑިވަޅެއްގައެވެ.
"އެފަދަ މުއާމަލާތެއް ކުރުމުގެ ވިސްނުންފުޅެއް ދުވަހަކުވެސް ނުގެންގުޅުއްވައެވެ. އެފަދަ މުއާމަލާތެއްގެ މުގާބިލުގައި އެއްވެސް ފަރާތަކާއެކު މުއާމަލާތެއް ކުރެއްވިކަން އެއްވެސް އިރަކު ފެންނާކަށްވެސް ނެތެވެ" އަލީ ޞާލިހު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު ރައީސް އޮފީހުގައި އިއްޔެ ބޭއްވެވި ބައްދަލުވުމަށްފަހު ނިކުމެ ވަޑައިގެން ޤާސިމް ވިދާޅުވީ ރިޔާސީ އިންތިހާބު ބޯމަތިވެފައި ވާއިރު އެކިމީހުން އެކިގޮތަށް އެކިވާހަކަ ދައްކާނެކަމަށެވެ. އަދި ޖޭޕީ އަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިއެއް ކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ