ވެންޓިލޭޓަރު މައްސަލާގައި ގެއްލުނު ފައިސާ ހޯދަން ހުށަހަޅައިފި

ކޮވިޑް-19ގެ އާލަމީ ވަބާގެ ތެރޭގައި 2020 ވަނަ އަހަރު ރާއްޖެއަށް ގެންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި އެ ތަކެތި ގެންނަން ހަވާލުކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެކޮޅަށް ރާއްޖޭގެ އިންޓަނޭޝަނަލް އާބިޓަރޭޝަން ސެންޓަރަށް މައްސަލައެއް ދައުލަތުން ހުށަހަޅައިފިއެވެ.
ޕާފޯމޭންސް ގެރެންޓީއެއް ހޯދުމެއް ނެތި އެގްޒެކިއުޓާސް ޖެނެރަލްއާ ހެލްތު މިނިސްޓްރީގެ މެދުގައި ވެންޓިލޭޓަރު ހޯދުމަށް ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް 32 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެއްބަސްވުމުގައި ބަޔާންކުރި ވެންޓިލޭޓަރު ލިބިފައުނުވެއެވެ.
އެ މައްސަލަ އާބިޓަރޭޝަނަށް ހުށަހަޅާނެކަން 2021 ވަނަ އަހަރުގައި ސަރުކާރުން އިއުލާނުކުރިއެވެ. ނަމަވެސް މައްސަލަ ހުށަހެޅުނުކަމަށް މިއަދު ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ 2023 ފެބްރުއަރީ 16 ވަނަ ދުވަހުއެވެ.
އެ މައްސަލައާ ގުޅިގެން ބަންޑާރަނައިބުގެ އޮފީހުން ބުނީ ދައުލަތުން އެދިފައިވަނީ އެ ކުންފުންޏާ ގެންނަން ހަވާލުކުރި ވެންޓިލޭޓަރުގެ އަގަށްވާ ފައިސާއާއި ގެއްލުމުގެ ބަދަލު ކަމށެވެ. އެގޮތުން 2.1 މިލިއަން ޑޮލަރު އަދި އިންޓަރެސްޓާއި އާބިޓަރޭޝަންގެ ޚަރަދު ހޯދުމަށް އެދިފައިވާނެ ކަމަށެވެ.
އިތުރަށް ބަންޑާރަނައިބުގެ އޮފީހުން ފާހަގަކޮށްފައިވަނީ އާބިޓަރޭޝަނަށް ހުށަހެޅި އެ މައްސަލައާ ގުޅޭ ހުރިހާ ސިއްރެއް ހިފަހެއްޓުމަކީ ސަރުކާރުގެ މައްޗަށް ލާޒިމުވާނެ ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ