ވާރޭ ނުވެހި ގިނަ ދުވަސްވެ، ހޯޑެއްދޫ ފެނަށް ޖެހިއްޖެ

ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާތީ ގދ. ހޯޑެއްދޫ ފެނަށް ޖެހިފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފިއެވެ. ހޯޑެއްދޫ ކައުންސިލްގެ ރައީސް ހުސެއިން ވާރިޝް މިރޭ "ސަން"އަށް ވިދާޅުވީ ވާރޭ ނުވެހި ގިނަ ދުވަސްތަކެއްވެ، އެ ރަށުގެ ރައްޔިތުންނަށް ގިނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ހޯޑެއްދޫގެ ރައްޔިތުން ވާރޭ ފެން ރައްކާކުރަނީ ތާންގީތަކުގައެވެ. އެހެން ނަމަވެސް، ވާރޭ ނުވެހި ގިނަ ދުވަސްތަކެއް ވެފައިވާތީ އެ ރަށުން ބޯ ފެން ވަނީ ހުސްވެފައެވެ. "ދެ މަސް ވަރު ވެދާނެ ވާރޭ ނުވެހޭތާ،" ވާރިޝް ވިދާޅުވިއެވެ. ހޯޑެއްދޫ ފެނަށް ޖެހިފައިވާއިރު، އެ ރަށުގައި ސަރުކާރުން ގާއިމުކުރި ބޯފެން އުފައްދާ ޕްލާންޓެއް ވެސް ހުރެއެވެ. އެ މަސައްކަތް ނިންމައި 2021 އިން ފެށިގެން ފެނަކައިން ވަނީ އެ ޕްލާންޓާ ހަވާލުވެފައެވެ. ކެއްކުމަށާއި ބުއިމަށް އެ ރަށުގެ ގިނަ ބަޔަކު ބޭނުން ކުރަނީ ވާރޭ ފެނެވެ. އެހެން ނަމަވެސް ވާރޭ ފެން ހުސްވެފައިވާތީ، މުޅި ރޯދަ މަހުހެން ވެސް އެ ރަށު ރައްޔިތުން ކައްކަން ބޭނުން ކުރީ ވަޅުފެނެވެ. އަދި ބޯ ފެނުގެ ގޮތުގައި މިނަރަލް ވޯޓާ ގަނެގެންނެވެ. "މި ކޮޅުގައި ވެސް ހުންނާނެ ޕަބްލިކް ތާންގިތަކެއް ބަހައްޓާފައި. ގޭގެއިން ފެން ހުސްވީމަ އެ ތަނުން ބޭނުން ކުރާނެ،" ވާރިޝް ވިދާޅުވިއެވެ. އެހެން ނަމަވެސް، މިސްކިތްތަކުގައި ބަހައްޓައިފައި ހުރި މި ތާންގިތަކުން ވެސް މިހާރު ފެން ވަނީ ހުސްވެފައެވެ. ހޯޑެއްދޫ ފެނަށް ޖެހިފައިވާއިރު، އެ ރަށުގެ ރައްޔިތުންނަަށް އެ ކަމާ ގުޅިގެން ގިނަ ދަތިތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ