ދައުލަތުގެ ބައި ސެންޓްވެސް ވިލާ ކުންފުނީގެ ތިޖޫރިއަށް ވަދެފައި ނޯންނާނެ: ގާސިމް
ދައުލަތުގެ ބައި ލާރިވެސް ވިލާ ކުންފުނީގެ ތިޖޫރިއަށް ވަދެފައި ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. "ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުންނާއި، ކްލަބު ޖަމިއްޔާތަކާއި، އެސޯސިއޭޝަންތަކާއި، ސަޕޯޓަރުންގެ ހައްލަކީ ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހީމް" ގެ ނަމުގައި މިރޭ ބޭއްވި ޚާއްސަ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ، މިއަހަރުގެ ރިޔާސީ ރޭހަށް އެމަނިކުފާނު ނިކުންނެވީ ކުރާނެ ކަމެއް ނެތިގެން ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ މިހާތަނަށް ކުރި ވެރިކަންތަކުގައި އެންމެ ހިތާމަވެރި މަންޒަރަކަށް ފެނިގެން ދިޔައީ ރައްޔިތުންގެ ފައިސާއިން ބޮޑެތި އަދަދުން ޚިޔާނާތްވާ މަންޒަރު ކަމަށެވެ. ނަމަވެސް އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުންނެވީ ދައުލަތުގެ ފައިސާއަށް ޚިޔާނާތެއް ވާން ނޫންކަމަށާއި އޭނާއަކީ އަމިއްލަ މަސައްކަތް ކުރާ ވިޔަފާރިވެރިއެއް ކަމަށް ގާސިމް ވިދާޅުވިއެވެ. "އަޅުގަނޑު ހަމަގައިމުވެސް ދައުލަތުގެ ފައިސާއިން ބޮޑު ލާރިއެއްގައި ނުޖެހޭނަން،" ގާސިމް ވިދާޅުވިއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރައްވާފައިވާ ގާސިމް ވިދާޅުވީ ފައިސާއެއްގައި ޖެހޭ ނަމަ ޖެހޭނެ ހުރިހާ ފުރުސަތެއް އޭނާއަށް ލިބުނު ކަމަށެވެ. "ބައި ސެންޓު ވެސް ނޯންނާނެ އިނގޭތޯ ވިލާގެ ތިޖޫރިއަށް ވަދެފައެއް. މިދެންނެވީ ދުވަހަކުވެސް ދައުލަތުގެ ފައިސާއިން ބައި ސެންޓު ވެސް ވިލާގެ ތިޖޫރިއަށް ވަދެފަ ނެތް ވާހަކަ،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް އުނިވެފައި އޮތީ ކޮން ކަންތައްތަކެއްތޯ ބަލައި އެކަންކަން އިތުރަށް ފުރިހަމަ ކޮށްދިނުން ކަމަށެވެ. ހޮޓެލް ޖެންގައި ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ކުޅިވަރާ ބެހޭ އެކިއެކި ޖަމިއްޔާތަކުން ބައިވެރިވެފައިވެއެވެ. އެ ބައްދަލުވުމުގައި ދަރުމަވެރިންނާއި، ކުޅުންތެރިންނާއި، އޮފިޝަލުން ވަނީ އެމީހުންގެ ޚިޔާލާއި ބޭނުންތައް ހިއްސާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ