ނަޝީދަށްޓަކައި ރައްޔިތުން ދާން މި ޖެހެނީ ވޯޓު ފޮއްޓަށް

ދިވެހިންގެ ދިރިއުޅުން އެނބުރެމުން ދާން މި ޖެހެނީ މުޅިން ވެސް ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ހެއްޔެވެ؟
ކުރީ ދުވަހު ރައްޔިތުން ވޯޓު ލީ ކުރިއަށް އޮތް ފަސް އަހަރަށް ރައީސަކު ހޮވާށެވެ. ކުރިއަށް ދެން އޮތީ، އެ ވޯޓުން ނަތީޖާއެއް ނުލިބުމުން ދެ ވަނަ ފަހަރަށް ވޯޓު ލާ ދުވަހެވެ. އޭގެ ފަހުން ދެން މި ޖެހެނީ އަނެއްކާ މުޅިން އެހެން ކަމަކަށް ރައްޔިތުން ވޯޓު ފޮއްޓާ ދިމާއަށް ދާށެވެ. މިފަހަރު ހަމަ އެންމެ ބޭފުޅަކަށްޓަކަ އެވެ؛ ރައްޔިތުންނަށާއި ގައުމަށް ހެޔޮ ގޮތަކީ މިއީ ކަމަށް ވިދާޅުވިޔަސް، އަދި އަރިސް ބޭފުޅުން އެ ވިދާޅުވުމުގެ ކޮޅުގައި ހިއްޕަވައިގެން ހަޅޭއްލެވިޔަސް، މިއީ ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެނެއް ހަގީގަތަކަށް ހެދޭތޯ ކުރަން އުޅޭ ކަމެކެވެ.
އަޅުގަނޑުގެ ރަހުމަތްތެރިއެއް ކަމަށްވާ އަބްދުއްރަޝީދު ހުސެއިން (އަބްސީ) ހުރީ ވަރަށް ރުޅިއައިސްފަ އެވެ. ނަޝީދުގެ އަރިސް ބޭފުޅުން އެމަނިކުފާނުގެ ހުވަފެނުގައި ކުލަ ޖެއްސޭތޯ ގަދައަޅައި މަސައްކަތްކުރައްވާ އިރު، އެކަމާ ދެކޮޅު އެކަކީ އަބްދުއްރަޝީދު ކަމަށް ބަލަމާ ހިނގާށެވެ. ރޭ ފޭސްބުކްގައި އެ ޕޯސްޓް އޭނާ ލިއުނީ ރުޅި ވެސް އިސްކޮށްފައި ކަމަށް، އިބާރާތްތަކުން އިހުސާސްކުރެވިދާނެ އެވެ.
"މިއުޅެނީ ނިޒާމްގެ މައްސަލައެއް ނޫނެވެ. މިއުޅެނީ ތިމާއަށް ބޮޑުވަޒީރުކަން ލިބެން އޮތީ މި ނިޒާމް ގެނެސްގެން ކަމަށް ވާތީ ވެރިކަމުގެ ލައްޒަތާއި ހުވަފެނުގައި ގެންނަން އުޅޭ ނިޒާމެކެވެ،" އޭނާ ލިއުނެވެ.
މިއީ ހަމައެކަނި އަބްދުއްރަޝީދުގެ ވާހަކައެއް ނޫނެވެ. މިއީ ނިޒާމީ ވޯޓާ ދެކޮޅު ހަދަމުން އަންނަ ސިޔާސީ އެތައް ބައެއްގެ ވެސް ވިސްނުމެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ހަދަން ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކުގެ ފަހަތުގައި އޮތް ނިޔަތަކީ، ރިޔާސީ ނިޒާމެއްގައި އެމަނިކުފާނަށް އޮތް ހުރަސް ނައްތާލައްވައި، ރާއްޖޭގެ ވެރިކަމަށް ވަޑައިގަނެވޭނެ 'ކުރު މަގެއް' ހޯއްދެވުމެވެ. އެއީ ސިޔާސީ ހަރަކާތްތަކުން ރިޓަޔަނުކުރައްވައި، ވީހާވެސް ގިނަ ދުވަހަކު އުޅުއްވޭނެ މަގެއް ވެސް މެ އެވެ.
އެ މަގު ކޮށައިދޭން، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާގެ ކުރިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި އިދިކޮޅު ޕީޕީއެމް-ޕީއެންސީން ވެސް، ބޭނުމެއްނުވި އެވެ. އެކަމަކު އަމިއްލަފުޅަށް އިސް ރޯލެއް ކުޅުއްވައިގެން ހެއްދެވި އެމްޑީޕީ ވެސް ރޫޅާލައްވައި، ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް އެ އިންތިހާބުގައި އެންމެ %7ގެ ވޯޓާ އެކު ތިންވަނަ ލިބުމަކީ، ނިޒާމީ ވޯޓަކަށް އެހެން ވާދަވެރިންގެ ވިސްނުން އަނބުރާލަން ލިބުނު ފުރުސަތެކެވެ.
އެންމެ 15،000 ވޯޓެވެ. އެކަމަކު އެ ވޯޓުކޮޅުން ބައެއް ލިބޭނީ ނަޝީދުގެ ހިތްޕުޅު ހަމަޖައްސައިދީގެން ކަމަށް ފެންނާތީ، ރައީސް ސޯލިހުގެ އެމްޑީޕީ ވެސް މިހާރު ނިޒާމީ ވޯޓަކާ ދެކޮޅެއް ނޫނެވެ. އަދި ޕީޕީއެމް ކޯލިޝަނުން ވެސް ބުނެފައި ވަނީ، ރިޔާސީ އިންތިހާބަށް ފަހު ނިޒާމީ ވޯޓަކަށް ދާން އެންމެ ރަނގަޅު ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރިޔާސަތުގައި އިންނެވުމަކީ، ނަޝީދަށް އޮތް އިތުރު ބާރެކެވެ. ނިޒާމީ ވޯޓަކަށް ރައީސް ސޯލިހު އެއްބަސްވެވަޑައިގެންނެވި ނަމަވެސް، އެގޮތަށް އަމަލްނުކުރައްވަފާނެ ކަމަށް ބަލައި، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު މަޖިލިހަށް ގަރާރު ހުށައެޅުއްވީ ވެސް، ރައްޔިތުންގެ މަޖިލިހަށް ލިބިގެންވާ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުގެ ބާރަށް ރިޔާއަތްކުރައްވައިފަ އެވެ. އެއީ ސީދާ ނަޝީދުގެ ވިސްނުންފުޅު ކަމަށް ބަލަމާ ހިނގާށެވެ.
އެކަމަކު ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ، ރައްޔިތުންނާ ގުޅޭ މުޅިން ތަފާތު އަދި އެހާމެ ބޮޑު މައްސަލައެކެވެ. ރައްޔިތުންގެ މަޖިލިހަށް ހުށައަޅާ ގަރާރެއް ހަމައެކަނި އަގުލަބިއްޔަތުން ފާސްކޮށްގެން ކުރެވޭނެ ކަމަކަށް ވުރެ ބޮޑު މައްސަލައެކެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކާ ބެހޭ ތަފުސީލެއް ގާނޫނުއަސާސީގައި ނެތެވެ. އަދި ނިޒާމީ ވޯޓެކޭ ކިޔާ ވޯޓެއްގެ ވާހަކައެއް ވެސް ނެތް މެ އެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރަން ވެއްޖެ ނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށް އެނގެނީ ގާނޫނުއަސާސީގެ 226 ވަނަ މާއްދާއިންނެވެ. އޭގައި ބުނެފައި އޮންނަނީ، ރައްޔިތުންގެ މަޖިލިހުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ އުމުރާއި ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާ ގޮތަށް ބަދަލެއް އަންނަ ކަމެއް ނަމަ، ރައްޔިތުންނަށް ހުށައަޅައި، ރައްޔިތުންގެ އަގުލަބިއްޔަތު ހޯދަން ޖެހޭނެ ކަމަށެވެ. 
އިއްޔެ ރައީސް ސޯލިހު އެ ދެއްކެވީ އެ ވާހަކަފުޅެވެ. އެމަނިކުފާނު ފާހަގަކުރެއްވި ފުރަތަމަ ޕޮއިންޓަކީ، ނިޒާމީ ވޯޓަކަށް ދާން ރައްޔިތުންގެ މަޖިލިހުގެ 4/3 ވޯޓުން ފާސްކުރުމެވެ. އެއަށް ފަހު އެ ފާސްކުރުން އެމަނިކުފާނަށް ހުށައެޅުމެވެ. ރިޔާސީ އާ ދައުރެއް ފެށުމުގެ ކުރިން އެ ވޯޓު ނަގަން އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ފޮނުއްވާނެ ކަމަށް، ވިދާޅުވި އެވެ.
ގާނޫނުއަސާސީއަށް އެއްވެސް ބަދަލެއް ގެނެވޭނީ، މަޖިލިހުގެ މެމްބަރުންގެ 4/3 ވޯޓުންނެވެ. މިހާރު ތިއްބެވި 87 މެމްބަރުންގެ ނިސްބަތުން އެއީ 65 މެމްބަރުންގެ ވޯޓެވެ. މަޖިލިހުގައި މި ވަގުތު ރޫހު އޮތް ގޮތުން ދަ ޑިމޮކްރެޓްސްގެ ހުށައެޅުމަށް އެ އަގުލަބިއްޔަތު ލިބޭނެކަމާ މެދު ޝައްކެއް ނެތެވެ.
އެކަމަކު އަބްދުއްރަޝީދުގެ ޕޯސްޓްގައި ލިއެފައި އޮތް ގޮތަށް 2007ގައި ރައްޔިތުން ވޯޓު ލައިގެން ނިންމާފައި އޮތް ކަމެއް އަލުން ބަދަލުކުރަން ޖެހޭ ސަބަބެއް ނެތެވެ. 'މި އުޅެނީ ނިޒާމުގެ މައްސަލައެއް ނޫނެ'ވެ. މި އުޅެނީ 2007ގެ ނިޒާމީ ވޯޓުގައި ބަރުލަމާނީއަށް އެމްޑީޕީން ކުރި ވަކާލާތުގައި އިސްކޮށް އުޅުއްވި ނަޝީދަށް، އެ ފަހަރުގެ ނަތީޖާ ގަބޫލުފުޅުނުކުރެއްވުމާއި، ރާއްޖޭގެ ވެރިކަމަށް، ފަސޭހައިން ވަޑައިގެންނެވޭނެ ގޮތެއް ހޯއްދަވާށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ، 2007ގެ ނިޒާމީ ވޯޓުގައި އެމްޑީޕީއާ އެއްކޮޅަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނު ވެސް ލޯބިކުރައްވަނީ ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް ވެރިކަމުގައި ކުރެއްވުނު ތަޖުރިބާތަކާ އެކު، ގަބޫލުފުޅުކުރައްވަނީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ރަނގަޅު ނޫން ކަމަށެވެ.
ނަޝީދަށް ތާއީދުކުރާ ބައެއް މީހުންގެ ނަޒަރުގައި ނިޒާމީ ވޯޓު ނެގިތާ މިހާރު 15 އަހަރު ވުމުން އަލުން އަނެއްކާ ރައްޔިތުންގެ ހިޔާލު ހޯދަން ޖެހެ އެވެ. އެކަމަކު ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ ކުޅޭކުޅޭ ކަމެއް ނޫނެވެ. ކޮންމެ 10 އަހަރަކުން، 15 އަހަރަކުން، ދުނިޔޭގެ އެއްވެސް ގައުމެއްގައި، ވެރިކަމުގެ ނިޒާމަށް ބަދަލެއް ނުގެނެ އެވެ.
އިލްޔާސްގެ ގަރާރުގައި ފާހަގަކުރައްވާފައި ހުރި ކޮންމެ ކަމަކީ، ބަރުލަމާނީ ނިޒާމެއްގައި ވެސް ދިމާވާނެ ކަންކަމެވެ. މިސާލަކަށް އަބަދުވެސް އޭރަކު ހުންނަވާ ރައީސަކު ބާލަން އުޅުމެވެ. ބޮޑުވަޒީރަކު ހުންނެވިޔަސް އޭނާ ބާލަން ރައްޔިތުން މަސައްކަތްކޮށްފާނެ އެވެ. އެހެންކަމުން ވެރިކަން ރަނގަޅަށް ކުރެވޭނީ ވަކި ނިޒާމެއް އޮތުމުން ކަމަށް ގަބޫލުކުރުމަކީ، ސިޔާސީ ބޭފުޅުންގެ މައްސަލައެކެވެ. އާންމު ރައްޔިތުން ބުނަނީ ކޮންމެ ނިޒާމެއްގައި ވެސް ރަނގަޅު ވެރިކަމެއް ކުރެވޭނީ ރަނގަޅު ވެރިންނަށް ކަމަށެވެ. ވެރިން ގޯސްވާ ކޮންމެ ފަހަރަކު ވެރިކަމުގެ ނިޒާމް ގޯސްކުރުމުގެ މާނައެއް ނެތެވެ.
ވަކި ކޮޅަކަށް ނުޖެހޭ ރައްޔިތުން އަބަދުމެ އެދެނީ ސިޔާސީ ހަމަޖެހުން ގެނެސްދޭށެވެ. އެއާ އެކު ތެދުވެރި، އިންސާފުވެރި އަދި ހިޔާނާތް ކުޑަ، ވެރިކަމެއް ކޮށްދިނުމަށެވެ. އޭގެ ބަދަލުގައި މި ފެންނަނީ އަބަދުމެ ސިޔާސީ ހިޔާލު ތަފާތުވުންގަނޑެއްގެ ތެރެއަށް ރައްޔިތުން ވައްޓަމުން ދާ ތަނެވެ.
އެންމެ ބޭފުޅަކަށްޓަކައި ނަމަވެސް އަނެއްކާވެސް މިސްރާބު މިހުރީ އެފަދަ ދިމާލަކަށެވެ.  ނަޝީދު އެ އިންނެވީ މަޖިލިހުގެ ރިޔާސަތުގަ އެވެ. އަތްޕުޅުގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ އެންމެ %7 އޮތަސް، އެއީ ނިޒާމި ވޯޓަކަށް، ސިޔާސީ އެހެން ވާދަވެރިން އަނބުރާލަން އޮތް ބާރެއް ކަމަށް، ގަބޫލުފުޅުކުރައްވައިގެންނެވެ.
ތަކުރާރުކޮށްލަން މި ޖެހެނީ، މި ކޮލަމް ފެށިއިރު ލިއުނު ސުވާލެވެ.
ދިވެހިންގެ ދިރިއުޅުން އެނބުރެމުން ދާން މި ޖެހެނީ މުޅިން ވެސް ސިޔާސީ ހިޔާލު ތަފާތުވުންތަކުގައި ހެއްޔެވެ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ