ފަޒްނާ ވިދާޅުވީ ޖެހިލުން ނުވާ ކަމަށް، ފުރައްސާރައިން ވެސް ވަނީ ފައިދާ ކަމަށް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިންގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހުޅުމާލޭ ހިޔާ ސަރަހައްދަށް މިއަދު ވަޑައިގަތުމުން ދެ މީހެއްގެ ފަރާތުން ފުރައްސާރައާ ކުރިމަތިވެވަޑައިގަތެވެ. 
ހިޔާ ސަރަހައްދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަރައްގީކުރެއްވި ހިސާބަކަށް ވުމުން، ޕީޕީއެމްގެ ސަޕޯޓަރުން ނިސްބަތުން ގިނަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން އެ ސަރަހައްދުގައި މާ ބޮޑު ކެމްޕޭނެއް ވެސް ނުކުރެ އެވެ. ނަމަވެސް ފަޒްނާގެ އެއް އަމާޒަކަށް ހެއްދެވީ ހިޔާ ސަރަހައްދެވެ.
ދޮރުން ދޮރަށް ހިންގަވަން އެކަމަނާ އެ ސަރަހައްދަށް ވަޑައިގެންނެވެމުން އިދިކޮޅު ސަޕޯޓަރުން، އެ ސަރަހައްދަށް އެއްވެ އަޑުގަދަ ކުރަމުންދިޔަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. 
މިރޭ ފަޒްނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ކަން ހިނގައި ދިޔަ ގޮތާ ގުޅޭ ކުޑަ ތަފުސީލެއް ދެއްވި އެވެ.
އެކަމަނާ ވިދާޅުވި ގޮތުން، ފުރުއްސާރަކުރީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ސަޕޯޓުކުރާ 'ބޮޑު ދެ ފިރިހެނުން' ކަމަށް ބެލެވެ އެވެ. ޕޯސްޓްގައި ސީދާ މުއިއްޒުގެ ނަން ގެންނަވާފައެއް ނުވެ އެވެ.
ފަޒްނާ ސިފަކުރެއްވި ގޮތުގައި އެ އަމަލުން އެކަމަނާއަށް ލިބިވަޑައިގެންނެވި ގެއްލުމަށް ވުރެ ބޮޑުވީ ފައިދާ އެވެ.
"މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގި ނަމަ އަޅުގަނޑު އެތަނަށް ދިޔަކަން ވެސް ގިނަ މީހުނަށް ނޭނގޭނެ އެވެ،" ފަޒްނާ ލިއުއްވި އެވެ.
"މި ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑުމެނަށް ވީ ފައިދާ އެވެ. މީހުން އައިސް ސަލާންކޮށް ގައިގައި ފިރުމާ އަޅުގަނޑާ އެކު ފޮޓޯ ނަގަން އެދުނީ އެވެ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލްކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބުނީ އެވެ."
ފުރުއްސާރަ ކުރި ދެ މީހުންނަކީ އިދިކޮޅުގެ ދެ ސަޕޯޓަރުން ކަމަށް ފަޒްނާއަށް ގަބޫލުކުރެއްވޭ ސަބަބެއް ކަމަށް ވިދާޅުވީ، އެކަމަނާގެ އަރިހުގައި އެވަގުތު ހުންނެވި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު ⁦‪ އަލީ ނިޔާޒް، އެކަމުގެ ޝަކުވާ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އަދި ކުރީގެ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ޝުޖާއުއަށް ކުރެއްވުމުން އޭނާ ދެއްވި ޖަވާބު ކަމަށެވެ.
ނިޔާޒުއާ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވި ކަމަށް ވަނީ 'އެހެންހޭ، ތަންކޮޅެއް ދެން ހަޔާތްކުޑަ ދޯއޭ، ތިމަންނަ މިހިރީ ރައްޖޭން ބޭރުގައޭ، މި ބަލަނީއޭ' ކަމަށް، ފަޒްނާ ލިއުއްވި އެވެ. 
އެކަމަނާ ވިދާޅުވި ގޮތުގައި ނިޔާޒު ވަނީ މުއިއްޒަށް ވެސް ގުޅުއްވައިފަ އެވެ. ފޯނު ނުނެންގެވުމުން މެސެޖް ވެސް ކުރެއްވި ކަމަށް ވިދާޅުވި އެވެ. 
"އަދިއަދަށް ވެސް ޖަވާބު ނުދެއެވެ. އެހެންވީމާ 'އާންމުން ނުކުމެ އޭނާއަށް ބާގީއޭ ގޮވާނީ' ކަމަށް ބުނެ މިކަމުން ރެކެން އުޅުމަކީ ފިނޑި ކަމެކެވެ. އާންމުން ނުކުމެ އަޅުގަނޑަށް ފުރައްސާރައެއް ނުކުރާނެ އެވެ. އަޅުގަނޑު މަގުމައްޗަށް ނުކުތީ އަލަކަށް ނޫނެވެ،" ފަޒްނާގެ ޕޯސްޓްގައިވެ އެވެ.
އެކަމަނާ ވިދާޅުވި ގޮތުގައި ހިޔާ ސަރަހައްދަށް ކުރެއްވި ޒިޔާރަތް ކުރުކޮށްލެއްވީ ކުރިމަތިވެވަޑައިގެންނެވި ފުރުއްސާރަތަކާ ހެދި ގޭގެއަށް ވަޑައިގަތުން ނުނިމި އުޅެނިކޮށް، މަގުރިބު ނަމާދު ވަގުތު ޖެހުމާއި، 6:30ގައި އެހެން ބައްދަލުވުމެއް އޮތުމާ އެކު އެވެ. 
ދައުވަތު ދިން ގޭގެއަށް ފަހުން ޒިޔާރަތްކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިކަމާ ޖެހިލުން ނުވިޔަސް މިއީ ސީރިއަސް މައްސަލައެކެވެ. އަޅުގަނޑުގެ ހާލު ބަލަން ގުޅުއްވާ މެސެޖް ފޮނުއްވަމުން ގެންދަވާ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަމެވެ. އަދި އިރާދަކުރެއްވިއްޔާ ކެމްޕޭންކުރުމުގައި ސާބިތުކަމާ އެކު ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" ފަޒްނާ ވިދާޅުވި އެވެ.
"މާތްﷲގެ ތަނަވަސް ރަހްމަަތްފުޅާއި އިރާދަފުޅުން އަޅުގަނޑުމެންގެ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހަށް މި އިންތިހާބު ކާމިޔާބުވާނެ އެވެ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ