ވަކި ވަގުތެއް ކިޔާނެ ކަމެއް ނެތެވެ. ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު، ރޭގަނޑާއި ބައެއް ފަހަރު މެންދަމު ވެސް މާލޭގެ މަގުތަކުން ފެންނަނީ އެއް މަންޒަރެކެވެ. ޒަމާންތަކެއް ކުރިން ކުޑަ އާބާދީއަކަށް ހެދި މަގުތައް ވަނީ ތޮއްޖެހިފަ އެވެ. ގިނަ އަދަދެއްގެ ސައިކަލާއި ކާރުތަކާއި ޕިކަޕްތަކާއި ވޭންތައް ހިމެނޭހެން އަމިއްލަ އުޅަނދުތަކުން ތޮއްޖެހިފަ އެވެ.
މާލޭގެ ތޮއްޖެހުން ބޮޑުވަމުން މި ދަނީ ހަގީގަތުގައި ސިޔާސަތުތަކާއި ޕްލޭންތަކަށްވުރެ ހަލުވިކޮށެވެ. އަހަރަކަށް ފަހު އަހަރެއް މާލެއަށް ހިޖުރަކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ވަޒީފާއާއި، ތައުލީމާއި، ސިއްހީ ޚިދުމަތްތައް ހޯދުމަށެވެ. އާބާދީ ބޮޑުވި ވަރަކަށް، ރަޖިސްޓްރީކުރާ އުޅަނދުތައް ވެސް ވީ އިތުރެވެ. އެހެން ނަމަވެސް، ވެހިކަލް މަދުކުރުމާއި، އާންމު ދަތުރުފަތުރާއި، ޕާކިންގް ފަދަ ކަންކަމަށް ސަރުކާރުތަކަށް ދެވުނީ ކުޑަ ސަމާލުކަމެކެވެ.
ނަތީޖާއަކީ އާންމުން ތޮއްޖެހިފައިވާ މަގުތަކުގައި އުޅެން ޖެހުމެވެ. އުޅަނދުތައް ޕާކުކުރެވޭ ޖާގަ ނުލިިބިގެން ބައެއް އުޅަނދުތައް ޕާކުކުރަނީ ވެސް ހިނގާ މީހުންނަށް އޮންނަ ޕޭމަންޓް މަތީގަ އެވެ. ހިނގާބިނގާވެ، އުޅަނދުތައް ދުއްވާނެ ގޮތެއް ވެސް ނެތެވެ.
މިއަދުގެ "އެއްބަސްވެ ދެބަސްވުން" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަންނަވަނީ އެސޯސިއޭޝަން އޮފް މާލްޑިވިއަން ޕްލޭނާސްގެ ރައީސް ހުސައިން ޒިޔަތެވެ. އެއީ މާލޭގެ މަގުތައް ތޮއްޖެހޭ އަސްލު ސަބަބުތަކާ މެދު ވާހަކަ ދެއްކެވުމަށެވެ. އަދި އެ މައްސަލައަށް ދާއިމީ ހައްލު ގެނެވޭނެ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވުމަށެވެ.
މައްސަލައަކީ އުޅަނދުތައް ގިނަވުން އެކަނި ހެއްޔެވެ؟ ނުވަތަ މީގެ ފަހަތުގައި މާލޭގެ އުމްރާނީ ބިނާތަކާއި މަގުތައް ޕްލޭންކުރުމުގެ މައްސަލައެއް ނެތީ ހެއްޔެވެ؟ ދަތުރުފަތުރާއި ޕްލޭންކުރުމުގެ ސިޔާސަތުތަކުގެ މައްސަލަތަކެއް އެބައޮތް ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބެއް ހޯދުމަށެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގްރޭޓާ މާލެ ސަރަހައްދުގައި 119،000 އަށްވުރެ ގިނަ އުޅަނދު މިހާރު ދުއްވަ އެވެ. މީގެ ތެރެއިން 103،000 އަށްވުރެ ގިނައީ ސައިކަލެވެ. އެއީ މުޅި އުޅަނދުފަހަރުގެ ގާތްގަނޑަކަށް %93 އެވެ. އަދި ހަމައެއާއެކު، މާލެ ސަރަހައްދުގެ އާބާދީ 200،000 އަށްވުރެ މައްޗަށް ގޮސްފަ އެވެ.
ވޮޑްކާސްޓް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒިޔަތު ފުރަތަމަ ވެސް ފާހަގަކުރެއްވި ގޮތުގައި މާލޭގެ މަގުތައް ތޮއްޖެހުމުގެ އަސްލު މައްސަލައަކީ ވަކި އުޅަނދުތައް ގިނަވުމެއް ނޫނެވެ. މިއީ އާބާދީގެ ގިނަމިން ނުވަތަ "ޕޮޕިއުލޭޝަން ޑެންސިޓީ" މާ މައްޗަށް ދިއުމުގެ ނަތީޖާއެކެވެ.
މީހުން ގިނަވުމުން، އުޅަނދުތައް ވެސް ގިނަވީ އެވެ. ވޭތުވެދިޔަ 50 އަހަރު، މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅުނީއްސުރެ ހިދުމަތްތައް ލިބެން ހުރި މަރުކަޒެއްގެ ގޮތުގައި އޮތީ މާލެ އެކަންޏެވެ. ހަގީގީ މާނަހުރި ގޮތަކަށް ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއް މާލެއާ އެއްވަރަށް ތަރައްގީނުވުމަކީ މީހުން މާލެއަށް ހިޖުރަކުރާ މައިގަނޑު ސަބަބެވެ. މީހުން އަބަދުވެސް ދާނީ ފުރުސަތުތައް ހުރި ތަނަކަށެވެ.
"ހަގީގީ މާނަހުރި ގޮތަކަށް ރާއްޖޭގެ އެހެން އެއްވެސް ސަރަހައްދެއް މާލެއާ އެއްވަރަށް ތަރައްގީނުވުމަކީ މާލެއަށް މީހުންތައް ހިޖުރަކުރަމުން އަންނަ ސަބަބު. ވެހިކަލް ކޮންޖެޝަނަކީ ޕޮޕިއުލޭޝަން ޑެންސިޓީގެ ސަބަބުން އައިސްގެން އުޅޭ ކަމެއް. މީހުން ގިނަވެގެންތާ ވެހިކަލާ ހިސާބަށް މި އަންނަނީ،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ދެން އިޝާރާތްކުރެއްވީ ހުޅުމާލޭގެ ފޭސް އެކެއް ތަރައްގީކުރުމަށް އެކުލަވާލި މާސްޓާ ޕްލޭނަށެވެ. އޭރު އޭނާ މަސައްކަތްކުރައްވަމުން ގެންދެވީ ވެސް، ހުޅުމާލެ ބަލަހައްޓަން ހަވާލުކޮށްފައިވާ އެޗްޑީސީގަ އެވެ. އެ ގޮތުން އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ އެންމެ ފުރަތަމަ ތަރައްގީކުރަން ފެށީ 60,000 މީހުންގެ އާބާދީއަކަށް އަމާޒުކޮށެވެ.
އޭރު ހުޅުމާލޭގެ އިމާރާތްތަކުގެ އުސްމިންގެ ގޮތުގައި ހަތަރު ފަންގިފިލާ ކަނޑައެޅީ އެ މާސްޓާ ޕްލޭންގެ ދަށުން ކަން ޒިޔަތު ފާހަގަކުރެއްވި އެވެ. ނަމަވެސް ފަހުން އައިސް މާސްޓާ ޕްލޭނެއް ނެތި އިމާރާތްތައް އުސްކޮށް، ކައިރިކައިރީ އުސް އިމާރާތްތައް ގިނަކުރަމުން ދިޔައީ އެވެ. އެއްވެސް ޕްލޭނެއް ނެތެވެ.
"ހެއިޓް ލިމިޓާ ވެސް ކުޅެމުން އެ ދަނީ މީހުންތައް ހިޖުރަކުރަމުން ދާތީ. އޮތް ތާކަށްތާ ފަތުރަން އުޅޭނީ. އަޅުގަނޑު ދެކޭ ގޮތުގައި އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން. ވަކި ކެރިން ކެޕޭސިޓީއަކަށް މަސައްކަތްކުރީމައި މީހުންނަށް ހިތްފަސޭހަ، ހިތްހަމަޖެހޭ ދިރިއުޅެވޭ ވަރުގެ މާހައުލެއް ބިނާކުރެވޭނީ،" ޒިޔަތު ވިދާޅުވި އެވެ.
ބިން ހިއްކޭނެ ވަސީލަތްތައް ރާއްޖޭގައި ގާއިމުކުރެވުނު ފަހުން އެއްވެސް ވަރަކަށް ބިން ހެޔޮ ގޮތުގައި ބޭނުންކުރުމުގައި ބަލަން ޖެހޭ ކަންކަމާއި ޕްލޭންކުރުން ދިޔައީ ނެތެމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިން ހިއްްކޭނެ ގޮތެއް ފެނުމުން، ކުރިއަށްވުރެ އަގުހެޔޮކޮށް އާލާތްތައް ވެސް ރާއްޖޭގައި ގާއިމުކުރުމުން ބިމުގެ ޖާގަ ރަނގަޅު ގޮތުގައި ބޭނުންކުރުމަށް ބަލަން ޖެހޭ މި ކަހަލަ ކަންކަން ބެލުން ހުއްޓައިލެވުނީ،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު ގަބޫލުކުރައްވާ ގޮތުގައި މާލޭގެ މަގުތައް ތޮއްޖެހުން ހައްލުކުރުމަށް މިހާތަނަށް އިސްކަންދެވިފައިވަނީ އުޅަނދުތައް ދުއްވޭނެ ގޮތަކަށް މަގުތައް ހެދުމަށެވެ. ފުރަތަމަ މާލޭގެ ހުރިހާ މަގެއްގައި ގާ އެޅީ އެވެ. ދެން ތާރެވެ. އެންމެ ފަހުން ބައެއް މަގުތައް ފުޅާކުރެވޭނެ ގޮތްތަކެއް ހޯދައިގެން އެ ކަން ވެސް މިހާރު ކުރެ އެވެ.
އެއްވެސް ވަރަކަށް މަގުތަކަށް އުޅަނދުތައް ފެތުމަށް ޓަކައި ކުރަަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރެވޭ ކަަމަަށް ޒިޔަތު ވިދާޅުވި އެވެ. ފަހަރަކު ސަރުކާރަކުން ވެސް އުޅަނދުތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި އުޅެނީ މަގުތައް ހަދަން ކަމަށް އޭނާ ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި އެމްޓީސީސީން ދެމުން އަންނަ ބަހުގެ ހިދުމަތަށް ބަލާއިރުގައި އެ ބަސްތަކުގެ ފެންވަރު ރަނގަޅަށް ކަމަށް ޒިޔަތު ގަބޫލުކުރައްވަ އެވެ. ނަމަވެސް ބަހަށް ހާއްސަ ލޭންތަކާއި ބަހަށް އިސްކަންދޭންޖެހޭ ލޭންތައް ކަނޑައެޅިފައި ނެތުމުގެ ސަބަބުން މީހުން ބަރޯސާވެ ތިބެވޭ ވަރުގެ ހިދުމަތަކަށް ބަހުގެ ހިދުމަތް ނުވަނީ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"މީހުން ބަސް ބޭނުންނުކުރަނީ ވަގުތަށް ފަސޭހައިން އެ ދާން ޖެހޭ މަންޒިލަށް ނުދެވޭތީ. އެއީ ބަސް ވެސް މި އޮންނަނީ ޓެރެފިކްގައި މަޑުޖެހިފައި،" ޒިޔަތު ވިދާޅުވި އެވެ.
މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރެވޭނީ، ޒިޔަތު ދެކެވަޑައިގަންނަވާ ގޮތުގައި، ދުރު ރާސްތާގެ ޕްލޭނަކުންނެވެ. އެތައް އަހަރެއް ވަން ދެން ފަހަރަކު ކަމަށް މީހުން ހޭނުވުމާއި ހޭލުންތެރިކުރުވަމުން ގޮހެވެ. ރިޔާސީ އެއް ދައުރު، ފަސް އަހަރަކަށް ހަދާ ޕްލޭނަކުން މި މައްސަލައަށް ދާއިމީ ހައްލެއް ނުގެެނެވޭނެ އެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި ސަރުކާރުތަކުން ކުރަންވީ ކަމަކީ ފިޔަވަހިތަކަކަށް ބަހާލައިގެން މީހުން ޕަބްލިކް ޓްރާންސްޕޯޓަށް ބަދަލުކުރުމެވެ. ފުރަތަމަ ބަހަށް އިސްކަންދޭންޖެހޭ 'ބަސް ޕްރިއޯރިޓީ' ލޭންތަަކެއް އުފެއްދުމެވެ. ފަހުން ބަހަށް ހާއްސަ ލޭންތަކެއް ކަނޑައެޅުމެވެ. މީގެ އިތުރުން ހިނގާފައި އުޅޭނެ މަގުތަކާއި، ދުއްވާނެ މަގުތައް ވަކިކުރަންޖެހެ އެވެ.
މުޅި ޖުމުލަ ހައްލެއް ގެނައުމަށް ޒިޔަތު ގަބޫލުކުރައްވާ ސިޔާސަތަކީ:
ޕާކިން ބިލްޑިންތައް މާލެ ވަށައިގެން، ބޮޑުތަކުރުފާނު މަގުގައި އެޅުން؛ އަމިއްލަ އުޅަނދުތައް ކަމަށްވާ ސައިކަލު، ކާރު، ވޭންތައް ވެސް ހަމައެކަނި ބޮޑުތަކުރުފާނު މަގުގައި ދުއްވަން ހުއްދަދީ، އެތެރެ މަގަށް ވަންނަ ނަމަ ޕާކިން ބިލްޑިންގައި ޕާކުކޮށްފައި ވަނުން
އެތެރެ މަގުތަކުގައި ދުރު ތަންތަނަށް ދިއުމަށް ބޭނުންކުރަން ޖެހޭނީ ޕަބްލިކް ޓްރާންސްޕޯޓްގެ އިތުރުން ޝެއިރިން ފެސިލިޓީއެއްގެ ގޮތުގައި ވަކި އަދަދަކަށް ބަހައްޓާފައި ހުންނަ ބައިސްކަލާއި ބެޓެރީ ސައިކަލު
އެމްބިއުލާންސް، ޑެލިވަރީ ސާވިސަސް، ނުކުޅެދުންތެރިކަން ހުންނަ މީހުން އުފުލުމަށް ހާއްސަ އުޅަނދުތައް މި އެތެރެ މަގުތަކުގައި ދުއްވެވޭ ގޮތަށް؛ އެ ކަމަށް ހާއްސަ ހުއްދައެއް ކަނޑައެޅިދާނެ
އެތެރެ މަގުތަކުގެ ތެރެއިން ވެސް އުޅަނދުތައް ނުުދުއްވޭ، ހަމައެކަނި ހިނގާފައި އުޅެވޭ ގޮތަށް ބައެއް މަގުތައް ކަނޑައަޅަން ޖެހޭ
"މާލެއަކީ އޯލްޑް ސިޓީއެކޭ. މި ތަނުގައި ނެތޭ ވެހިކަލްތަކަށް ޖާގައެއްް. މި އެއްޗެހި ބޭރުކުރަންވީއޭ މާލޭގެ އެތެރެއިން، ހާއްސަކޮށް ހަނި މަގުތައް މި ހުންނަ ސަރަހައްދުތަކުން. ފުރަތަމަ ހިނގާ ކުޑަމިނުން ހަތަރު ފުރޮޅުލީ ކާރު ނުވެއްދޭ ގޮތަށް ހަދަން. އެ ހިސާބުން ވެސް ޖާގަ ލިބެން ފަށާނެ،" ޒިޔަތު ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު ރައީސް އޮފީހުން ގެނެސްދިން ވޮޑްކާސްޓްގައި ރައީސް މުހައްމަދު މުއިއްޒު ވެސް ވިދާޅުވީ މާލޭގެ ވެހިކަލް މައްސަލައިގެ މުލުގައިވާ މައްސަލައަކީ އާބާދީ މާލެއަށް މަރުކަޒުވުމެވެ. އާބާދީ ލާމަރުކަޒުކުރެވޭ ވަރަށް އެހެން ސަރަހައްދުތައް ތަރައްގީކޮށްފައިވުމެވެ.
އެމަނިކުފާނު ވިދާޅުވާ ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުގެ އިތުރުން އިތުރު ހަތް މަރުކަޒެއް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅޭ ގައުމީ ތަރައްގީގެ ސިޔާސަތު ތަންފީޒުކުރެވުމުން މި މައްސަލަ ހައްލުވާނެ އެވެ.
ސަރުކާރުން އިއުލާންކޮށްފައިވާ މަރުކަޒުތައް ބެހިގެންދާ ގޮތަކީ:
ނޯތު އިކޮނޮމިކް ޒޯން : އެންމެ އުތުރުގެ 4 އަތޮޅު (ހއ، ހދ، ށ، އަދި ނ.)
ސައުތު އިކޮނޮމިކް ޒޯން : އެންމެ ދެކުނުގެ 4 އަތޮޅު (ގއ، ގދ، ޏ. އަދި ސ.)
މެދުތެރެއިން 7 މަރުކަޒު (ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ، އަދި ލ. ފޮނަދޫ)
އެހެން ނަމަވެސް އާބަން ޕްލޭނިންގެ ތަޖުރިބާކާރު ޒިޔަތު ވިދާޅުވީ އާބާދީ އެހެން ސަރަހައްދުތަކަށް ޖަމާވާނީ އެ ސަރަހައްދަކުން ހަމައެކަނި ލިބޭނެ، އެ ސަރަހައްދަކަށް ހާއްސަ ހިދުމަތްތަކެއް ގާއިމުކުރެވިގެނެވެ.
މިސާލަކަށް ޔުނިވާސިޓީގެ ކެމްޕަސްތައް އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުން، ކިޔަވަން ތިިބި ދަރިވަރުންނާއި ބައެއް ދަރިވަރުންގެ އާއިލާތައް އެ ސަރަހައްދަކަށް ހިޖުރަކުރާނެ އެވެ. ބައެއް ސްޕެޝިއަލިޓީ ހޮސްޕިޓަލްތައް ވެސް އެ ގޮތަށް ގާއިމުކޮށްފިނަމަ، އެ ބައްޔަކަށް ފަރުވާ ހޯދަން ޖެހޭ މީހުންނާއި އެ މީހުންގެ އާއިލާތައް ހިޖުރަކުރާނެ އެވެ.
ނަމަވެސް ލ. ގަމުގައި އަޅަން ހަމަޖެހުނު ކެންސަރު ހޮސްޕިޓަލް ވެސް މި ސަރުކާރުން އަނެއްކާ ވެސް ބަދަލުކުރީ ހުޅުމާލެއަށެވެ. އެފަދަ ހާއްސަ ހިދުމަތްތަކާއި ވަސީލަތްތައް އެހެން ސަރަހައްދުތަކުގައި ގާއިމުކުރަން އުޅޭ ތަނެއް ނުފެނެ އެވެ. އެހެން ކަމުން ހަގީގަތުގައި މި ސަރުކާރާ ހަމައިން ވެސް ސިޔާސަތުތައް އަދި އެ ހުރީ އާބާދީ މާލެއަށް މަރުކަޒުވާ ގޮތަށެވެ.
އެއްބަސްވެ ދެބަސްވަމާ: މާލެ އެތެރެއަށް ވައްދަންވީ ޕަބްލިކް ޓްރާންސްޕޯޓާއި ސާވިސް ވެހިކަލް އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ