ސަރަޙައްދީ ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުްނގެންދަވާކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ޖަޕާނު އެމްބަސީން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ބިޒްނަސް ވެބިނާގައި ވާހަކަފުޅު ދައްކަވަމުން އިގުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ޖަޕާނަކީ ޒަމާނުއްސުރެ ރާއްޖޭގެ އިގުތިޞާދަށް އެތަށް ގޮތަކުން އެހީތެރިވަމުންދާ ގައުމެއް ކަމަށެވެ. ޖަޕާނާއި ރާއްޖޭގެ ގުޅުމަށް އަލިއަޅުއްވާލައްވާ ވަޒީރު ވިދާޅުވީ، އިގުތިޞާދާއި އިންވެސްޓްމަންޓްގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަތެކެއް ކުރަމުންދާ ކަމަށެވެ. އަދި ޖަޕާނުގެ ވިޔަފާރިތަކުން ނަމޫނާ ލިބިގަނެ އެއުކުޅުތައް ދިވެހި ވިޔަފާރިވެރިން ބޭނުންކުރުމަކީ މުހިންމު ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ/
ވަޒީރުގެ ވާހަކަފުޅުގައި ރާއްޖޭގެ އިގުތިޞާދީ ހާލަތައްވެސް ވަނީ އިޝާރާތްކުރައްވާފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި، ރާއްޖޭގެ އިގުތިޞާދު ސިންދަފާތުކުރުމަށާއި، އިގުތިޞާދީ ދެމެހެއްޓެނިވިކަން ވަރުގަދަކުރުމަށާއި، އަދި އިންޑިއާ ކަނޑުގެ ވާދަވެރި އިންވެސްޓްމަންޓް މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވުއެވެ.
"އަލަށް އަމަލުކުރަން ފެށި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ސަބަބުން ދެފުށް ފެންނަ، އިތުބާރު ހުރި އަދި ހަލުވި ނިޒާމެއް ވަނީ ގާއިމުކުރެވިފަ. ހަމައެއާއެކު، ގެނެވޭ އިސްލާހުތަކުގެ ސަބަބުން އިންވެސްޓަރުންނަށް އިތުބާރާއެކު ވިޔަފާރިތައް ގާއިމުކޮށް ފުޅާކުރުމަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ ތަސައްވުރަކީ ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ބޭނުންތަކަށް އިޖާބަދޭ، ހުޅުވާލެވިފައިވާ، ވާދަވެރި އިންވެސްޓްމަންޓް މާހައުލެއް ބިނާކުރުން." ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމަކީ އަދިވެސް ރާއްޖޭގެ އިގުތިޞާދުގެ މައި ތަނބު ކަމުގައި ވީނަމަވެސް، މިއަދު ރާއްޖޭގައި ހުރި ފުރުޞަތުތައް ފަތުރުވެރިކަމަށްވުރެ މާފުޅާ ކަމަށެވެ. އެގޮތުން އިއާދަކުރަނިވި ހަކަތަ، މެރިޓައިމް އަދި ލޮޖިސްޓިކްސް ހިދުމަތްތައް، މަސްވެރިކަމާއި ކާބޯތަކެތި އުފެއްދުން، ޑިޖިޓަލް އިގުތިޞާދު، މާލީ ހިދުމަތްތައް، ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ، ސިއްހީ ހިދުމަތް އަދި އުފެއްދުންތެރިކަމުގެ ދާއިރާތަކުން އިންވެސްޓްމަންޓުގެ ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އިގުތިޞާދީ ވަޒީރު ސަޢީދު ވިދާޅުވީ، 1،000 އަށްވުރެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ގައުމެއްގެ ހައިސިއްޔަތުން، ޖިއޮގްރަފީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަބަދުވެސް އީޖާދީ ހައްލުތައް ހޯދަމުންދާ ކަމަށެވެ. އަދި ޖަޕާނުގެ ތަޖުރިބާކާރުކަމަކީ، ވިޔަފާރީގެ ގޮތުން ކާމިޔާބު އަދި ދިގު މުއްދަތުގެ ބައިވެރިވުންތަކެއް އުފައްދައި ގައުމެއްކަން ފާހަގަކުރައްވާ، މި ތަޖުރިބާތައް ދިވެހި ވިޔަފާރިވެރިން އެމީހުންގެ ވިޔަފާރީގައި ބޭނުންކުރުން މުހިންމު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ސަރަޙައްދީ ވާދަވެރި އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ