ސައޫދީގެ ކަނޑުމަގުތައް ބަންދުކޮށްފިން ކަމަށް ހޫތީން ބުނެފި

ސައޫދީ އަރަބިއްޔާއަށް ކަނޑުގެ މަގުތައް ބަންދުކޮށް [ބްލޮކޭޑެއް] ޔަމަންގެ ހޫތީ ހަނގުރާމަވެރިން ހޯމަ ދުވަހު އިއުލާނުކޮށްފި އެވެ. 
މިއީ އެމެރިކާ އާއި އީރާނުގެ ހަނގުރާމަ އިތުރަށް ވަރުގަދަވަމުންދާ ދަނޑިވަޅެއްގައި، އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައޫދީއަށް ހޮރްމުޒް ކަނޑުއޮޅި [ބައިޕާސްކޮށް] އެހެން މަގަކުން ތެޔޮ ފޮނުވުމަށް އޮތް ގާބިލުކަން ހުއްޓުމަކަށް ގެނައުމުގެ ގޮތުން ހޫތީން ދިން އިންޒާރެކެވެ.
އީރާނުގެ މަދަދުލިބޭ މި ޖަމާއަތުން މި ބަންދު ތަންފީޒުކުރަން ގަސްތުކުރާ ގޮތެއް ހާމައެއް ނުކުރެ އެވެ. މިކަން އިއުލާންކޮށްފައިވަނީ އެމެރިކާއާ އެކު އަލުން "ފުރިހަމަ ހަނގުރާމައަކަށް" ގޮސްފައިވާ ކަމަށް އީރާނުން ބުނެފައި ވަނިކޮށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމަށް އެމެރިކާ އާއި އީރާނުން ހަނގުރާމަކުރަމުން ދަނިކޮށެވެ.
ފަހުން، ސައޫދީގެ ފޮރިން މިނިސްޓްރީން ވަނީ ހޫތީންގެ ބްލޮކޭޑް  ކުށްވެރިކޮށް، ޔަމަންގެ އަދަންގައި ގާއިމުވެފައިވާ ސަރުކާރަށް ސައޫދީގެ ތާއީދު އޮންނާނެ ކަމުގެ ޔަގީންކަން އަލުން ދީފަ އެވެ.
ސައޫދީ އަރަބިއްޔާ އާއި ހޫތީން 2022 ވަނަ އަހަރު ހެދި ސުލްހައިގެ އެއްބަސްވުމުގެ މުއްދަތު ހަމަވެފައި ވިޔަސް ހަމަލާ ބަދަލުނުކޮށް ތިބުމަށް ފަހު އެކަމަށް ލޮޅުން އަރާ ގޮތަށް، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް މިދިޔަ ހަފްތާގައި ވަނީ ހަމަލާތަކެއް ބަދަލުކޮށްފަ އެވެ.
ހަމަލާތައް ބަދަލުކުރަން ފެށުނީ ޔަމަންގެ ވައިގެ ސަރަހައްދުގެ މައްޗަށް ސައޫދީ އަރަބިއްޔާއިން ފޯރުވާ ނުފޫޒަށް ގޮންޖަހައި، އީރާނުގެ މަތިންދާބޯޓެއް ސަންއާއަށް ޖައްސަން މަސައްކަތްކުރުމާ ގުޅިގެންނެވެ.
ހޫތީންގެ ބްލޮކޭޑް ތަންފީޒުކޮށްފި ނަމަ، ސައޫދީ އަރަބިއްޔާގެ ރަތްކަނޑުގެ ބަނދަރުތަކަށް ވަދެނުކުމެއުޅުން ހުއްޓި، އެ ގައުމުގެ އިގްތިސާދަށް އިތުރު ތަކުލީފުތަކަކާ ކުރިމަތިލާންޖެހިދާނެ އެވެ. މި ބަނދަރުތަކަކީ އަލުން ފެށުނު ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމަށް ހުރަސްތައް ކުރިމަތިވެފައި ވާއިރު، ތެޔޮ އެކްސްޕޯޓްކުރުމަށް ސައޫދީއަށް މުހިންމު ބަނދަރުތަކެކެވެ.
މީގެ އިތުރުން، ސާފުނުކުރާ 10 މިލިއަނަށްވުރެ ގިނަ ފީފާގެ ތެޔޮ ކޮންމެ ދުވަހަކު އުފައްދާ ސައޫދީގެ ހަކަތަ އިމްޕޯޓްކުރުމަށް ބަރޯސާވާ ދުނިޔޭގެ މާކެޓުތަކަށް ވެސް މި ބްލޮކޭޑުގެ ސަބަބުން ގެއްލުންވާނެކަމަށް ބެލެވެ އެވެ.
"ލޮލަކަށް ލޮލެއް" ކަމަށް ބުނަމުން ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ވިދާޅުވި "ދުޝްމަނުންނާ ދެކޮޅަށް ކަނޑުމަގުން އެމްބާގޯއެއް ހިންގައި، ވަގުތުން ވަގުތަށް އަމަލުކުރަން ފަށައިފި" ކަމަށެވެ. 
ސުއޭޒް ކެނަލް އަދި މެޑިޓަރޭނިއަން ކަނޑަށް ދަތުރުކުރާ ނުވަތަ އެ ތަންތަނުން އަންނަ އުޅަނދުތައް ވަންނަންޖެހޭ ދެކުނު ބިތުގެ މުހިންމު ޕޮއިންޓެއް ކަމަށްވާ ބާބުލް މަންދަބު ކަނޑުއޮޅީގައި ބާރު ގަދަކޮށް، ހޫތީން ވަނީ ރަތްކަނޑު ހުރަސްކޮށް ކުރާ ދަތުރުފަތުރު ހުއްޓުވަން ކުރިން ވެސް މަސައްކަތްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ