ރައީސް އަބްދުﷲ ޔާމީން ފިޔަވައި ދިވެހި ގައުމު ދިފާއުކުރައްވައި ވަކާލާތުކުރައްވަން ކެރިވަޑައިގަންނަވާ ސިޔާސީ ލީޑަރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި ކުރިއަށް ގެންދަވާ "އިންޑިއާ އައުޓް" ހަރަކާތަކީ އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް، އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަށް ހީނަރުކަން އައުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވާތީ އެ މައްސަލަ ބައްލަވައި ދެއްވުން އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ފަސްގަނޑުގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމަކީ، ގާނޫނާ ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހުއްދަދެއްވައިގެން އުޅުއްވާ ކަމެއް ކަމަށާއި، މިއީ ދިވެހި ގައުމަށް ކުރިމަތިވެފައިވާ ބޮޑު މުސީބާތެއް ކަމަށެވެ.
އަދި، މެމްބަރު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ތާއީދު ކުރައްވާ ބޭފުޅުންގެ ދިވެހި ލޭ ނުހިނގަނީތޯ އައްސަވައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ މެމްބަރުންނަށް ސުވާލު އަމާޒުކުރައްވާފައެވެ. ރައީސް ޔާމީން ފިޔަވައި ދިވެހި ގައުމު ދިފާއުކުރައްވައި ވަކާލާތުކުރައްވަން ކެރިވަޑައިގަންނަވާ ސިޔާސީ ލީޑަރެއް ނެތް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
މީގެއިތުރުން، މިކަމުގައި ރައްޔިތުންގެ ނަޒަރިއްޔާއިން ވިސްނާލުމަށް އެދިވަޑައިގެން މެމްބަރު ވިދާޅުވީ، ގާނޫނުއަސާސީން ދިވެހި ސަލާމަތީ ބާރުތަކަށް މަތިކުރާ ކަންކަން އެހެން ގައުމުގެ ސަލާމަތީ ބާރުތަކުން ދިވެހި ފަސްގަނޑަށް އައިސް ދާއިމަށް ތިބެ، ރައްޔިތުންގެ ފައިސާއިން އެމީހުންނަށް ހަރަދުކުރަން ރައްޔިތުން ބޭނުންނުވާ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންނަކީ ގައުމުގެ ރީތިކަމާއި ސުލްހަވެރިކަން ވިއްކައިގެން ކައިބޮއި އުޅޭ ބައެއް ކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، އެހެން ގައުމެއްގެ ސިފައިން ދިވެހި ބިމުގައި ބޭސްވެގެން ތިބުމަކީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލޭނެ ކަމެއް ކަމަށެވެ. އަދި، ޚުދު އިންޑިއާ ރައްޔިތުންވެސް މިކަމަށްނުރުހޭ ކަމަށް މެމްބަރުގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ.
ރައީސް ޔާމީން ނޫނީ ދިވެހި ފަސްގަނޑު ދިފާއުކުރާ ވެރިއެއް ނެތް: މެމްބަރު ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ