ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް

ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ކުރިއަށް އޮތް 24 ގަޑިއުރު މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ބުނެ ހުދު ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން ބުނީ މުޅި ރާއްޖެއަށް ވެސް ބޯކޮށް ވާރޭ ވެހުމާއެކު، ގުގުރުން އެކަށީގެންވާ ކަމަށާއި، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދާނެ ކަމަށް ލަފާކުރެވޭ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައި ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާ ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުުގުރުން އެކަށީގެންވާ ކަމަށެވެ.
ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެމްބަރު ގައި ވާރޭ ވެހޭ މިންވަރު ގިނަ ހިސާބަކަށް މިދުވަސްވަރު އާންމުކޮށް ވެހޭ ވަރަށްވުރެ އިތުރު ވާނެކަމަށް ބެލެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ