އިންޑިއާ ސިފައިންގެ އަދަދު ހާމަނުކުރި މައްސަލައިގެ ޝަރީއަތް ލައިވް ކުރަން ހައި ކޯޓުން ނިންމައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށް ޑިފެންސް މިނިސްޓްރީގައި އެދުމުން އެ މައުލޫމާތު ހިއްސާކޮށްފައި ނުވާތީ ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ލައިވް ކުރުމަށް އެ ކޯޓުން ނިންމައިފިއެވެ. ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ސިފައިންގެ މައުލޫމާތު ދިނުމަށް އެދި ދިޔަރެސްގެ ނޫސްވެރިއާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަޙުމަދު އަޒާން ޑިފެންސް މިނިސްޓްރީގައި އެދުނު ނަމަވެސް އެ މައުލޫމާތުތަކަކީ ގައުމީ ސަލާމަތަށް ނުރައްކާތެރި މައުލޫމާތުތަކެއް ކަމަށް ބުނެ ޑިފެންސް އިން އެ މައުލޫމާތު ދޭން އިންކާރުކުރިއެވެ. ޑިފެންސްގެ ނިންމުމަށް އިންފޮމޭޝަންސް ކޮމިޝަނާސް އޮފީސް (އައިކޮމް) އިން ވެސް ވަނީ ތާއީދުކޮށްފައެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު މިއަދު ވަނީ ފުރަތަމަ އަޑުއެހުން ބާއްވާފައެވެ. އެގޮތުން މައްސަލަ ހުށަހެޅި ފަރާތުން އެދުނީ ޝަރީއަތުގެ މަޖިލިސް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށެވެ. އެކަމަށް ދައުލަތުން ވެސް އަދި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން ވެސް އިއުތިރާޒްކޮށްފައެއް ނުވެއެވެ. އެހެންކަމުން މައްސަލަ ބައްލަވާ ބެންޗުން ނިންމެވީ, ޝަރީއަތުގެ މަޖިލިސް ލައިވްކޮށްގެން ކުރިއަށް ގެންދިއުމަށެވެ. ލައިވްކުރަން ނިންމުމާއެކު, އިތުރަށް އަޑުއެހުން ކުރިއަށް ނުގެންގޮސް ވަނީ ނިންމާލާފައެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމެއް ކުރިއަށް ގެންދާނީ ލައިވްކޮށްގެންނެވެ. އެ މައްސަލަ ބައްލަވާ ހައިި ކޯޓުގެ ބެންޗުގެ ރިޔާސަތު ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދެވެ. ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ޢަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން ޝަފީއުއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދު ހާމަނުކުރުމަށް ނިންމައި ޑިފެންސުން ބުނީ, އެހެން ގައުމެއްގައި އެ ގައުމުގެ ސިފައިން ތިބޭ ނަމަ އެ އަދަދު ހާމަކުރުމަކީ އެ ސިފައިން ނިސްބަތްވާ ގައުމަކުން ކުރާނެ ކަމަކަށްވާއިރު ރާއްޖެއިން އެފަދަ މައުލޫމާތެއް ހިއްސާކުރުމުން ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަމަށެވެ. ރާއްޖޭގައި ތިބި ބޭރު ސިފައިންގެ އަދަދާއި އެމީހުންނަށް ކުރާ ޚަރަދުގެ ތަފްސީލު ހޯދަން ވެސް އަޒާން އެދުނެވެ. ނަމަވެސް ޑިފެންސް އިން ބުނީ އެފަދަ މައުލޫމާތެއް ހާމަކުރުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުމަށް ބުރޫ އަރާފާނެ ކަމަށާއި އެމީހުންނަށް ޚަރަދު ކުރާ އަދަދު ހިއްސާކުރުމަކީ ސިފައިންގެ އަދަދު އެނގޭނެ ގޮތެއް ކަމަށެވެ. އެމްއެންޑީއެފްގެ އެކި ބޭނުންތަކަށް އަދި ހާލު ދެރަ ބަލި މީހުން ރަށްރަށުން މާލެ ގެނައުމަށް ބޭނުން ކުރަމުން އަންނަނީ އިންޑިއާގެ ދެ ހެލިކޮޕްޓަރެވެ. އެ ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރަމުން އަންނަނީ، އިންޑިއާ ސިފައިންނެވެ. އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރެވެ. ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު އައްޑޫގައި އޮންނަ އިރު އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ