މަގުތަކަށް ދާއިމީ ހައްލެއް ބޭނުން - މަނަދޫ ރައްޔިތުން

‎(ނ.މަނަދޫ) މިރަށު މަގުތަކުގެ އަޑިގުޑަންތަކެއް އެބަހުރިކަމަށާއި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމަށް މިރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
‎މިރަށު ކައުންސިލް ރައީސް އަބްދުއް ރަހުމާން ސަބީހު ވިދާޅުވީ 2014 ވަނަ އަހަރުން ފެށިގެން ޒަމާނީ ފެންވަރަކަށް މަގުތައް ހެދުމަށް ހައުސިންގ މިނިސްޓްރީގައި އެދިފައިވާކަމަށާއި ނަމަވެސް އަދި މިހާތަނަށް މަގުތައް ހެދުމުގެ އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައި ނުވާ ކަމަށެވެ.
މަނަދޫ ބަނދަރު މަތީގައި ތާރު އަޅައިގެން 40 ފޫޓް ފުޅާ މަގެއް ހަދަން މީގެ ކުރިން ނިންމި ނަމަވެސް އެމަގުގެ މަސައްކަތް ފެށުނުއިރު ޑިޒައިން ބަދަލުވެ ތާރު އެޅުމުގެ ބަދަލުގައި ގާ ޖަހައިގެން މަގު ހަދާ ގޮތައް ނިންމާ މިހާރު ވަނީ އެމަސައްކަތް ނިމުމަކާއި ހަމއަށް ގޮސްފައެވެ.
‎"އަޅުގަނޑުމެންނަށް ލިބުނު ޑިޒައިންގައި ވަނީ އެގޮތަށް. އެހެނަސް ކުރެހުންތަކަށް ބަދަލުތަކެއް އައިސް މިހާރު މަގުގެ 45 ފޫޓު ހަދާފައި އެވަނީ. އެ ހަދާއިރުގަ ގާ ޖަހައިގެން އެ ހަދަނީ. މިހާރު އެ މަސައްކަތް އެ ނިމެނީ". ސަބީހު ވިދާޅުވިއެވެ.
މިނިސްޓްރީން ވިދާޅުވެފައިވާގޮތުުން 2017 ވަނަ އަހަރު ބަޖެޓުގައި ހިމެނުމަށް ޔަގީންކަން ދެއްވާފައިވާކަމަށެވެ.
‎މިހާރުން މިހާރަށް މަގުތަކަށް ވަގުތީ ހައްލެއް ގެނައުމުގެ ގޮތުން މަސައްކަތް ފަށާފައިވާކަމަށް ސަބީހު ވިދާޅުވިއެވެ. އެގޮތުން މަގުތަކަށް ފަސް އަޅައި އެއްވަރުކުރުމަށްޓަކައި އެމްޓީސީސީގެ އެހީތެރިކަމާއި އަދި ރައްޔިތުންގެ އެހީތެރިކަމާއެކު ފަށާފައިވާކަމަށް ސަބީހު ވިދާޅުވިއެެވެ.
‎ސަބީހު އިތުރަށް ވިދާޅުވީ މިރަށުގެ ބަދަރު މަގަކީ 2014 ވަނަ އަހަރު ބަޖެޓްކޮށްގެން ހެދުނު މަގެއްކަމަށާއި، ފުރަތަމަ ބަޖެޓުގައި އިން ގޮތުގައި އެ މަގު ހެދުމަށް އިނީ ތާރު އަޅައިގެންކަމަށެވެ.
‎މިރަށަކީ އަތޮޅުގެ އަތަޮޅުވެރިކަން ކުރާާ ރަށެވެ. ޒަމާނީ ފެންވަރުގެ ހޮސްޕިޓަލް ހުންނަނީ މިރަށުގައެވެ. ބޭންކްގެ ހިދުމަތްވެސް ލިބެނީ މިރަށުންނެވެ. މިރަށަށް އެކި ބޭނުންތަކުގައި ދުވާލަކަށް 200 އެއްހާ މީހުން އަރާާކަމަށް ކައުންސިލުން މަޢުލޫމާތުދެއްވައެވެ. މިރަށަށް އަރާ މީހުންވެސް އަދި މިރަށުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުމަކީ މިރަށުގެ މަގުތަކުގެ ފެންބޮޑުވެ، މަގުތަކުގައި ހިގަން ދަތިވުމެވެ.
‎"އަޅުގަނޑުމެންނަށް ވަރަށް އުދަގޫވޭ ވާރޭކޮޅެއް ވެހިލާއިރަށް މަގުމަތީގަ ނުހިގޭ. ވަރަށް ގިނަ މީހުންނަށް އަނިޔާވެސް ވެފަ އެބަހުރި އެފަދަ ދުވަސްތަކުގައި". އާންމުންގެ މީހަކު ބުންޏެވެ.
‎މިރަށުގެ ރައްޔިތުން ބޭނުންވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރުގައި ހެދުމެވެ. ތާރު އަޅައިގެން ނަމަވެސް ރަށުގެ މަގުތަކަށް ދިމާވެފައިވާ މައްސަލައަށް ރަނގަޅު ހައްލެއް އައުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ