ބްރިޖުން ކަރަންޓު އުފައްދާނަން: އިކޮނޮމިކް މިނިސްޓަރު

މާލެއާއި ހުޅުލެއާ ދެމެދު ގާއިމްކުރާ ބްރިޖުން ކަރަންޓު އުފެއްދުމަށް ނިންމާފައިވާ ކަމަށް އިކޮނޮމޮކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ހާސިލްކުރެވުނު ކަންތައްތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ރޭ އޮލިމްޕަހުގައި ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ ބްރިޖް ގާއިމްކުރެވުމުން ހަތަރަކާއި ހަޔަކާ ދެމެދުގެ މެގަވޯޓުގެ ކަރަންޓު އުފައްދާނެ ކަމަށެވެ. އަދި އެތަނުން އުފައްދާ ކަރަންޓު މާލެއަށް ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހަމައެކަނި ބްރިޖެއް ނޫން އަޅަނީ. ބްރިޖަކީ ތިމާވެއްޓާ ރަހުމަތްތެރި، އެ ބްރިޖުން އަޅުގަނޑުމެން ހަތަރަކާ ހަޔަކާ ދެމެދުގެ މެގަވޯޓުގެ ކަރަންޓު އުފައްދާނަން. ސޯލާ އާއި އޮއިގެ ޒަރިއްޔާ އިން ކަރަންޓު އުފެއްދޭނެ އިންތިޒާމެއް ހަދާ މާލޭފެ ސެންޓްރަލް ގްރިޑުގެ ތެރެއަށް ވެއްދުމަށް ރައީސްގެ ވިސްނުން ފުޅުގައި އެބަހުރި،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހުޅުލެއާއި މާލެއާ ދެމެދު އަޅާ ބްރިޖަކީ ޒަމާނާ ގުޅޭ އަދި ދިވެހީން ފަޚުރުވެރިވާ ބްރިޖަކަށްވާނެ ކަމަށާއި ދެ އަހަރު ދުވަހުގެ ތެރޭގައި ބްރިޖް އަޅައި ނިމޭނެ ކަމަށް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ބޭރުގެ ކުންފުނިތަކުން ބުނެފައިވާ ކަމަށެވެ.
ޒުވާނުން ވިޔަފާރި ކުރުމަށްޓަކައި އެތަކެއް ދޮރެއް ހުޅުވެމުންދާ ކަމަށާއި އެގޮތުން ޒުވާނުންނަށް ޚާއްސަކޮށްގެން އިސްލާމިކް ބޭންކު މެދުވެރިކޮށް 96 މިލިއަން ރިފިޔާގެ ލޯން ސްކީމެއް ވަރަށް އަވަހަށް ތައާރަފް ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ މުހިންމު ބިލްތަކެއް ޑްރާފްޓުކޮށް ނިމިފައިވާ ކަމަށާއި އެގޮތުން
ސްޕެޝަލް އެކޮނޮމީގެ ބިލަކާއި ރާއްޖޭގެ ޚާއްސަ އިގްތިސޯދީ ސަރަހައްދުތައް ގާއިމްކުރުމާ ބެހޭ ބިލެއްގެ އިތުރުން ފޮރިން އިންވެސްޓްމަންޓާ ބެހޭ ބިލެއް ޑްރާފްޓުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ