ސަރުކާރުގެ ޖަލްސާތަކުގައި ޤުރްއާން މުބާރާތްތަކުން ވަނަ ހޯދާ ފަރާތްތަކަށް ފުރްޞަތު ދިނުމަށް އަންގައިފި

ސަރުކާރުން ބާއްވާ ޖަލްސާތަކުގައި ޤުރްއާން މުބާރާތްތަކުން ވަނަތައް ހޯދާ ފަރާތްތަކަށް ފުރްޞަތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އެދެފިއެވެ.މިއަދު ރައީސް އޮފީހުގެ ވެބްސައިޓްގައި ރައީސް ޑރ ވަހީދު އާއި ހަވާލާދީ ބުނެފައިވަނީ “ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް، އެކި ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި، ބައްދަލުވުންތަކުގައި ޤުރްއާން ކިޔެވުމުގެ ފުރްޞަތު ދެއްވަން އެދިވަޑައިގަންނަވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި”ކަމަށެވެ. އަދި “މީގެފަހުން ސަރުކާރުގެ އެކި އިދާރާތަކުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިންތިޒާމް ކުރައްވާ ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި އަދި ބައްދަލުވުންތަކުގައި، ކީރިތި ޤުރްއާން ކިޔެވުމަށް ކުދިންނާއި މީހުން ހަމަޖައްސަވާއިރު، މިދެންނެވި ފަދަ މަތީ ވަނަތައް ހޯދާ ކުދިންނަށާއި މީހުންނަށް އިސްކަން ދެއްވައިގެން، އެފަދަ ފުރްޞަތުތައް ދެއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި”ކަމަށްވެސް ރައީސް އޮފީހުގެ ވެބްސައިޓްގައިވެއެވެ.މީގެ އިތުރުން ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، އެކުދިންނަށާއި މީހުންނަށް ޤުރްއާން ކިޔެވުމުގެ ފުރްޞަތު، އެކި ޕްރޮގްރާމްތަކުން ލިބޭގޮތަށް މަސައްކަތް ކޮށްދެއްވުމަށް މީޑިއާގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށާއި، ކަމާބެހޭ އިދާރާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.ޤައުމީ ފެންވަރުގެ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކާއި ބެހޭ މައުޟޫމާތު ކީރިތި ޤުރްއާނާބެހޭ މަރްކަޒާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ ކަމުގައި ރައީސް އޮފީހުން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ