ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް އެމްޑީޕީ މެންބަރަކު ހޮވިވަޑައިގަތުމުން ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް އިފްތިތާހުކުރުމަށް މިއަދު މެންދުރުފަހު މޫކައި ސުއިޓްސްގެ މީޓިންގ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްއަކަށް އިންތިހާބުވެވަޑައިގެންފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މެންބަރުން ބައިވެރިވި މި ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕަށް ޝުކުރު އަދާކުރައްވާ މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންނެވި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހުއަށް މަރުހަބާ ދަންނަވާފައެވެ.
އަދި މަޖިލީހުގެ ނައިބު ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ހޮވިވަޑައިނުގަތުމުން އެކަމާއި ހިތާމަކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ރައީސް މައުމޫން ވަނީ ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތްތައް އެކުވެރިކަމާއިއެކީގައި ކުރިއަށް ގެންދިއުމަށާއި ޕާލަމެންޓްރީ ގްރޫޕް ލީޑަރާއި ނައިބު ލީޑަރު ހޮވުން އަވަސް ކުރުމަށް އެދިވަޑައިގަންނަވާފައެވެ.
ނައިބު ރައީސްއަކަށް އެމްޑީޕީ މެންބަރަކު ހޮވުމުން ގޮންޖެހުންތަކާ ކުރިމަތިވެދާނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ