މެމްބަރު ނާޒިމްގެ މައްސަލަތައް އިލްތިމާސް ކުރީ ގާނޫނާ ހިލާފަށް: ސުއޫދު

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމުގެ މައްސަލަ ދައުލަތުން ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި ވަނީ ގާނޫނު އަސާސީއާއި ކޯޓުތަކާއި ބެހޭ ގާނޫނާ ހިލާފަށް ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.
ސުއޫދު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެމައްސަލަ އިލްތިމާސްކޮށްފައިވަނީ ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި، 50 ވަނަ މާއްދާއާއި، 51 ވަނަ މާއްދާގެ ށ އާއި، ކޯޓުތަކާއި ބެހޭ ގާނޫނުގެ ބައެއް މާއްދާތަކާއި ހިލާފަށް ކަމަށެވެ.
ސުއޫދު ވިދާޅުވީ ނާޒިމްގެ މައްސަލަތައް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ހައިކޯޓުން ނިންމާފައިވާއިރު ސްޕްރީމް ކޯޓުގައި އެ މައްސަލަތައް އިލްތިމާސްކޮށްފައިވަނީ އިސްތިއުނާފު ކުރަން ދީފައި އޮތް 90 ދުވަހުގެ މުއްދަތު ހަމަވި ފަހުން ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ކަމަށެވެ.
އޭގެއިތުރުން ނާޒިމުގެ މައްޗަށް ހެކި ހުށަހަޅަން ފުރުސަތު ނުދިން ކަމަށް ދައުލަތުން ބުނެފައިވާއިރު، ހެކިންގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ނާޒިމާއެކު ކުށުގެ އަމަލު ހިނގި ކަމަށް ބުނާ ބައެއް ކަމަށާއި އެމީހުން ބަލައިނުގަންނަން ނިންމާފައިވާ ކަމަށް ސުއޫދު ވިދާޅުވި އެވެ.
ސުއޫދު އިތުރަށް ވިދާޅުވީ ނާޒިމްގެ މައްޗަށް ތުހުމަތު ކުރެވުނު ހަތަރު މައްސަލައިގައި ވެސް އޭނާ ކުރީ ކުށެއް ކަމަށް ނުބެލެވޭ ކަމަށް ދަށު ކޯޓާއި ހައި ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށެވެ. އަދި އެގޮތަށް ނިންމާފައިވަނީ ފަނޑިޔާރުންނަށް ލިބިދޭ ބާރުގެ ދަށުން ކަމަށާއި އެއީ ރަނގަޅަށް ނިންމި ނިންމުމެއް ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ. އަދި އެމައްސަލައިގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުން ކުރި ހުކުމްތަކަކީ ރަނގަޅު ހުކުމްތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ، މުއްްދަތު ހަމަވި ފަހުން މައްސަލަ ސްޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވަނީ މަގުބޫލު ސަބަބެއް އޮވެގެން ކަމަށާއި، އެކަމަށް ސްޕްރީމް ކޯޓުގެ ގަވާއިދުން ތަންދޭ ކަމަށެވެ. އަދި މައްސަލަ ހުށަހަޅާފައިވަނީ ސްޕްރީމް ކޯޓުން ހުއްދަދީގެން ކަމަށެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީނާޒިމްގެ ފަރާތުން ދެއްކި ވާހަކަތަކަށް ޖަވާބުދާރީވާން އިތުރު ފުރުސަތަކަށް އެދުމުން އެ ފުރުސަތު ދިނުމަށެވެ.
ދައުލަތުން ނާޒިމްގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާކުރަމުންދާއިރު، މީގެ ކުރިން ނާޒިމްގެ ދެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރަމުން އައި ދެ ވަކީލުންވެސް ވަނީ އެއްމައްސަލަ ދޫކޮށްލާފަ އެވެ. ނާޒިމްގެ ވަކީލުންގެ ގޮތުގައި ކުރިން މަސައްކަތް ކުރަމުން ގޮސްފައިވަނީ، އަހުމަދު ސަލީމް އާއި އާދަމް އާސިފް އެވެ.
އޭގެ ތެރެއިން ސަލީމް އެ މައްސަލަ ދޫކޮށްލާފައިވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއް ކުރަމުންދާތީއެވެ. އަދި އާސިފް އެމައްސަލަ ދޫކޮށްލާފައިވަނީ ނާޒިމްގެ މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ފުރާނައަށްވެސް ނުރައްކާވާވަރުގެ ކަމެއް ކަމަށް ވިދާޅުވުމަށްފަހު އެވެ.
ރައީސް މައުމޫން ސަރުކާރުން އިއުލާން ކުރި ހަތަރު ޕްރޮޖެކްޓެއް މަކަރާ ހީލަތުން ކާމިޔާބު ކުރި ކަމަށް ބުނެ މަގާމުގެ ނުފޫޒު ބޭނުންކުރިކަމުގެ ހަތަރު ދައުވާއެއް ދައުލަތުން ނާޒިމްގެ މައްޗަށް ފުރަތަމަ އުފުލީ ކްރިމިނަލް ކޯޓުގަ އެވެ.
އެހެން ނަމަވެސް އެމައްސަލަ ސާބިތުނުވާ ކަމަށް ކޯޓުން ހުކުމް ކުރުމުން ދައުލަތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް މައްސަލަ ނިންމީ ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ އެއްވެސް ދައުވާއެއް ސާބިތު ނުވާ ކަމަށެވެ. ހައި ކޯޓުން މިގޮތަށް ހުކުމްކޮށްފައިވާތީ ދައުލަތުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ