ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިނިވަން މެންބަރެއްގެ ގޮތުގައި އިންތިހާބުވެވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކުރައްވައިފި އެވެ.
ހަލީލް ޕީޕީއެމަށް ސޮއިކުރެއްވީ މުލިއާގޭގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި އެލައިޑް އިންޝިއުރަންސްގެ ޗެއާމަން އަދި ޕީޕީއެމްގެ ރަޖިސްޓްރާ ހިޔަލީ މުހައްމަދު ރަޝީދާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތޮލާލް ބައިވެރިވެވަޑައިގެންނެވި އެވެ.
ހަލީލް ނިލަންދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވީ ޕީޕީއެމް ޓިކެޓުގައި އެދާއިރާއަށް ވާދަކުރެއްވި އޭނާގެ ބޮޑުބޭބެ އަދި އެފްއޭއެމްގެ ނައިބު ރައީސް އަބްދުލް މުހްސިން މުހައްމަދު (ޖޭފޯ)އާ ވާދަކުރައްވައި އެންމެ ވޯޓެއްގެ ތަފާތުންނެވެ.
އޭނާ ޕީޕީއެމްއަށް ސޮއިކުރެއްވުމާއިއެކު އެޕާޓީގެ މަޖިލިސް މެންބަރުންގެ އަދަދު ވަނީ 38 އަކަށް އަރާައެވެ. އަދި ޕީޕީއެމް އެމްޑީއޭ ކޯލިޝަންގެ ގޮނޑީގެ އަދަދު ވަނީ 43 އަކަށް އަރާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީލް ވިދާޅުވީ ޕީޕީއެމާއި ގުޅުނީ ރައްޔިތުންނަށް ފައިދާ ހުރި ކަންތައް ކުރެވޭނީ ޕީޕީއެމަށް ކަމަށްވާތީ ކަމަށާއި މަޖިލިސް ތެރެއިން ޕީޕީއެމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމަށެވެ.
އަދި ކުރީގައި ވެސް މަސައްކަތްކޮށްފައިވާނީ ޕީޕީއެމް އާއި އެކު ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނީ ޕީޕީއެމް އާއި އެކު ކަމަށް ހަލީލް ވިދާޅުވި އެވެ.
ހަލީލް މީގެކުރިން ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު ވެސް ފުުރުއްވާފަ އެވެ.
ޚަލީލް ޕީޕީއެމަށް ސޮއިކުރެއްވުމުން މިވަގުތު އަމިއްލަ މެންބަރެއްގެ ގޮތުގައި ހަމައެކަނި މަޖިލިސް ތަމްސީލް ކުރައްވަނީ މަޑަވެލި ދާއިރާގެ މެންބަރު މުއާޒު މުހައްމަދު ރަޝީދު އެވެ.
ނިލަންދޫ ދާއިރާގެ މެންބަރު ޕީޕީއެމަށް ސޮއިކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ