އެމްޑީޕީން ހަވީރު މަގު މައްޗަށް ނުކުތުމެ ބެރިކޭޑްތައް ހުރަސްކުރުމުން މުޒާހަރާ ފުލުހުން ހުއްޓުވައިފި

އެމްޑީޕީން ހޮނިހިރު ދުވަހު ހަވީރު މުޒާހަރާ ކުރުމަށް އާރޓިފިޝަލް ބީޗް ސަރަހައްދަށް އެއްވުމަށްފަހު މަގުމައްޗަށް ނުކުމެ އެތައް ބައަކު ފުލުހުންގެ ބެރިކޭޑްތައް ހުރަސްކޮށް މަގުތަކަށް ނުކުތުމުން ފުލުހުން އެމްޑީޕީގެ މުޒާހަރާ ހުއްޓުވައިފިއެވެ.
މުޒާހަރާގެ ބައިވެރިން ކުރިއަށް ނުދިއުމަށް ފުލުހުން އަމުރުކުރުމުންވެސް އަމުރަށް ނުކިޔަމަންތެރިވެ ގިނަ ބައަކު މަގުތަކަށް ނުކުތުމުން ފުލުހުން ވަނީ ޕެޕަރ ސްޕްރޭ އާއި ކަރުނަ ގޭހުގެ ބޭނުން ކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޝުޢޫރު ފައުޅުކުރުމަށް ރޭގަނޑު 12:00 އާއި ހަމއަސް ފުލުހުން އެމްޑީޕީއަށް ފުރުޞަތު ދިން ކަަމަށާއި މުޒާހަރާ ހުއްޓުވަން ޖެހުނީ މަގުތަކަށް ނުކުމެ މަގުތައް ހަލަބޮލިކުރަން މަސައްކަތްކުރަން ފެށުމުން ކަަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ އެކިދިމާތަކުން މަގުތަކަށް ނުކުމެ މަގުތަކުގެ އަމާންކަން ނަގައިލައި ހަލަބޮލިކުރަން މަސައްކަތްކުރި 13 މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެންދެވިފައިވާ ކަމަށައި އެއިގެ ތެރޭގައި ކުރީގެ ތައުލީމީ ވަޒީރު ޑރ. މުޞްޠަފާ ލުޠްފީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގެ މަގުތައް މިހާރު ވަނީ އަމާންކުރެވިފައި ކަމަށާއި އާރޓިފިޝަލް ބީޗް ސަރަހައްދުވެސް ވަނީ ސާފުކުރެވި ޢާންމުކޮށް ހުޅުވައިލެވިފައި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ