ނާޒިމްގެ އެޕާޓްމަންޓް ފާސްކުރަން ނެރުނު އަމުރަށް ހައި ކޯޓުން ގޮތެއް ނުނިންމި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓް ބަލައި ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ ސައްހަކަމާ މެދު ގޮތެއް ނިންމޭނީ ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި މިހާރު ހުށަހެޅިފައިވާ މައްސަލައިގެ ޝަރީއަތުގައި ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.
ނާޒިމްގެ އެޕާޓްމެންޓްގައި ޓެރަރިޒަމާއި ހަނގުރާމަވެރި ހަތިޔާރާއި ގޮވާތަކެތި ގެންގުޅޭކަމަށް ތުހުމަތުކުރެވިގެން އެމައްސަލައާ ގުޅުންހުރި ހެއްކާއި ގަރީނާ ހޯދުމަށްޓަކައި ގ. އެނިފްގެ ބަލައި ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރަން ނާޒިމްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލައިގައި ނާޒިމްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ އަމުރުގެ ސައްހަ ކަމާ މެދު ހައި ކޯޓުން މިހާރު ގޮތެއް ނިންމުމަކީ ކްރިމިނަލް ކޯޓުގައި އޮތް މައްސަލައަށް އަސަރުކޮށްފާނެ ކަމެއް ކަމަށެވެ.
އަދި އެ އަމުރުގެ ސައްހަ ކަމާ މެދު ހައި ކޯޓުން މިހާރު ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށާއި، އެހެންނަމަވެސް އެ ނުކުތާ ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ. އަދި އެ ނުކުތާ ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި ނަމަ އެ ނުކުތާއާ މެދު އެ ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނެ ކަމަށް ވެސް ހައި ކޯޓުގެ ނިންމުމުގައިވެ އެވެ.
ހައިކޯޓުން ކުރި ހުކުމާއެކު ކޯޓުން ނިކުމެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހުންނެވި މައުމޫން ހަމީދު ވިދާޅުވީ އެގޮތަށް ކޯޓުން ނިންމުމުން އެ މައްސަަލަ ދަށު ކޯޓަށް ހުށަހަޅާނެ ކަމަށެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ފަތިހު ކޯޓު އަމުރެއްގެ ދަށުން، ނާޒިމްގެ އެޕާޓްމަންޓް ބަލައި ފާސްކުރުމުން ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު ނާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުންނާއި ނާޒިމްގެ ގާތް ބޭފުޅުންގެ އިތުރުން ސިޔާސީ ބައެއް އިސްވެރިންވެސް ގެންދަނީ އެވާހަކަތައް ދޮގުކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ