ފަރަށް އެރި ދޯންޏަކުން ދަތުރުކުރި 3 މީހުން ކަނޑުވެފައި ތިއްބާ ސަލާމަތް ކޮށްފި
މާލޭން ފުރައިގެން ތ. ވޭމަންޑުއަށް ފިލާ ފަދަ ސާމާނު ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައިފިއެވެ. ފުލުހުން ބުނީ، "އަލްމަޖްރާ" ނަމަކަށް ކިޔާ ދޯންޏެއް ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:34 ހާއިރު ކަމަށެވެ. އެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ދޯނިން ދަތުރުކުރި ތިން މީހަކު ހާލުގައި ޖެހިފައި ފަރުމަތީ ތިއްބާ ފެނިފައިވާ ކަމަށާއި، އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން ކަމަށް ފުލުހުން ބުންޏެވެ. ފިލާ ބަރުކޮށްގެން ދަނިކޮށް ދިއްގިރި ފަޅު ކައިރިން ފަރަށް އެރި "އަލްމަޖްރާ" ދޯނި: 3 ފަޅުވެރިންގެ ހާލު ރަނގަޅު --- ފޮޓޯ: ފުލުހުން އެ ތިން މީހުން ފުލުހުންގެ ލޯންޗަށް ނަގައި ވ. ފެލިދުއަށް ގެންގޮސްފައިވާ ކަމަށާއި، ތިން މީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ، ދޯނި އަޑިއަށް ދިޔައިރު އެ ދޯނީގައި ގިނަ އަދަދެއްގެ ފިލައާއި އެފަދަ ބާވަތުގެ ތަކެތި ހުންނާނެ ކަމަށް، ދޯނީގެ ފަޅުވެރިންނާ ހަވާލާދީ ބުނެފައެވެ. އެއާއެކު، އެ ސަަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވުމަށް ފުލުހުން ބުންޏެވެ. އިއްޔެ ވެސް ވަނީ, މިފަދަ ހާދިސާއެއް ހިނގައިފައެވެ. އެގޮތުން ކުނި ބަރުކޮށްގެން ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިސޯޓުން ކ. ތިލަފުށްޓަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފަރަށް އަރައި, ހާލުގައި ޖެހުނު ތިން މީހުން އެމްއެންޑީއެފްއިން އިއްޔެ ވަނީ ސަލާމަތް ކޮށްފައެވެ. އެއީ ވެސް ދިވެއްސަކާއި ދެ ބިދޭސީންނެވެ. ކަނޑުމަތީގެ ހާދިސާތައް ހިނގަމުން އަންނައިރު މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް އެހާ މޫސުން ރަނގަޅު ދުވަސްވަރެއް ނޫނެެވެ. އިއްޔެ ވެސް މެޓް އޮފީހުން ވަނީ ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ