ޢާއިލާގެ މީހުންނަށާ އެކުވެރިންނަށް އަދި ކޮންމެ މީހަކަށްވެސް ދިނުމުން އެންމެ ފައިދާކުރާނެ ދަޢުވަތު! އެންމެންނަށް ޝެއާކޮށްލީމަ ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

ބައެއް ކަންކަމަކީ އާދައިގެ ކުދިކުދި ކަންކަމެވެ. އަނެއްބައި ކަންކަމަކީ ބޮޑެތި ކަންކަމެވެ. ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. ނަމަވެސް ކުރަން އިހްމާލްވެވި ފަރުވާ ކުޑަކުރެވޭ ބައަކު ތިބެއެވެ. އެމީހުންނަށްޓަކައި އޮތީ ހަނދުމަކޮށްދިނުމެވެ. ހަނދުމަކޮށްދިނުމުގެ މުހިންމުކަން ބޮޑުކަމުން ހަނދުމަކޮށްދިނުން ﷲ ތަޢާލާ ލައްވަވާފައިވަނީ ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައެވެ. ރަނގަޅަށް އަޑުއަހާށެވެ!
ކޮންމެ އިންސާނަކަށްވެސް ﷲ ތަޢާލާ ފުރުޞަތުތަކެއް ދެއްވަވައެވެ. ދުނިޔެއާއި އާޚިރަތުގައިވެސް ރޮއި ހިތާމަކުރަންޖެހޭނީ ދެއްވެވި ފުރުޞަތުތަކުގެ ބޭނުން ނުހިފި މީހުންނަށެވެ. މިއީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކީރިތި ޤުރްއާނުން ޔަޤީންކުރެވެން އޮތް ކަމެކެވެ. ވިސްނޭނީ ވިސްނަން ބޭނުންވެ ވިސްނަން މަސައްކަތްކުރި މީހަކަށެވެ.
ގަސްވެސްފަޅައި ހެދިބޮޑުވެ މޭވާ ލިބެނީ ގަހެއް އިންދިމުންނެވެ. ގަހެއް ނީންދައި ގަހުން މޭވާލިބުމަށް އެދެވޭނީ ކޮންފަދައަކުން ހެއްޔެވެ؟ ވީމާ ތިމާ އިންދާގަހުން މޭވާ ބިންނަން އުންމީދުކުރާމީހާއަށް އޮތީ ކުރިއާލައި އަވަހަށް ގަސް އިންދުމެވެ. ލަސްކުރިވަރަކަށް މޭވާލިބުން ލަސްވާނެއެވެ. މާލަހުން އިންދިއްޖެނަމަ މޭވާ ނުލިބިވަނިކޮށް ދުނިޔެ ދޫކުރަންވެސް ޖެހިދާނެއެވެ.
ވީމާ މިއަދުގެ ހަމަމިވަގުތަކީ ތިބާ ތައުބާވާވަގުތުކަމަށްހަދާށެވެ! އަދި ފަހުން ކުރަން މަޑުކޮށްގެން ހުރި ހުރިހާ ހެޔޮޢަމަލުތަކެއް ހަމަމިވަގުތުންފެށިގެން ކުރަންފަށާށެވެ! އެހެނީ މާދަމާ ތިބާ އާއި ބައްދަލުނުކޮށްފާނެއެވެ. މާދަމާ އާއި ބައްދަލުކުރެވޭނެ ކަމުގެ ޔަޤީންކަން އޮތް ހަމައެކަކުވެސް ނުހުންނާނެއެވެ.
އެހެނީ ހަމަ މިވަގުތުގައިވެސް މަރުގެމަލާއިކަތާ ވަޑައިގެން މަރުހިއްޕަވައިފާނެއެވެ. މަރުގެ މަލާއިކަތާ ތިބާގެ ލޮލަށް ފެންނަހިނދުން ފެށިގެން ތިބާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދާނެއެވެ. ކިތަންމެ ބޭނުންވިނަމަވެސް އެންމެ ގާތުގައި ހުރި މީހަކާއިވެސް ވާހަކައެއް ނުދެއްކޭނެއެވެ. ދޫތަޅުލެވިގެންދާނެއެވެ.
ތައުބާވެ އިތުރު ފުރުޞަތަކަށް އެދުމުގެ ފުރުޞަތު މިއަދު ތިބާއަށް ލިބިގެންވެއެވެ. ނަމަވެސް މަރުގެ މަލާއިކަތާ ތިބާގެ ލޮލަށް ފެނުމުގެ ކުރިންނެވެ. އެއިގެކުރިން އެފުރުޞަތުގެ ބޭނުން ނުހިފާމީހާ އަބާއްޖަވެރިކަމުގެ ތެރެއަށް ވެއްޓިގަންނަނީ ހަމަ އެމީހަކު އަމިއްލައަށެވެ. އެފަދަ މީހުންނަށްވުރެ މޮޔަކަންބޮޑު މީހަކީ ކާކުހެއްޔެވެ؟
އެކުވެރިޔާއެވެ! އަހަރެންވެސް މިހުރީ ތައުބާވެގެންނެވެ. މިބުނެދިން މަގުން ޢަމަލުކޮށްގެންނެވެ. އެކުވެރިޔާއަށްވެސް ދައުވަތުމިދެނީ އަވަހަށް ހަމަ މިވަގުތު ތައުބާވުމަށެވެ. އެކަން ހިނދުކޮޅަކަށްވެސް ލަސްނުކުރުމަށެވެ. މިއީ އެކުވެރިޔާއާއި މިހާރުވެސް ބައްދަލުވެއުޅެން އެދޭފަދައިން ސުވަރުގެއިންވެސް އެކުވެރިޔާ އާއި ބައްދަލުވުމަށް އެދޭތީ އަހުރެން ވަރަށް ލޯބިން އިޚްލާޞްތެރިކަމާއިއެކު ދިން ދަޢުވަތެއްކަމަށް ޤަބޫލުކުރާށެވެ!
އަދި އަހުރެން ތިބާއަށް މިދިން ދައުވަތު ތިބާގެ އެކުވެރިންނަށްވެސް ދޭށެވެ! ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ތިބާއަށް އިތުރުވެގެންދާނެއެވެ! އިން ޝާ ﷲ
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ